
ސައުތު އޭޝިއަން އޭސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނަރަލް، އެމްޑީ ގޮލަމް ސަރުވާރު ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.
ގޮލަމް ސަރުވާރު ރާއްޖެއަށް ކުރައްވަ މި ދަތުރަކީ، މިދިޔަ އޮކްޓޫބަރު މަހު އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ތައާރަފު ވުމުގެ ގޮތުން ކުރައްވާ ދަތުރެއް ކަމަށް ފޮރިން މިިނިސްޓްރީން ބުނެއެވެ.
ގޮލަމް ސަރުވާރާ އެކު އޭނާގެ އަނބިކަނބަލުން ތަސްލީމާ ސަރުވާރާއި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރު ޝާހިޔާ އަލިމަނިކާއި ބަވެޝް ރ. ޓްރިވެޑީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ފަސް ދުވަހަށް ކުރައްވާ މި ދަތުރު ނިންމަވާލެއްވުމަށް ފަހު އެ ބޭފުޅުން ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.