ޕީޖީގެ ވަކީލުން ޕެޓިޝަނުގައި ސޮއިކުރުމަކީ ހިތާމަހުރި ކަމެއް: ނިހާން

ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުގެ 30 ވަކީލަކު ސޮއިކޮށް ޕެޓިޝަނެއް ތައްޔާރު ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޖީއޮފީހުގެ ވަކީލުންގެ ޕެޓިޝަނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް މަޖިލީހުން އިތުރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. ވަކީލުން އެހެން ވިދާޅުވައިވަނީ މަޖިލީހުން އަމަލުކުރެއްވީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ނިންމަވާފައި ވަނިކޮށްނެވެ.

ނިހާން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުގެ އެފަދަ ނިންމެވުމެއް ނުވަތަ ހުކުމެއް އޮވައި ޕީޖީ އޮފީހުގެ ވަކީލުން އެފަދަ ޕެޓިޝަނެއްގައި ސޮއި ކުރެއްވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެ ޕެޓީޝަން ގަބޫލުވެސް ނުކުރައްވާނެ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސައްހަކަމަށް ސްޕްރީމްކޯޓުގެ އަމުރެއް ނެރެފައި ވަނިކޮށް ޕްރޮސެކިޔުޓަރޖެނެރަލް އޮފީހުގެ ބައެއް ވަކީލުން މަޖިލިސްގެ ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއްކަން ދައްކަން ޕެޓިޝަނެއްގައި ސޮއި ކުރުމަކީ ހިތާމަހުރި ކަމެއް. ޕީޕީއެމް/އެމްޑީއޭ ޕީޖީ ގްރޫޕުން މިކަން ބަލައެއް ނުގަންނަން،" ނިހާން ވިދާޅުވެފައިވެއެވެ. އޭޖީ އޮފީހުގެވެސް ބައެއް ވަކީލުންވަނީ އެފަދަ ޕެޓިޝަނެއްގައި ސޮއިކުރައްވައިފައެވެ.

މިފަދަ ޕެޓިޝަނެއްގައި އެ ވަކީލުން ސޮއިކުރެއްވިއިރު ޕީޖީ ބިޝާމް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ ސައްހަ ގޮތަކަށްނޫން ކަމަށް ވިދާޅުވެ އެކަން ފުލުހުންނާ ހިއްސާ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.