ރައްޔިތުންގެ އަތުން ނަގައިފައިވާ ބިންތައް ހަވާލުކުރަނީ

ރައީސް ނަޝީދުގެ ސަރުކާރުން ބަދަލުދޭ ގޮތަށް އައްޑޫސިޓީގެ ބައެއް މީހުންގެ އަތުން ނަގައިފައިވާ ބިންތައް އޭގެ ވެރިފަރާތާ އަލުން ހަވާލު ކުރައްވަން ހައުސިން މިނިސްޓަރު ނިންމަވައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އައްޑޫ ސިޓީ ރައްޔިތުންގެ ތާއީދު އޮތްމިންވަރު ހާމަކޮށްދިނުމުގެ ގޮތުން މިއަދު ހަވީރު ހިތަދޫގައި ބޭއްވި އެއްވުމުގައި މިނިސްޓަރު ސައީދު ދެއްކެވި ކުރު ވާހަކަ ފުޅުގައި ވިދާޅުވީ އެމަނިކުފާނަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ގުޅުއްވައި އެ މެސެޖު އައްޑޫ ރައްޔިތުންނަށް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

"ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ބިންތައް އޭގެ ވެރިފަރާތްތަކާ އަލުން ހަވާލު ކުރުމަށް އުސޫލުތަކެއް ހަމަޖައްސަވަމުން ގެންދަވާ ކަމަށް. އެ އުސޫލުތައް ހަމަޖައްސަވައި ވަރަށް އަވަހަށް އެބިންތައް އޭގެ ވެރިންނާ ހަވާލު ކޮށްދެއްވާނޭ ކަމަށް،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މީހުންނަށް ކުރިން ދޫކޮށްފައިވާ ބިންތައް ނުވަތަ ގޯތިތައް ނަޝީދުގެ ސަރުކާރުން ނެންގެވީ 2011 ވަނަ އަހަރުއެވެ. ގޯތިތައް ނެންގެވީ އީސީސީ ބިނާ ކުރެއްވުމަށްޓަކައެވެ. އެހެންނަމަވެސް އެ ގޯތިތަކުގެ ވެރިންނަށް އަދާހަމައަށްވެސް ބަދަލު ލިބިފައި ނުވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ހައުސިންމިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަބްދުﷲ ޒިއާދު މިމަހުގެ ކުރީކޮޅު އައްޑުއަށް ވަޑައިގެން ވިދާޅުވެފައިވަނީ އެގޯތިތަކުގެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް ބަދަލު ދެއްވާނެ ކަމަށެވެ. ބަދަލު ދެއްވާނެ ގޮތެއް ޒިޔާދު ވިދާޅުވެފައެއް ނުވެއެވެ. އެދުވަހު އޭނާވެސް ވިދާޅުވީ އެކަމަށް އުސޫލެއް ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.