މަގުމަތީގެ މިއަދުގެ ހަރަކާތް ވަރަށް ކާމިޔާބު: އެމްޑީޕީ

އެމްޑީޕީ އައްޑޫސިޓީ ދާއިރާއިން އިސްނަގައިގެން މިއަދު ހަވީރު ބޭއްވި މަގުމަތީ ހަރަކާތް ވަރަށް ކާމިޔާބު ކަމަށް އެމްޑީޕީ އައްޑޫސިޓީ ދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރޭވިގޮތަށް މިއަދުގެ ހަރަކާތް ކުރިއަށްދިޔަ ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވީ މަގުމަތީ ހަރަކާތުގައި ސަރުކާރަށް މެސެޖުދޭން. އަޅުގަނޑުމެން ބޭނުންވި މެސެޖުތައް ދެވުނު. އަޅުގަނޑުމެން ބޭނުވި ވަރަށް ކްރައުޑުވެސް އެއްވި. އަބަދުވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ސުލްވެރި އެއްވުންތައް ބާއްވާން،" އޭނާ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ މިއަދުގެ ހަރަކާތް ފެށުމުގެ ކުރިންވެސް ފުލުހުންވަނީ އެހަރަކާތަށް ހުރަސް އަޅައިފައެވެ. "ފުލުހުން ކުރީކޮޅު ހުރަސްއެޅިޔަސް ފަހުން އެކަން ދޫކޮށްލައިފި. ލިންކު ރޯޑުގައި އަޅުގަނޑުމެންނަށް ބޭނުން ގޮތަކަށް ހަރަކާތްތެރި ވުމުގެ ފުރުސަތުވެސް ލިބުނު،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މިއަދުގެ ހަރަކާތް ކުރިއަށް ގެންދިޔައިރު ފަސްޓް ލޭޑޭ ފާތުމަތު އިބްރާހީމް އިސް ނަންގަވައިގެން ހިތަދޫ ސްޓޭޖު ސަރަހައްދުގައިވެސް ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. އިބުރޭ ވިދާޅުވީ އެމްޑީޕީގެ ހަރަކާތަށް ފުލުހުން ބޮޑަށް ހުރަސްއެޅީ އެ ސަރަހައްދުން ކަމަށެވެ.

އެމްޑީޕީން މިއަދުގެ ހަރަކާތް ފެށުމުން ފުލުހުންވަނީ އެއްވި މީހުން މެދަށް ލުމަށްފަހު ދެކޮޅުން ފުލުހުންގެ ސަފުތައް އަތުރައި ބަންދުކޮށްފައެވެ. އެހެންނަމަވެސް ބެރިކޭޑު ޖަހައިގެން ބަންދެއް ނުކުރެއެވެ. އެމްޑީޕީގެ ހަރަކާތް ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭވެސް ޖަހައިފައެވެ. އެހެންނަމަވެސް އޭގެ އަސަރެއް އެއްވެސް މީހަކަށް މާބޮޑަށް ނުކުރާ ކަމަށް އިބުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާދަމާވެސް މަގުމަތީގެ ހަރަކާތް އޮންނާނެ ކަމަށެވެ. މާދަމާގެ ހަރަކާތް މިއަދަށްވުރެ ވަރުގަދަވާނެ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.