ރައީސް ޔާމީނަށް ތާއިދުއޮތްކަން ހާމަކުރުމަށް ހަރަކާތެއް ބާއްވައިފި

އަދުގެ ސަރުކާރަށް ރައްޑޫ ރައްޔިތުންގެ ތާއީދުއޮތްކަން ހާމަކުރުމުގެ ހަރަކާތެއް އައްޑޫ ސިޓީގައި މިއަދު ބާއްވައިފިއެވެ.

އައްޑޫސިޓީ ހިތަދޫ ޒުވާނުންގެ މަރުކަޒު ސްޓޭޖު ސަރަހައްދުގައި ބޭއްވި މި ހަރަކާތުގައި އައްޑޫސިޓީގެ ގިނައަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. އޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްއާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންވެސް މިހަރަކާތުގައިވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

"މަގެ ދީނާ މަގެ ގައުމާ ނުކުޅެއްޗޭ" މި ޝިއާރުގެ ދަށުން ބޭއްވި މި ހަރަކާތަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްނަންގަވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި އެއްވުމުގައި ބައިވެރިވި ގިނަމީހުންވަނީ އެމީހުންގެ ތާއީދު ސަރުކާރަށާއި ރައީސް ޔާމީނަށް އޮތްކަން ހާމަކޮށް އެމީހުންގެ ހިތުގެ ޝުއޫރު ފާޅުކޮށްފައެވެ.

އެއްވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާގެ މަޖިލިސް މެންނަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވީ މިސަރުކާރު ވައްޓާލުމަށް ބަޣާވާތްކުރި މީހުން މީހާރުތިބީ ޖަލުގައި ކަމަށެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނި ވަޑައިގަންނަވާތީ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ ރައްޔިތުންނަކީ އެފަދަ ބަޣާވާތްތަކަށް ދުވަހަކުވެސް ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ މަޖިލިސް މެންނަރު ރިޔާޒު ރަޝީދު ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ އައްޑޫސިޓީގެ ތަރައްގީއަށް އެތައް ކަމެއް ކޮށްދެއްވަމުން ކަމަށެވެ. ކުރީގެ ސަރުކާރުތަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދެއްވައިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. މިސަރުކާރުން އެގެންދަނީ ޓާޝާރީ ހޮސްޕިޓަލަކާއި، ފެނާއި، ނަރުދަމާގެ މަސައްކަތް ނިންމަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވެރިކަމަށް ހޮވައިފި ކަމަށްވާނަމަ އެ ފަސްއަހަރު ނިމޭއިރު އައްޑޫ ރައްޔިތުންގެ ތަރައްގީ ރައީސް ޔާމީން ފުރިހަމަކޮށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.