ފެނަކަ ހަރުދަނާ ކަމާއެކު ފަށާ، ފުރަތަމަ ކުއާޓަރ އުއްމީދީ ކުރިއެރުމެއް

ފެނަކަ ކޯޕަރޭޝަން އޮތް ހާލަތުން އަރައިގަނެ، ފައިދާވާ، ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުންފުންޏަކަށް ހެދުމަށް އައު މެނޭޖްމަންޓުން ހާއްސަ އިސްކަމެއް ދީގެން ފުރަތަމަ ކުއާޓަރގައި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ބޮޑު އިސްކަމެއް ދެވުނީ ކުންފުނީގެ ހަރަދުތައް ކުޑަ ކުރުމަށް މިގޮތުން، ކުންފުނިން ކުރަމުން އަންނަ ހަރަދުތައް ރީސްޓްރަކްޗަރކުރުމުގެ މަސައްކަތަށެވެ، އެގޮތުން އޮޕަރޭޝަނަލް ޕްރޮފިޓަބިލިޓީ 117% ގެ ކުރިއެރުމެއް 2023 ވަނަ އަހަރު ފަހު ކުއާޓާއާ ބަލާއިރު ވަނީ ހޯދިފައެވެ. އަދި ހިންގުމުގެ ހަރަދު 4% ވަނީ ކުޑަ ކުރެވިފައިކަން ފާހަގަ ކުރަމެވެ.

ފާހަގަކޮށްލެވޭ ކަންކަމަށް ބަލާއިރު، ހިފެހެއްޓުމެއް ނެތި ސީ.އެސް.އާރް އަށް ކުރަަމުން އައި ބޮޑެތި ހަރަދުތައް 2023 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާކިއާއިރު 96% ވަނީ ކުޑަކުރެވިފައެވެ. މީގެ އިތުރުން، ކުންފުނިން ހިދުމަތް އިތުރަށް ހަރުދަނާކޮށް ކުރަމުން އަންނަ ބައެއް ހަަރަދުތައް، އަގު ހެޔޮކޮށް ކުރެވޭނެ ގޮތްތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ސަޕްލައި ކުރާ ދޯނި ވަކި ވަކިން ކޮންމެ ދަތުރަކަށް ކުއްޔަށް ބޮޑު އަގުގައި ނެގުން ހުއްޓުވާ، އިޢުލާން ކުރެވިގެން ދޯންޔެއް އަދި ލޭންޑިންގ ކްރާފްޓްއެއް ގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އަދި، ކުންފުނީގެ މެޝިނަރީޒް ސާވިސް ކުރުމަށް ކުރެވޭ ހަރަދުތައް ކުޑަކުރުމަށް، ސެންޓްރަލް ސާވިސް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މި ސެންޓަރު ޤާއިމު ކުރެވެމުން ކުންފުނީގެ އެސެޓްތައް، އޮޕަރޭޝަންއަށް ބުރުނާރާނެ ގޮތައް އަގުހެޔޮކޮށް ސާވިސް ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ.

ހަރަދުތައް ކުޑަ ކުރުމުގެ އިތުރުން، ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް ނުހުއްޓި، އަދި އިތުރަށް ރަނގަޅު ކުރުމަށް، ފުރަތަމަ ކުއާޓާގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި، މިގޮތުން ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 20 ރަށެއްގައި އިތުރުކޮށް، ޖުމްލަ 10.7 މެގަވޯޓް ވަނީ ފެނަކައިގެ ކެޕޭސިޓީއަށް އިތުރުކުރެވިފައެވެ.

ދިވެހިރާއްޖޭގެ 157 ރަށެއްގައި އަސާސީ ޙިދުމަތްތައް ފޯރުކޮށްދެމުން އަންނަ ފެނަކަ، އާ އުއްމީދަކާއި އެކު މަސައްކަތްތައް ބައްޓަން ކުރެވި، މިއަދު މިދަނީ، ރައްޔިތުން ބަލައިގަންނާނެ ފަދަ ޙިދުމަތެއް ފޯރުކޮށްދޭނެ ކުންފުންޏަކަށް ބަދަލު ވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.