ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް އިންސްޕެކްޓް ކޮށްފި

ފެނަކައިން ކަރަންޓްގެ ޚިދުމަތް ދެވިފައިވާ ރަށްތަކުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް ވަނީ އިންސްޕެކްޓް ކުރެވިފައެވެ.

މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިގޮތަށް  ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވަތީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މިކުންފުނިން ކަރަންޓްގެ ޚިދުމަތް ދެވޭ މަގުބައްތިތަކަށް، މީގެފަހުން ކަރަންޓް ދޫކުރެވޭނީ މިކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ  ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ ކަމަށް މި ކުންފުނިން ޙިދުމަތްދޭ ރަށްތަކުގެ  ކައުންސިލްތަކަށް 9 ޖޫން 2024 ގައި ވަނީ އެންގިފައެވެ.

މީގެ އިތުރުން ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް 27 ޖޫން 2024 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިނާއި އަދި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު މިހާރު ވަނީ އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން މި ކުންފުނިން ނިންމާފައެވެ.

މި މުއްދަތުގެ ތެރޭގައި، ކައުންސިލްތަކުން، ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށާއި ނުވަތަ، ފެނަކައިން ތަކެތި ފޯރުކޮށް، ބިލް ކުރެވޭގޮތަށް މިކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮއްދެވިދާނެ ކަމުގައި ވެސް ވަނީ ދަންނަވާފައެވެ.

މިއީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓް ޖުލައި މަހުގެ ނިޔަލަށް ކަނޑާލެވޭނެއެވެ. އަދި މި ކަންތަތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ  ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރަމުން ދާނެއެވެ. މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ޙާއްސަ އިސްކަމެއްދީ ރައްކާތެރި، އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ޙިދުމަތެއް ފޯރުކޮށްދިނުމަށްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

 

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.