ހިތަދޫ ލިންކު ރޯޑުގެ ޕޭވްމަންޓް ހަދަން ފަށައިފި

އައްޑޫ ސިޓީ ހިތަދޫ ލިންކުރޯޑުގައި ޕޭވްމަންޓް ނުހަދާއޮތް ފަޅީ (އިރުމަތީ) ގައި ގައު އަތުރައިގެން ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު ވިދާޅުވީ އެ މަސައްކަތް ދެތިން މަސްތެރޭ ނިންމާލެވޭނެ ކަމަށެވެ. "ޕޭވްމަންޓް ހިމެނޭ ސަރަހައްދުގައި ގައުއެތުރިފައި ނެތުމުން މަގުގެ ބޮޑުޖާގައެއްވެސް ވަނީ ގެއްލިގެންގޮސްފައި. އެހެންނަމަވެސް ޕޭވްމަންޓް ނިމޭއިރު ހިނގާމީހުންނަށް އެޖާގަ ލިބި ދުއްވާ މީހުންނަށް މަގުތަނަވަސްވެގެންދާނެ،" ޒުހައިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައު އެތުރުމުގެ މަސައްކަތް ނިމުމުން މަގުގެ ރީތިކަންވެސް ފެނިގެންދާނެ ކަމަށެވެ.

ގައު އެތުރުމުގެ މަސައްކަތާއެކު ފެންހިންދާ ނީޒާމެއްވެސް ގާއިމްކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އެ ސަރަހައްދުގައި ޕާކިން ޒޯންތަކެއްވެސް ހަދާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވަނީ ކިތައް ޒޯންކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ޒުހައިރު ވިދާޅުވީ ހިތަދޫ ލިންކު ރޯޑުގެ މީހުން އުޅޭ ސަރަހައްދުގެ ޕޭވްމަންޓް (ދުވާރު) ހެދުމުގެ މަސައްކަތް މީގެ ކުރިންވެސް ފެށިކަމަށެވެ. އެހެންނަމަވެސް ތަފާތު ސަބުތަކާހުރެ އެމަސައްކަތް އޭރު ނިންމައިލެވޭ ގޮތެއް ނުވިކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.