ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި މިރޭ ބާއްވައިފިއެވެ.
މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންވަނީ މިއަހަރުގެ ރިއާސީ ބަޔާން އިއްވަވައިފައެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިފައިވާނީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ކުރިއަށް ގެންދިޔުން ކަމަށެވެ. އޭގެ އިތުރަށް ރައްޔިތުންނަށް ބުރައާއި ތަކުލީފު އުފުލަންޖެހިފައިވާ ކަންކަމަށް ލުއި ހޯއްދަވައިދެއްވައި، ފުދުންތެރިކަން އިތުރު ކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކުށުގެ ހާދިސާތައް މިދިޔަ 4 އަހަރުދުވަހުގެ ތެރޭގައި 35 އިންސައްތައަށް ދަށްކުރެވިފައިވާކަމަށެވެ. އަދި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ "ހިޔާ މަޝްރޫއު" ގެ ދަށުން 2019 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އާބާދީގެ ޖުމުލަ 160,000 އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ”ދަރުމަވަންތަ ހޮސްޕިޓަލް“ ގައި އައު ސިއްހީ ޚިދުމަތްތައް ތައާރަފުކުރެވި، މި އަހަރުގެ ތެރޭގައި އެޚިދުމަތްތައް ފެށޭނެ ކަމަށެވެ. އޭގެ އިތުރަށް އިންދިރާ ގާނދީ މެމޮރިއަލް ހޮސްޕިޓަލްގެ އެނދުގެ އަދަދު އިތުރުވެ 500 އަށް ބަދަލުވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ މަސައްކަތް އިތުރުވެ ފުޅާވުމާއެކު، ޖުމުލަ 76,000 ހަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމެވެ. އޭގެ އިތުރަށް ކުޅިވަރުގެ ދާއިރާއިން ވަނީ ސްޕޯޓްސް އެރީނާތައް ގާއިމްކުރެއްވުމަށް ހިންގަވާ މަޝްރޫއުގެ 80 އިންސައްތަ ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކުގެ ތެރޭގައި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ. އޭގެއިތުރަށް ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދީގެން، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރުމާއި ތަރައްގީގެ ހަރުފަތުގައި، މަތީ މެދުފަންތީގެ ގައުމަކަށް ރާއްޖެ ހެއްދުމަކީވެސް ސަރުކާރުގެ އަޒުމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.