ދެރަށެއްގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރު ގާއިމްކުރަން ހަވާލުކޮށްފި

ރާއްޖޭގެ އިތުރު ދެރަށެއްގައި ވޭސްޓްމެނޭޖުމެންޓް ސެންޓަރު ގާއިމްކުރުމަށް ސަރުކާރުން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ.

ދ. ރިނބިދުއާއި، ފ. މަގޫދޫގައި ގާއިމް ކުރަން ހަމަޖެހިފައިވާ ދެ ސެންޓަރުގެ ތެރެއިން ރިނބިދޫ އައިލަންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިންކުރުމަށް ހަވާލުކޮށްފައިވަނީ އަކުއަރމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 90 ދުވަސްތެރޭ ނިންމާގޮތަށެވެ. މަސައްކަތުގެ އަގަކީ އެއްމިލިއަން އެއްލައްކަ ފަސްދޮޅަސް ތިންހާސް ސަތޭކަތިރީސް ފަސް ރުފިޔާ އަށާވީސް ލާރިއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރާ މި މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ އެންވަޔަރަންމަންޓް މިނިސްޓަރީގައި އިއްޔެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ތާރިގު އިބްރާހީމެވެ. އެކުއަރމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރަހުމާން މުޖުތަބާ އާދަމެވެ.

މަގޫދޫގައި އައިލަންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ދަންމާނު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއަށްވެސް ޚަރަދުކުރަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ. މި މަޝްރޫއުގެ އަގަކީ 1,164,918.15 (އެއް މިލިއަން އެއްލަކަ ފަސްދޮޅަސް ހަތަރު ހާސް ނުވަ ސަތޭކަ އަށާރަ ރުފިޔާ ފަނަރަ ލާރި) އެވެ. މި މަސައްކަތްވެސް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 90 ދުވަހެވެ. ދަންމާނު ކުންފުނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ ސިރާޖެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިގު އިބްރާހީމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.