ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމުން ކަންބޮޑުވޭ: އެމްޓީޔޫ

ރައީސް ޔާމީން 15 ދުވަހަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމުން މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހުން 30 ދުވަހަށް އިތުރު ކުރުމަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަން ބުކިން ހަދާފައިވާ ފަތުރުވެރިންވެސް މިހާރު ގެންދަނީ ބުކިންތައް ކެންސަލް ކުރަމުން ކަމަށެވެ. "މީގެ ކުރިންވެސް ބުކިންތައް ކެންސަލް ކުރަމުން ގެންދިޔައީ. އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ތިރީސް ދުވަހަށް ދިގު ދަންމާލުމުން ކެންސަލޭޝަން އިތުރުވާނެ. އިތުރުވަމުންދަނީ،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއްގައި ކުއްލި ހާލަތު އިއުލާން ކުރައްވައި އެ ދެމެހެއްޓުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރައްވަންވީ އެކަން ނިމުމަކަށް ގެނެސް ރާއްޖެއަށް ފަތުރުވެރިން އަންނާނެ މަގުތައް ފަހިކުރުން ކަމަށެވެ.

ރާއްޖެ ދުނިޔެއަށް މަޝްހޫރުވެފައިވާ ގޮތަށް އަމާންކަމާއި ސުލްހަވެރި ތަނެއްގެ ގޮތުގައި އަބަދަށް ބޭއްވުމަކީ ރާއްޖެފަދަ ވަސީލަތްތައް މަދު ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.