އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތް ކަމަށްވާ "6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް" ގެ ހުޅުވުމުގެ ރަސްމިއްޔާތު ކޮމިޝަނަރ އޮފް ސްޕޯޓްސް، އަލްފާޟިލް މުޙައްމަދު ޠަލާލް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރަސްމީކޮށް މި މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު އޮތީ މާލޭ ސޯޝަލް ސެންޓަރުގެ ބޭރުގައި ހުރި ސްޓޭޖުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ އިސްވެރިންނާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް)ގެ އެކްސްކޯ މެންބަރުންގެ އިތުރުން އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ސެކެޓްރީ ޖެނެރަލް، ވީ.ޑީ ނަރަޔާން އާއި ސީންކޯގެ ވެރިޔާ، މަނީޝް ކޯލީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިމުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެތެރެއިން ހާއްސަ އެގްޒިބިޝަން ކެރަމް ޑަބަލްސް މެޗެއްވަނީ ކުޅެފައެވެ. މި މެޗުގައި ކޮމިޝަނަރ، ޠަލާލް އާއި އައިސީއެފްގެ ޖެނެރަލް ސެކެޓްރީ، ނަރަޔާންގެ އިތުރުން ސީއޭއެމްގެ ރައީސް، އިބްރާހިމް ރަޝީދު އާއި ސީންކޯގެ ވެރިޔާ، މަނީޝް ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗު ކުޅެފައިވަނީ މުބާރާތުގެ ހުރިހާ މެޗެއް ކުރިއަށްގެންދާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައެވެ.

ރޭގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ ހަތް ގައުމުގެ ދިދަތައް ވިހުރުވާލައިފައިވާއިރު، ބޮޑުބެރު ލަވަ އާއެކު ނެށުމުގެ ހަރަކާތްތައް ފެނިގެންގޮސްފައިވެއެވެ.

މި ފަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ދުވަހު ކުރިއަށްދިޔައީ ސްވިސް ލީގުގެ މެޗުތަކެވެ. އެގޮތުން، ސްވިސް ލީގުގެ މެޗުތައް އިއްޔެ ނިންމާލިއިރު ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޕްރަޝާންތު މޯރޭ އެވެ.

11 އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވާއިރު، މި އަހަރުގެ މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ، މި އޭޕްރީލް މަހުގެ 27 އިން މެއި 1 ގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ.

މި މުބާރާތުގައި ވާދަކުރަނީ؛ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ދެކުނު ކޮރެއާ އެވެ. މީގެއިތުރުން، މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ފެނިގެންދާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.