ނިމިދިޔަ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ޔަގީންވެގެން ދިޔައީ ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ އިތުބާރާއި ލޯބި އޮތްކަން ކަަމަށް ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
5 އަހަރު ދުވަހަށް ވެރިއަކު ހޮވާ ޒިންމާތަކެއް ހަވާލުކުރެވިފައިވަނިކޮށް ހީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން ވެސް ހާމަވެގެން ހިނގައްޖެކަމަށް ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްކަމުގެ ޔަގީންކަން ހީނާ ވަނީ ދެއްވާފައެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.