އައްޑޫ ސިޓީކައުންސިލްގެ ވެލްފެއާ ފަންޑުން ލޯންދޫކުރަން ފަށައިފި

އައްޑޫ ސިޓީ ކައުންސިލްގެ ވެލްފެއާ އެންޑް ރިކްރިއޭޝަން ކުލަބުން މުވައްޒަފުންނަށް ލޯނުދޫކުރަން ފަށައިފިއެވެ.

ރިކްރިއޭޝަން ކުލަބުގެ ރައީސް އަލީ ސަވާދު ވިދާޅުވީ އެކުލަބުން ލޯނު ދޫކުރަނީ ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން ލޯނަށް އެދި ހުށަހަޅާ މީހުންގެ ނަންތައް ކޮމިޓީއަކަށް ހުށަހަޅައިގެން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިޔެވުމަށާއި، ކޯސް ފީ ދެއްކުމަށާއި، ބޭސްފަރުވާއަށާއި، ކާރީސާ ތަކުން ދިމާވާ ކަންކަމުން އަރައި ގަތުމަށް ބޭނުންވާ ޒަރޫރީ ކަންކަން ފުރިހަމަ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯނު އަނބުރައި ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ ނަގާ އަދަދަކަށް ބަލައިފައެވެ. ދިހަ ހާސްރުފިޔާގެ ލޯނެއް ނަގައިފި ކަމަށްވާނަމަ އެ ލޯނު ދައްކަން ޖެހެނީ ބާރަ މަސްތެރޭގައެވެ. އެއަށްވުރެ ގިނައިން ނަގައިފި ކަމަށްވާނަމަ ދެ އަހަރު ތެރޭ ލޯން ދައްކަން ޖެހެއެވެ. އެންމެ ބޮޑު ލޯނެއްގެ ގޮތުގައި ދިނުމަށް މިހާރު ހަމަޖެހިފައިވަނީ 15420 ރުފިޔާއެވެ. އެއީ އެއްހާސް ޑޮލަރަށްވާ މިންވަރެވެ.

އެ ކުލަބުންވަނީ އަސްކޮއި ހައްޖު އެންޑް އުމްރާ ގޫރޫޕާ ގުޅިގެން މިދިޔަ އަހަރު ކައުންސިލްގެ މުވައްޒަފަކަށް އުމްރާ ދަތުރެއް ދީފައެވެ. މިއަހަރު ޑިސެމްބަރުގައި ވެސް މުވައްޒަފަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އުމްރާ ދަތުރު ފޮނުވާ މީހާހޮވަނީ ގުރުއަތުލައިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.