މުމްބާއީގައި ހުރެފައި ކަލްކަތާއަށް ދާން ބޭނުންވާ މީހާ ފުރަތަމަ ކުރަންޖެހޭ ކަމަކީ މުމްބައި ދޫ ކުރުމެވެ. ކަލްކަތާއަށް ދެވޭނީ އޭރުންނެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރާ މީހުންނަކީވެސް ވަކި ވައްތަރެއްގެ ދަތުރުވެރިންނެވެ. މަންޒިލަށް ވާޞިލުވާން ބޭނުން މީހާ ކޮންމެހެން ކުރަންޖެހޭ ކަމެއް އޮވެއެވެ. އެއީ، މިހާރު ހުރި ތަން ދޫކޮށްލުމެވެ. ނުވަތަ ދޫކޮށްލަން ރުހިގެން ހުރުމެވެ. ﷲ އޭނާއަށްޓަކައި ތައްޔާރު ކުރައްވާފައިވާ މަންޒިލަށް ވާޞިލުވެ، އުފާވެރިކަން ހޯދައިގަނެވޭނީ އޭރުންނެވެ.
ދުނިޔޭގެ އުޞޫލު ހަމަޖެހިފައި އޮންނަ ގޮތުން އެއްޗެއް ހޯދަން ބޭނުންނަމަ ކޮންމެވެސް އެއްޗެއް ދޫކޮށްލަން ޖެހެއެވެ. މިއީ ދުނިޔޭގެ ލޭންދޭން އޮންނަ ގޮތެވެ.
ކާމިޔާބު ވިޔަފާރިވެރިއަކަށް ވާން ބޭނުންނަމަ އަތުގައި ހުރި ފައިސާ ޚަރަދު ކުރަން ޖެހެއެވެ. ދަނޑުގޮވާން ކުރަން ބޭނުން ނަމަ ފުރަތަމަ ޖެހެނީ އަތުގައި ހުރި މުޑުވައް ވަޅުލާށެވެ. ބިމުގެ ވެއްޔާ އެއްކޮށްލާށެވެ. ދުރަށް ވިސްނައިގެން ކަމެއް ރާވަން ބޭނުންނަމަ ތިމާގެ ހިތުގެ އެދުންތަކުގެ މައްޗަށް ގަދަވެގަންނަން ޖެހެއެވެ. މުއްސަނދިވާން ބޭނުންނަމަ ބޭކާރު ޚަރަދު ކުރުން ހުއްޓާލަން ޖެހެއެވެ.
ޒައްރާ ނުވަތަ އެޓޮމް ކުދިކުދިނުވެ އެޓަމިކް ހަކަތަ ނުވަތަ ބާރު ހޯދޭނޭ ގޮތެއް ނޯވެއެވެ. ބިމުގައި ވަޅުލާ އޮށް ފަޅައިގެން ނުގޮސް އެއަކުން ގަހެއް ނުފަޅައެވެ. ޒާތީ ބޭނުންތައް ޤުރުބާން ނުކުރާ މީހަކަށް މުޖްތަމަޢުގެ ފައިދާއަށް އިސްކަން ދޭ މީހެއްގެ ނަމެއް ނުލިބޭނެއެވެ.
ﷲ ގެ މުޢާމަލާތްތަކުގެ އުޞޫލަކީވެސް މިއީއެވެ. ﷲ އަށް ބިރުވެތިވާ، ދީންވެރިއަކަށް ވެވޭނީ ތިމާގެ ހުރިހާ ކަމެއް ﷲ އެންގެވި މަގަށް ސީދާ ކުރީމައެވެ. ތިމާގެ ވުޖޫދު ހަނދާން ނައްތާލައި ﷲ ގެ މަގަށް އެނބުރި ނުގަންނަ މީހަކަށް ދީން ވެރިއަކަށް ނުވަތަ ކިޔަމަންތެރިއަކަށް ނުވެވޭނެއެވެ.
ﷲ ގެ ރުއްސެވުން ހޯދަން ބޭނުންނަމަ އަމިއްލަ އެދުންތަކުގެ މަތިން ހަނދާން ނައްތާލަން ޖެހޭނެއެވެ. އަމިއްލަ އެދުންތައް ފުއްދަން އުޅޭ މީހަކަށް ކުރެވޭނީ ހަމައެކަނި އެކަމެވެ. ﷲ ގެ ރުއްސެވުމެއް ނުލިބޭނެއެވެ.
(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)