ދުވާ މީހުންގެ ހަކަތަ އިތުރުވެދާނެ އެކަމަކު ރުޅިގަދަ ވެދާނެ: ދިރާސާ

ކަސްރަތުކުރުމުގެ ބޭނުމުގައި މަޑުން ދުވުމަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ކުރާ ކަމެއްކަމަށް މީގެ ކުރިން ގަބޫލުކުރެވުނު ގޮތަށް، އައު ދިރާސާއަކުން ދައްކާ ގޮތުގައި ކަސްރަތަށް މަޑުން ދުވުވުމުގެ ސަބަބުން އެކަން ކުރާ މީހުން ރުޅިގަދަވެ ޢުދުވާނީ ގޮތަކަށް އެ މީހުންގެ އާދަކާދަ ބަދަލުވަމުން ދެއެވެ.

އެމެރިކާގައި 10000އަށް ވުރެ ގިނަ މީހުންގެ ޑޭޓާ ތަހުލީލުކުރި އެމެރިކާގެ ދިރާސާވެރިންގެ ބަޔަކު ބުނީ ކަސްރަތަށް މަޑުން ދުވާ މީހުންގެ ރުޅި މައިތިރި ކުރަން  ބޭނުން ނަމަ ޔޯގާ ނުވަތަ އެރޮބިކްސް ހަދަން  ޖެހޭ ކަމަށެވެ.

އޮހައިއޯ ސްޓޭޓް ޔުނިވާސިޓީގެ ޓީމަކުން ކުރި ދިރާސާގެ އިސްބޭފުޅަކަށް ހުންނެވި ޑރ. ސޯފީ ޒިއެރޮކް ވިދާޅުވީ މި ހޯދުންތަކަކީ ހައިރާން ކުރުވަނިވި ހޯދުންތަކެއް ކަމަށެވެ.

ދިރާސާވެރިންގެ ހޯދުންތަކުން އެނގުނީ  މަޑުން ދުވުމަށްވުރެ ބޮކްސިން ފަދަ ހަރަކާތްތަކުން ރުޅިވެރިކަން އިތުރުވާނެ ކަމެވެ.

އޭނާ ވިދާޅުވީ އާއްމުކޮށް މަޑުން ދުވެ ކަސްރަތު ކުރާ މީހުން ރުޅިވެރިކަމާއި ޢުދުވާނީ އަމަލުތަކާ ދުރުވާކަމަށް އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރިޔަސް ދިރާސާއިން ދައްކަނީ އެކަން އެހެން ނެތް ކަމަށެވެ.

ކަސްރަތަށް ހިނގައި މަޑުން ދުވެ ހެދުމަކީ ހިތާއި ހަށިގަނޑުގެ ސިއްހަތަށް ވަރަށް ބޭނުންކަމެއް ކަމަށް ވިޔަސް އެއީ ރުޅިވެރިކަން މައިތިރި ކުރުމަށް ރަނގަޅު ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެ ދިރާސާއިން ދައްކާ ގޮތުގައި މަޑުން ދުވުމަކީ ރުޅިގަދަވުން އިތުރުވުމާ ގުޅުން ހުރި ކަމެކެވެ.

ދިރާސާވެރިން ބުނިގޮތުގައި މަޑުން ދުވުމަކީ އާންމުކޮށް އެއްގޮތަކަށް، ތަކުރާރުކޮށް ކުރާ ހަރަކާތަކަށް ވުމުން އެކަމުގެ ސަބަބުން ފޫހިވެ ހިތްނުތަނަވަސްވެ ހިތްއެދޭވަރުގެ ނަތީޖާއެއް ނުފެނުމުން މިޒާޖުގައި ރުޅިވެރިކަން އިތުރުވެދާނެ ކަމަށެވެ.

އެ ދިރާސާގައި ދިރާސާވެރިން ވަނީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ރުޅިވެރިކަމާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިރާސާކޮށް މައުލޫމާތު އެއްކޮށްފައެވެ.

މި ދިރާސާގައި 10،189 އަންހެނުންނާއި ފިރިހެނުން ހިމަނާފައި ވެއެވެ.

ހިތާއި ހަށިގަނޑުގެ ދުޅަހެއު ކަމަށްޓަކައި މަޑުންދުވުމަކީ މިޒާޖުގައި ރުޅިވެރިކަން ހަރުލާކަމެއް ކަމަށް ދިރާސާއަކުން ދެއްކިކަމަށް ވިޔަސް،  ހިތާއި ހަށިގަނޑުގެ ދުޅަހެއު ކަމަށްޓަކައި މަޑުންދުވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.