ޒުވާން ޢުމުރުފުޅުން ފެށިގެން ރަސޫލުކަން ލިބިވަޑައިގަތުން
ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތުއްޕުޅު ދުވަސްވަރު ނިމި ، ރަސޫލުކަން ލިބިވަޑައިގަތުމާ ހަމަޔަށް ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ، އެކަލޭގެފާނު ދިރިއުޅުއްވި ސަރަޙައްދުގެ ހުރިހާ ސަހަރަކަށް ދަތުރުކުރެއްވިއެވެ. އޭގެތެރޭގައި ، ޚަދީޖަތުގެފާނުގެ ވިޔަފާރި ޤާފިލާތަކުގެ ވެރިކަމުގައި ކުރެއްވި ދަތުރުފުޅުތައް ހިމެނެއެވެ. ސާމްކަރަޔާއި ސުޢޫދީ ޢަރަބިއްޔާގެ އުތުރުގެ ސަރަޙައްދުތައް އަދި ، ލުބުނާނާއި ފަލސްތީނުވެސް ، އޭގެތެރޭގައި ހިމެނެއެވެ. އެދަތުރުފުޅުތަކުގައި ، ޚަދީޖަތުގެފާނުގެ އަޅު ، މައިސަރާއަށް ފާހަގަކުރެއްވުނު ޢަޖައިބު ކަންތައްތަކެއް ވެއެވެ. އެކަލޭގެފާނު ދަތުރުކުރައްވާހިނދު ،ވިލާތައް އައިސް ، އެކަލޭގެފާނަށް ހިޔާ ފޯރުކޮށްދިނުމާއި އެނޫން މީހުންނަށް އެހިޔަލުގެ ނިވާ ނުލިބުން ހިމެނެއެވެ.
މައިސަރާއަށް ފެނިވަޑައިގެންނެވި ކަންތައްތަކުގެ ޚަބަރު ، ޚަދީޖަތުގެފާނަށް ދެންނެވުނެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި ، އެކަލޭގެފާނުގެ ކިބައިގާހުރި އަމާނާތްތެރިކަމާއި އެނޫންވެސް ރަނގަޅު އެތައް ސިފަފުޅުތަކެއް ، ޚަދީޖަތުގެފާނަށް ފާހަގަ ކުރެއްވުނެވެ. މި ސަބަބުތަކަށްޓަކައި ، ޚަދީޖަތުގެފާނާ ކައިވެނިބައްލަވައިގަތުން ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުށަހެޅުނެވެ. ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައިގަތުމަށް ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ހުށަހެޅުއްވީ ، އެކަލޭގެފާނަކީ ޔަޠީމު ބޭފުޅެއްކަން އެނގިވަޑައިގެން ހުންނަވައެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން ފިޔަވައި ، އެކަލޭގެފާނުގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތްކަންވެސް އެނގިވަޑައިގެން ހުންނަވައެވެ.
ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢުމުރުފުޅުން 35 އަހަރުފުޅުގައި މައްކާގައި މުހިންމު ޙާދިސާއެއް ހިނގާފައި ވެއެވެ. އެއީ ކަޢުބަތުﷲ ގެފުޅަށް ލިބިފައިވާ ގެއްލުންތަކެއް ، ޤްރައިޝުންނަށް ބޮޑުކަމަކަށް ވުމެވެ. ކުރީގެ ދުވަސްތަކުގައި ކުރިމަތިވި ، އަލިފާނުގެ ޙާދިސާއަކާ ގުޅިގެންނާއި ފެންބޮޑުވުމާގުޅިގެން ، ގެފުޅުގެ ފާރުކޮޅަށްހުރީ ގެއްލުންތަކެއް ލިބިފައެވެ. އެ ގެފުޅު މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ޤްރައިޝުން ނިންމިއެވެ.
އެގެފުޅަކީ ، އިބްރާހީމް ޢަލައިހިއްސަލާމާއި އިސްމާޢީލް ޢަލައިހިއްސަލާމާ ދެބަފައިކަލުން ، ބިނާކުރެއްވި ތަނެކެވެ. ގެފުޅުގެ ތާރީޚަށް ބަލާއިރު އެންމެ ޞައްޙަ މަޢުލޫމާތަކީ އެއީއެވެ. އެންމެ ފުރަތަމަ ގެފުޅުބިނާކުރެވުނީ ، ހަމައެކަނި އެކިސައިޒުގެ ހިލަބޭނުން ކޮށްގެންނެވެ. އެއްހިލަމަތީ އަނެއްހިލަ ބާއްވައިގެންނެވެ. ސިމެނތިއާއި އުވަ ބޭނުންކޮށްފައެއް ނުވެއެވެ. އެތައް ޒަމާނެއްވަންދެން އެގޮތުގައި ގެފުޅު ދެމިހުށްޓެވެ.
ގެފުޅުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމަށް ނިންމި ނަމަވެސް ، ގެފުޅުރޫޅައިލުމަކީ ޤްރައިޝުންނަށް ބޮޑުކަމަކަށް ވިއެވެ އެހެނީ އެއީ ﷲ ގެ ގެފުޅުކަމަށް ވާތީއެވެ. ކާބަފައިންގެ އެތައްޖީލުތަކަކަށް ، އެގޮތުގައި ގެފުޅުގެބިނާ ދެމިގެންގޮސްފައި ވާތީއެވެ. އެހެންނަމަވެސް ، ޤްރައިޝުންގެ ބޮޑެއްކަމުގައިވާ އަލްވަދީދު އިބްނު މުޣައިރާ އިސްވެ ، އެކަމާ ކުރިމަތިލިއެވެ. އަލްވަލީދު އިބްނު މުޣައިރާ ލަފާދިން ގޮތުގައި ، އެމީހުންގެ ނިޔަތަކީ ގެފުޅު ތަޅައިލުމެއްނޫނެވެ. ރީތިގޮތުގައި ބިނާކުރުމެވެ. އެހެންކަމުން ، ޤްރައިޝުންގެ މެދުގައި އެކަމަށް އެއްބަސްވެ ، ގެފުޅު ރޫޅައިލުމުގެ މަސައްކަތް ފެށްޓިއެވެ. މަސައްކަތް ފެށްޓީ އަލްވަލީދު އިބްނު މުޣައިރާއެވެ. ތަންކޮޅެއް ރޫޅައިލުމާއެކު އެމަސައްކަތުގައި އުޅުނު މީހުންނަށް ނިދިޖެހުނެވެ. އެއީ އަދަބެއްކަމަށް ބަލައިގެން އެންމެން އެދުވަހު މަޑުކުރިއެވެ. އެއްވެސް އިތުރުކަމެއް ދިމާނުވުމާއެކު ، އަނެއްދުވަހުވެސް މަސައްކަތް ފެށްޓިއެވެ. އެހިސާބުން ، ޤަރައިޝުންގެ އެކި ވަންހަތަކުން އައިސް މަސައްކަތުގައި ބައިވެރިވިއެވެ. އެކި ވަންހަތަކަށް އެކިސަރަޙައްދު ކަނޑައެޅި ގެފުޅު ރޫޅައިލުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް ، ފެހިކުލައިގެ ބިންގަލެއް އެމީހުންނަށް ފެނުނެވެ. އެހިސާބުން ، އެމީހުން މަސައްކަތް ހުށްޓައިލިއެވެ. އަނެއްކާވެސް ، އެފެނުނު ބިލްގަލުގެމައްޗަށް ގެފުޅުބިނާކުރުމުގެ މަސައްކަތް ފެށުނެވެ. ގެފުޅު ބިނާކުރެވުނީ ހަތަރުކަނުން ދެކަނެއްގެ ކަން ތެދުކޮށް ބަހައްޓައިގެންނެވެ. އަނެއް ދެކަން ބެހެއްޓުނީ ވަށްކޮށެވެ. އެއްކަނަކީ ، މިހާރު ، ޙަޖުރުލްއަސްވަދު ނިސްބަތްވާ ރުކުނުލްޔަމާނީއޭ ކިޔޭ ކަނެވެ. އަނެއްކަން ބިނާކުރެވުނީ މިޙްރާބެއްގެ ގޮތުގައެވެ.
ގެފުޅުބިނާކުރުމުގައި ވަންހަތަކުގެ މަތިވެރިކަމާއި މުއްސަނދިކަން ނުގެންގުޅުމަށް ޤްރައިޝުންގެ މެދުގައި އޮތީ އެއްބަސްވެފައެވެ. އެހެންކަމުން ، ޙަރާމްގޮތުގައި ހޯދިފައިވާ އެއްވެސް ފައިސާއެއްގެ ބޭނުން ، ގެފުޅުބިނާކުރުމުގައި ބޭނުން ކުރެވިފައެއް ނުވެއެވެ.
ގެފުޅުބިނާކުރުމުގައި ޚިޔާލުތަފާތުވި އެއްކަމަކީ ، ކަޅުހިލަކޮޅު ، ނުވަތަ ޙަޖުރު އަސްވަދު ބެހެއްޓުމުގެ މައްސަލައެވެ. ގެފުޅުގެ އިރުމަތީ ކަނުގައި ބެހެއްޓިފައިވާ އެ ހިލަކޮޅަކީ ، ސުވަރުގޭގެ ހިލަކޮޅެއްކަމަށް ، ކައިއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަ ހަދީޘް ކުރައްވާފައިވާކަމަށް ، އިބްނު ޢައްބާސްގެ އަރިހުން އައްތިރުމިޛީ ރިވާކުރައްވާފައި ވެއެވެ. އޭރު ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުވަނީ އަވަހާރަ ވެފައެވެ. އެހެންނަމަވެސް ، ބޮޑުބޭބޭފުޅު އަބޫޠާލިބު ދުނިޔޭގައި ހުންނެވިއެވެ. ޙަޖުރު އަސްވަދު ބަހައްޓާނެ މީހެއްގެ މައްސަލަ ޙައްލުނުވެ ތިންރޭ ހޭދަވިއެވެ. އެމައްސަލައިގާ ކުރެވުނު ބަޙުސްތައް ހޫނުވެ ، ތަޅައިފޮޅުމަކަށް ނުދިޔައީވެސް ކިރިޔާއެވެ. އެންމެފަހުން ޤްރައިޝުންގެ ބޮޑުންގެ މެދުގައި އެތައް ބަހުސެއް ކުރުމަށްފަހު އެއްބަސް ވެވުނީ ، އެންމެ ފުރަތަމަ މިސްކިތަށްވަންނަ މީހަކީ އެހިލަކޮޅު ބަހައްޓާނެ މީހާކަމުގައި ހެދުމަށެވެ. އެކަން އެގޮތަށް ނިންމުމަށް ލަފާދިނީ ، އަބޫޢުމައްޔާ އިބްނުލްމުޛީރާ އެވެ. އެއީ ، ޤްރައިޝުންގެ ތެރޭގައި ހިމެނޭ ދަރިފަސްކޮޅެއްގެ އިސްމީހެކެވެ. އެވާހަކަ އޮތީ ، ޢާންމުންނަށް ސިއްރު ކުރެވިފައެވެ.
އެކަން އެހެންވެފައި އޮއްވައި ، އެންމެފުރަތަމަ މިސްކިތަށް ވެދެވަޑައިގެންނެވީ ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިގި ވަސައްލަމައެވެ. އެކަލޭގެފާނަކަށް ، ކުރިން އެކަން އެނގިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު މިސްކިތްތެރެޔަށް ވަދެވަޑައިގަތުމާއެކު ، އެމީހުން އެކަލޭގެފާނު އަރިހުގައި އެވާހަކަ ދެންނެވިއެވެ. އެމީހުން ދެންނެވިއެވެ.
" ކަލޭގެފާނަކީ ، އަޅުގަނޑުމެންގެ ތެރެއިން ، އެންމެ ތެދުވެރި އެންމެ އަމާނާތްތެރި ބޭފުޅާއެވެ. ޙަޖްރުލްއަސްވަދު ބާއްވާނީ ކާކުކަން ކަލޭގެފާނު ވިދާޅުވެ ދެއްވާށެވެ. ކަލޭގެފާނަކީ ، މިފަދަ ކަމަކަށް ، އަޅުގަނޑުމެންގެ ތެރޭގައި ހުންނެވި އެންމެ އެކަށީގެންވާ ސާހިބާއެވެ. ކަލޭގެފާނު މިކަމަށް ޙައްލެއް ހޯއްދަވައިދެއްވާށެވެ ! "
ފޮތިގަނޑެއް ގެންނެވުމަށް އެބައިމީހުންނަށް ، އެކަލޭގެފާނު ވިދާޅުވިއެވެ. ފޮތިގަނޑު ލިބިވަޑައިގަތުމުން ، ޤްރައިޝުންގެ ކޮންމެ ވަންހަޔަކުން އެކަކު އައިސް ފޮތިގަނޑުގައި ހިފުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ، ޙަޖުރުލްއަސްވަދު ނަންގަވައި ފޮތިގަނޑުގެ މެދުގައި ބާއްވަވައި ، އެހިލަކޮޅު ސީދާ އޮންނަންވީ ތަނަށް އެންމެން ލައްވައި އުފުއްލެވިއެވެ. އަދި އެހިލަކޮޅު ، އެކަލޭގެފާނުގެ އަތްޕުޅުން ނަންގަވައި އެ ބާއްވަންވީ ތަނުގައި ބޭއްވެވިއެވެ. ޤްރައިޝުންގެ ބޮޑުންނަށް ޙައްލު ނުކުރެވި ، ތިންރޭ ތިންދުވާވަންދެން އަރައިރުންވާން ޖެހުނު މައްސަލަ ޙައްލުކޮށްދެއްވީ ، ކައުސާހިބާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެ ޙާދިސާއިންވެސް ، ﷲ ގެ ޙިކުމަތްފުޅަކީ ، އެންމެންގެ މެދުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤަދަރާއި ހައިބަތު އިތުރުކުރައްވައި މަތިވެރި ކުރެއްވުމެވެ. (ނުނިމޭ)