ކައުސާހިބާ (3)

ރައްކާވުމާއި ތުއްޕުޅު ދުވަސްވަރު

ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރައްކާވީ މާތްވެގެންވާ މައްކާގައެވެ. އެއީ ދުނިޔޭގެ މެދެވެ. އެ ނުކުތާ ޚާއްޞަވެގެންވީ ، ޙުރުމަތްތެރިވެގެންވާ ކަޢުބަތުﷲ ގެފުޅަށެވެ. އެއީ ސަލާމްލެއްވި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ބިނާކުރެއްވި ގެފުޅެވެ. އެކިފަހަރުމަތިން ގެފުޅަށްލިބުނު ގެއްލުންތައް މަރާމާތުކުރެވުނަސް ، މިހާރުވެސް އެހުރިތަނުގައި ، ގެފުޅު ޤާއިމްކުރެވުނެވެ. ގެފުޅުހުރިތަނަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެންމެފުރަތަމަ ފެނިވަޑައިގެންނެވި ބޭފުޅެއްކަމަށް ބެލެވެނީ ، އައްޝިފާ ، އުންމު ޢަބްދުއްރަޙްމާން އިބްނު ޢަވްފު އެވެ. ޢަބްދުއްރަޙްމާން އިބްނު ޢަވްފުގެ މަންމާފުޅަކީ ، އެނގިފައިވާގޮތުގައި ކިރުމައި ކަނބަލެކެވެ. ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ދުނިޔެއަށް ވަޑައިގަތީ ޔަތީމު ބޭފުޅެއްގެ ގޮތުގައެވެ. ﷲ ޚަލްޤުކުރެއްވި ، އެންމެ މާތް އިންސާނާގެ ގޮތުގައި އެކަލާނގެ ޚިޔާރުކުރެއްވި ، އިންސާނާއަކީ ޔަތީމެއްކަމުގައި ލެއްވުމުގައި ގިނަ ސިއްރުތަކަކާއި ޙިކުމަތްތަކެއް ހިމެނެއެވެ. މީސްތަކުންގެ ހިތުގެ ލޯތްބާއި އަޅައިލުން އެމީހަކަށް ލިބޭނެއެވެ. އަދި ، އެންމެންގެ އެހީތެރިކަން އެމީހަކަށް ޙައްޤުވެގެން ވެއެވެ.

ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނު ، އެކަލޭގެފާނުގެ ކާފަދަރިކަލުންދެކެ އިންތިހާއަށް ލޯބިފުޅުވިއެވެ. ރައްކާވުމުގެ ކުރިންވެސް ، މުޙައްމަދުގެފާނަކީ ، ޢާލަމްތަކަށް ރަޙުމަތެއްކަމުގައިވާނެކަމުގެ އުފާވެރި ޚަބަރު ، އެކިމަސްދަރުން ، ޢަބްދުލްމުއްޠަލިބުގެފާނަށް އޮތީ ލިބިވަޑައިގެންފައެވެ. އެކަލޭގެފާނުގެ ތުއްޕުޅު ދުވަސްވަރު ، އެކަލޭގެފާނު ބެލެހެއްޓެވީ ، މަންމާފުޅު ، އާމިނަތުގެފާނާއި ޢަބްދުލްމުއްޠަލިބުގެފާނާ ދެބޭފުޅުންނެވެ. އާމިނަތުގެފާނަށް އެހީތެރިވެ ދެއްވުމަށްޓަކައި ، އަޅުއަންހެނެއްކަމުގައިވާ އުންމު އައިމަން ، އެކަލޭގެފާނަށް ޚިދުމަތް ކުރެއްވިއެވެ. އެކަމަނާގެ ފުރިހަމަ ނަންފުޅަކީ ، އުއްމު އައިމަން ބަރަކަ ބިންތި ތަޢުލަބާއެވެ. އެއީ ޢާމިނަތުގެފާނަށް ޚިދުމަތްކުރެއްވުމަށް ޚާއްޞަކުރެވިފައިހުރި އެފްރިކާގެ އަޅުއަންހެނެކެވެ. ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޙަދީޘްކުރައްވާފައިވާ ގޮތުގައި ، އެކަލޭގެފާނުގެ މަންމާފުޅު ، އާމިނަތުގެ ފާނަށްފަހު ، އެކަލޭގެފާނު ބައްލަވަނީ އުންމު އައިމަންއަކީ ، އެކަލޭގެފާނުގެ މައިކަނބަލެއްގެ ގޮތުގައެވެ.

ބަނޫސަޢުދުވަންހައިގެ ޙަލީމަތުއްސަޢުދިއްޔާ ، އެކަލޭގެފާނުގެ ކިރުމައިކަނބަލެއްގެ ގޮތުގައި ހަމަޖެހި ، އެކަލޭގެފާނަށް ކިރުފޮދު އެރުވުމުގެ ކުރިން ، އުންމު އައިމަންވެސް ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިރުފޮދު އެރުއްވިކަމަށް ބުނެވެއެވެ.

އެޒަމާނުގައި ޢަރަބިކަރައިގެ ސަހަރުތަކުގައި ، ކަންކަން ހިނގަމުންގޮސްފައިވަނީ ، ވަރަށް ހަލަބޮލިގޮތަކަށެވެ. ތަޅާފޮޅުމާއި އަޑުގަދަވުމާއެކު ތިމާވެށިވެސް އެހާ ސާފެއްނޫނެވެ. އެހެންކަމުން ، ކަމުވޮށިވެގެންވާ މީހުންގެ ކުދިންނަށް ރަނގަޅު ތިމާވެށްޓެއް ހޯދައިދިނުމުގެ ބޭނުމުގައި ، ބަދަވީން ދިރިއުޅޭ ، ހަމަހިމޭން ސަހަރާގެ ސަރަޙައްދުތަކަށް އެކުދިން ފޮނުވައެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް އަވަށަކީ ،  ބާދިޔަތު ބަނީ ސަޢުދުއެވެ ކިޔުނު އަވަށެކެވެ.

ޙަލީމަތުއްސަޢުދިއްޔާ ، އެކަމަނާގެ އެހެން ބައިވެރިންނާއެކު މައްކާއަށް ވަޑައިގެން ، ބަލަހައްޓަވާނެކުދިން ހޯއްދަވަމުން ގެންދެވިއެވެ. އެކަމަނާގެ އެދަތުރުފުޅުގެ ވާހަކައަކީ ޝަޢުޤުވެރިކަމުން ފުރިގެންވާ ވާހަކައެކެވެ. އެކަމަނާ ވިދާޅުވިގޮތުގައި ، އެކަމަނާ އޭގެ މައްޗަށް އަރާވަޑައިގެން ދަތުރުކުރެއްވި ސަވާރީގެ ފަޔަށް ގެއްލުމެއް ލިބުނެވެ. ލިބުނު އެ ގެއްލުމާގުޅިގެން ، ލޭ އައިސް އޭތި ކުރިޔަށް ހިނގައިދިއުން ލަސްވިއެވެ. އެކަމާގުޅިގެން އެކަމަނާއާއި ފިރިކަލުންނަށް މައްކާއަށް ވަޑައިގެންނެވުނީ އެންމެންނަށްވުރެ ލަހުންނެވެ. އެކަމަނާއަށް ވަޑައިގެންނެވުނުއިރު ، އެހެން ކިރުމައިން އެމީހުން ބަލަހައްޓާނެ ތުއްތުކުދިން ހޯދައި ނިމިއްޖެއެވެ. ބާކީ އޮތީ އެންމެ ކުއްޖެކެވެ. އެކުއްޖާގެ ބައްޕައެއް ނެތެވެ. އެއީ ޔަތީމު ކުއްޖެކެވެ. އެއްވެސްމީހަކު ، ޔަތީމުކުއްޖަކު ބޭނުމެއް ނުވިއެވެ. އެއީ އެމީހުންގެ ޚިދުމަތަށް އެކަށީގެންވާ އަގެއް ނުލިބިދާނެތީއެވެ. އެހެންނަމަވެސް ، ހުސްއަތާ ނުވަޑައިގަންނަވަންވެގެން ، އެކަމަނާ އެތުއްތުކުއްޖާއާ ޙަވާލުވެވަޑައިގަތެވެ. އެ ތުއްތު ޔަތީމު ކުއްޖާއަކީ ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.

ޙަލީމަތުގެފާނު ފަހުން ވިދާޅުވިގޮތުގައި ، އެކުއްޖާފުޅު ނަންގަވައިގެން ، އެކަމަނާގެ ސަވާރީއަށް އަރާވަޑައިގަތުމާއެކު ، އެ އެއްޗަށް ލިބިގެންވި ހާނީއްކަ ފިލައި ވަރުގަދަ ވިއެވެ. ލޭފައިބަމުންދިޔަތަން ވަގުތުން ފަސޭހަވިއެވެ. އަދި އެންމެ ބާރަށްދުވި ސަވާރީއަށް އޭތިވެގެންދިޔައެވެ. އެކަމަނާގެ އަވަށަށް ވަޑައިގެންނެވިއިރު ، އެކަނބަލުންގެ ބަކަރިތަކަށް ކިރުއަރައި ތާޒާކަން ލިބިފައި ވިއެވެ. އަދި ބޭނުންކޮށްފައި ބާކީވާވަރަށް ކިރު ލިބިގެންދިޔައެވެ. ވާރޭއައިސް ގަސްތަކަށް ފެހިކަންލިބި މާތައް ފޮޅެން ފެށްޓިއެވެ.

ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ނާނޭފުޅުފިއްލެވުމަށް އެކަލޭގެފާނުގެ ގައިކޮޅުގައި ލެވިފައި އޮންނަ ހެދުން ނެގޭހިނދު އެކަލޭގެފާނު ކީރިތި ކުރައްވާކަމަށް ވެއެވެ. އަދި ހަށިކޮޅު ނިވައިކުރެއްވުމުން ކީރިތިކުރެއްވުން ހުއްޓާލައްވައެވެ. އެކަމަނާ ވިދާޅުވެފައިވާގޮތުގައި ، މުޅި އަވަށަށް އަދި އެ ވާދީއަށް ދިރުންލިބި އުފާވެރިކަމާއި ތަނަވަސްކަން ފެތުރިގެން ދިޔައެވެ. އެކަލޭފާނަކީ ، އެއްވެސް ކަމަކާ ޝަކުވާ ކުރައްވާ ބޭފުޅެއްނޫނެވެ. ތުއްޕުޅުއިރުވެސް ، ބަލާޣަތްތެރިކަމާއެކު ބާރުގަދަ ރީތި ބަސްތައް ބޭނުންކުރައްވައެވެ. އެކަލޭގެފާނު ބޮޑުފުޅުވެގެން ވަޑައިގަތީ އެ ވާދީގައި ބަނޫސަޢުދު ވަންހައިގެ ، އެކަލޭގެފާނާ އެއްފުރައިގެ ކުދިންނާއެކުގައެވެ. ކަންބަޅިބަކަށްޓާއި އެނޫންވެސް ހުއިހައްޕާ ޖަނަވާރާއެކީ ، އެހެން ކުދިންނާއެކު ،  ކުޅުއްވައި އުޅުއްވުމުގެ ތެރޭގައި އާދަޔާޚިލާފު ކަމެއް ހިނގައިފިއެވެ.

އެކަލޭގެފާނާއެކު ޙަލީމަތުގެފާނު ކިރުފޮދުއެރުއްވި ، އެކަލޭގެފާނުގެ އަޚާއާއެކު ކުޅުއްވަމުން ގެންދަވަނިކޮށް ، މަލާއިކަތުންގެ ދެބޭކަލަކު ވަޑައިގަތެވެ. އެބޭކަލުން ތިއްބެވީ ހުދުހެދުންކޮޅުގައެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚާއަށް އެދެ މަލާއިކަތުން ފެނިވަޑައިގަތެވެ. ދެމަލާއިކަތްބޭކަލުން ވަޑައިގެން ، މުޙައްމަދުގެފާނު ގެންދަވާ ބާއްވަވާފައި މޭފުޅު އިރުއްވައި ، ފަޅުއްވައި އެކަލޭގެފާނުގެ ހިތްޕުޅު ނެންގެވިއެވެ. އެތަން ފެނިވަޑައިގަތުމުން ، އެކަލޭގެފާނުގެ އަޚާ ، ބިރުފުޅުން ދުވެވަޑައިގެން އެތަނުން ދުރަށް ވަޑައިގަތެވެ. އަދި ޙަލީމަތުގެފާނު އަރިހަށްވަޑައިގެން ، އެ ފެނިވަޑައިގަތް ކަންކަމުގެ ޚަބަރު ދެއްވިއެވެ. ދެމަލާއިކަތުން ، މުޙައްމަދުގެފާނުގެ ހިތްޕުޅު ނަންގަވައި ، ޒަމްޒަމްފެނުން ދޮންނަވައި ، އެހިތްޕުޅުގައިވާ ހުރިހާ ނުސާފުކަމަކާއި ނުބައިއާދަތަކާއި ނުތާހިރު ހުރިހާ ކަމެއް ސާފުކުރެއްވިއެވެ. ހިތްޕުޅުގެ ވާތްފަރާތުން ނާރެއް ނަންގަވައި އެހިތްޕުޅާ ވަކިކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ވާތްފަރާތު މޭފުޅުގައި ނަބީކަމުގެ ސިއްކަ ޖެއްސެވިއެވެ. އެއީ ލަކުނެއްގެ ސިފައިގާ ފެންނަ ، އިސްތަށިފަޅާ ނިޝާނެކެވެ.

ޙަލީމަތުގެފާނާއި އެކަމަނާގެ ދަރިކަލުން ، ދުވެވަޑައިގެން މުޙައްމަދުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެދެމައިންނަށް އެހިސާބަށް ވަޑައިގެންނެވުނުއިރު ހުރިހާކަމެއް ނިމިއްޖެއެވެ. އެކަލޭގެފާނު އިންނެވީ އިށީނދެވަޑައިގެންނެވެ. އަދި ، އެކަލޭގެފާނަށް ދިމާވެވަޑައިގެންނެވި ހުރިހާކަމެއް ، ޙަލީމަތުގެފާނަށް ވިދާޅުވެ ދެއްވިއެވެ. އެކަމާ ބިރުފުޅުގެންވަޑައިގެން ، ޙަލީމަތުގެފާނު ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގޮވައިގެން ، މައްކާއަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅާ އެކަލޭގެފާނު ޙަވާލު ކުރެއްވިއެވެ. އެކަމުގެ ސަބަބަކީ ކޮބައިތޯ ދެންނެވުނުހިނދު ، އެކަލޭގެފާނު ވިދާޅުވެދެއްވިގޮތަށް ، ޙަލީމަތުގެފާނު ހުރިހާ ވާހަކައެއް ވިދާޅުވެދެއްވިއެވެ. އާމިނަތުގެފާނު ބެއްލެވިއިރު ، ޙަލީމަތުގެފާނު އެވިދާޅުވި ނިޝާން ، އެކަލޭގެފާނުގެ ވައަތްފަރާތު މޭފުޅުގައި ހުށްޓެވެ. އަދި އެއަށްފަހު ، އާމިނަތުގެފާނު އެކަލޭގެފާނާ ޙަވާލުވެވަޑައިގެން ، އުންމު އައިމަންގެ އެހީތެރިކަމާއެކު ، އެކަލޭގެފާނު ބަލަހައްޓަވަމުން ގެންދެވިއެވެ.

ލަޢުނަތްލެއްވިގެންވާ އިބިލީސް ، ހިތާމަކޮށް ރޮއެހޭރުނު ހަތަރު ޙާދިސާއަކަށް މިހިސާބުން ބަލައިލާނަމެވެ. އެންމެ ފުރަތަމަ ، އިބިލީސް ދެރަވެގެން ރޯންޖެހުނީ ،  ﷲ ސުބްޙާނަހޫ ވަތަޢާލާ އިބިލީހަށް ލަޢުނަތްލެއްވި ހިނދުއެވެ. ދެވަނަފަހަރަށް ދެރަވެ ރުއީ ، ސުވަރުގެއިން ބޭރުކޮށްލެވުނު ހިނދުއެވެ. ތިންވަނަފަހަރަށް އިބިލީސް ރުއީ ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރައްކާވި ވަގުތުއެވެ. ހަތަރުވަނަފަހަރު ، އިބިލީސް ހިތާމަކޮށް ރުއީ ، ކީރިތި ޤުރުއާނުގެ ސޫރަތުލްފާތިޙާ ބާވައިލެއްވުނު ހިނދުގައެވެ.

އައިމިނަތުގެފާނުގެ ތިމާގެބޭފުޅުން މަދީނާގައި ދިރިއުޅުއްވައެވެ. އެހެންކަމުން ، ދޭތެރެޔަކުން އެކަމަނާ މަދީނާއަށް ދަތުރުކުރައްވައި ތިމާގެ ބޭފުޅުންނަށް ޒިޔާރަތް ކުރައްވައެވެ. އެއްފަހަރަކު މަދީނާއަށް ވަޑައިގެން އެނބުރި މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި އެކަމަނާ އަވަހާރަވެއެވެ. އެކަމަނާ އަވަހާރަވީ އަބުވާއެވެ ކިއުނު ހިސާބެއްގައެވެ. އެކަމަނާއާއެކު އެވަގުތު ހުންނެވީ ، އެކަމަނާގެ އަޅު . އުންމު އައިމަން އެވެ. ދެންހުންނެވީ ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ގިނަބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތުގައި މަންމާފުޅު އަވަހާރަވީއިރު ، އެކަލޭގެފާނުގެ ޢުމުރުފުޅަކީ ހައަހަރު ފުޅެވެ. އުންމު އައިމަން އެކަލޭފާނު ބަލަހައްޓަވައި ، މައްކާއަށް ވަޑައިގެން ، އެކަލޭގެފާނުގެ ކާފާފުޅު ، ޢަބްދުލްމުއްޠަލިބުގެފާނާ މުޙައްމަދުގެފާނު ޙަވާލު ކުރެއްވިއެވެ. ޢަބްދުލްމުއްޠަލިބުގެފާނުގެ އެގާރަބޭފުޅުން ތިއްބަވައެވެ. އެހުރިހާބޭފުޅުންނަށްވުރެ ބޮޑަށް ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ، އެކަލޭގެފާނު ލޯބިފުޅުވެވަޑައިގަންނަވައެވެ.

އެޒަމާނުގައި ކަޢުބަތުﷲ ގެފުޅުގެ ހިޔަނި އެޅޭހިސާބުގައި ، ޢަބްދުލްމުއްޠަލިބުގެފާނަށް ޚާއްޞަވެގެންވާ ސުފުރާކޮޅެއް އެޅިފައި އޮންނަކަމަށް ވެއެވެ. އެ ސުފުރާގައި ޢަބްދުލްމުއްޠަލިބުފާނު ފިޔަވައި އެހެން އެއްވެސްބޭފުޅަކު އިށީނދެވަޑައެއް ނުގަންނަވާނެއެވެ. ނުވަތަ އެހެން އެއްވެސްމީހަކަށް އެސުފުރާގައި އިށީންނާކަށް ނުކެރޭނެއެވެ. އެހެންނަމަވެސް ތުއްޕުޅު މުޙައްމަދުގެފާނު އެސުފުރާމައްޗަށް އަރާވަޑައިގެން ދުވެވަޑައިގެން އުޅުއްވައެވެ. އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުން އެކަންމަނާކުރައްވައެވެ. އެހެންނަމަވެސް ޢަބްދުލްމުއްޠަލިބުގެފާނު ، އެކަލޭގެފާނުގެ ބޭފުޅުންގާތު އެކަން އެހެން ނުކުރެއްވުމަށް ވިދާޅުވެއެވެ. މުޙައްމަދުގެފާނަކީ ، ހެޔޮ އަދި މަތިވެރިކަމަކައިގެން ވަޑައިގަންނަވާނެ ބޭފުޅެއްކަމަށް ވިދާޅުވެ ، އެކަލޭގެފާނުގެ ދަރަޖަ މަތިވެރި ކުރައްވައި ، އެ ސުފުރާގައި އިށީނދެވަދައިގަތުން ހުއްދަ ކުރައްވައެވެ. ޢަބްދުލްމުއްޠަލިބުގެފާނުގެ އެހެންބޭފުޅުންނަށް އެކަން ހުއްދައެއް ނުކުރައްވައެވެ.

ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢުމުރުފުޅުން އަށްއަހަރުފުޅުގައި ކާފާފުޅު ، ޢަބްދުލްމުއްޠަލިބުގެފާނު އަވަހާރަ ވިއެވެ. އެއަށްފަހު އެކަލޭގެފާނު ބެލެހެއްޓެވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.