ކޮންމެ ކަމެއް އިރާދަފުޅާއި މިންވަރުފުޅާ މަތިކޮށްފައި ، އެކަމެއް ޙާޞިލް ކުރުމަށް މަސައްކަތެއް ނުކޮށް ، ތިމާބޭނުންނުވާކަމެއް ކުރިމަތިވަންދެން ހުރުމަކީ ، ދުނިޔެ ޤަބޫލުކުރާނެ ޙުއްޖަތެއްނޫނެވެ. ސަބަބުގައި ހިފައިގެން ، މަސައްކަތްކޮށްގެން ކަމެއް ޙާޞިލްކުރަން ގަދައަޅާ މަސައްކަތްކޮށްފިނަމަ ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެކަމެއް ފުރިހަމަކޮށްދެއްވާނެއެވެ.
ކަމެއް ޙާޞިލްވަނީ ، މުރާދަކާއި އުއްމީދެއް އޮވެގެން ، ސަބަބުތައް ދެނެގަނެ ، އެކަމެއް ފުރިހަމަވާން އޮންނަ ގޮތަކަށް ޢަމަލުތައް ބަހައްޓައިގެންނެވެ. ކޮންމެ ކަމަކަށްވެސް ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ މަގު ދައްކަވާފައެވެ. ދުނިޔޭގައި އިންސާނާ އުޅެންވީގޮތް ބަޔާންކޮށްދެއްވާފައެވެ. އިންސާނާގެ ކަމަކީ ، އެކަންކަން ދެނެގަނެ ، އެކަމަށް އެދި ﷲ ގެ ޙަޟުރަތުގައި ދެންނެވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ، އިންސާނާއަށް ދައްކަވާފައިވާ މަގުގެ މިސާލަކަށް ، ފަރުޟު ފަސްނަމާދަށް ބަލައިލަމާތޯއެވެ ؟
އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ފުރަތަމަ ރުކުނަކީ ، އިންސާނާ އެކަމަކަށް ހެކިވުމަށް އޮންނަ ދެކަމެކެވެ. ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމެވެ. އެއަށްފަހު ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމެވެ. ﷲ އަށް އީމާންވެ ، ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށް ހެކިވުމެވެ. އަދި މުޙައްމަދުގެފާނީ ރަސޫލޫކަން ޚާތިމުކުރެއްވި ، އެންމެ ފަހުގެ ނަބިއްޔާކަމަށް ހެކިވެ އެކަންކަން ހިތުގެއަޑިން ތެދުކޮށް ޤަބޫލު ކުރުމެވެ. މިއީ ، އިންސާނާގެ ޙަޔާތުގައި ދުވާލަކު އެއްފަހަރު އެތައްފަހަރަކު ފަށްފަށްކޮށް ދުލުންކިޔައި ، ހިތުގެ އަޑިން ޤަބޫލުކުރެވެމުން އަންނަ ދެކަމެކެވެ.
ދެންއޮތީ ނަމާދެވެ. ނަމާދަކީ ދުވާލެއްގެ ތެރޭގައި ފަސްފަހަރު އަދާކުރުމަށް މުސްލިމުންގެ މައްޗަށް މަތިކުރެވިފައިވާ ފަރުޟެކެވެ. ސުންނަތް ނަމާދުތައް އިތުރު ކުރެވިދާނެއެވެ. އެހެނަސް ، ފަރުޟުވެގެންވަނީ ފަސްނަމާދެވެ.
ނަމާދަށްފަހު ދެން އޮތް ރުކުނަކީ ޒަކާތެވެ. ތިމާގެ މިލްކިއްޔާތުން ވަކިމިންވަރެއް ނެގުމަށްފަހު ، ދަތިޙާލުގައި ދިރިއުޅޭ މީހުންނަށް ހަދިޔާ ކުރުމެވެ. ޒަކާތަކީ އެއީއެވެ. ޒަކާތަކީ ޞަދަޤާތެއްނޫނެވެ. ޞަދަޤާތަކީ ސުންނަތެކެވެ. ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވަކިހަމަތަކަކުން ފަރުޟުކުރެވިފައި އޮންނަ ކަމެކެވެ.
އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ފުރަތަމަ ރުކުން އެއީ ވަރަށް މުހިންމު ރުކުނެކެވެ. ދެވަނަ ރުކުންވެސް އެހާ މުހިންމެވެ. އެއީ ، މުސްލިމުން އެކަމަކަށް ހެކިވެ ، ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ދެކަމެކެވެ. ﷲ ވޮޑިގެންވާކަމާއި ، އެކަލާނގެ އެއްކައުވަންތަ ކަމެވެ. އެއަށްފަހު ، މުޙައްމަދުގެފާނީ ، އެކަލާނގެ ފޮނުއްވި ރަސޫލާކަން ޤަބޫލުކުރުމެވެ. މިދެކަމަކީ ، ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުކުރެވިގެންވާ ދެކަމެވެ.
ތިންވަނަ ރުކުނަކީ ޒަކާތްކަމަށްވާއިރު ، ޒަކާތުގެ ޙުކުމް ތަފާތެވެ. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުކުރެވިގެންވާކަމެއް ނޫނެވެ. ޒަކާތް ފަރުޟު ކުރެވިގެންވަނީ ، އެކަމަށް ކެރިކުޅަދާނަވެގެންވާ މީހާއަށެވެ. ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިންގެ މައްޗަށެވެ. ޒަކާތަކީ ، އެމީހެއްގެ މިލްކުގައި ވަކިމިންވަރަކަށް ހުރުމުން ވާޖިބުވާ އެއްޗެކެވެ. އެ ޢަދަދު އެމީހެއްގެ މިލްކުގައި ހަމަނުވާނަމަ ، ޒަކާތް ވާޖިބެއް ނުވާނެއެވެ.
ތަނަވަސްކަމަކީ ، ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް މިންވަރުކުރައްވާ އެއްޗެކެވެ. މުދާވެރިކަން ދެއްވުމަށްފަހު ، ﷲ އަންގަވަނީ އޭގެ 2.5 އިންސައްތައިގެ މިންވަރު ﷲ ގެ މަގުގައި ޒަކާތަށް ދެއްކުމަށެވެ. އަނެއް 97.2 އިންސައްތަ އެއީ އެމީހަކަށެވެ. 2.5 އިންސައްތަ އެއީ އެކަލާނގެ އަށް ޚާއްޞަވެގެން ނެގޭ މިންވަރެކެވެ. ތަނަވަސްކަން ދެއްވަނީ އެކަލާނގެ ކަމަށްވާއިރު ، އެކަލާނގެ މަގުގައި ހޭދަކުރަން އަންގަވާފައި އޮންނަ 2.5 އިންސައްތަ އެމީހެއްގެ ކިބައިން ނިގުޅައިގަތުމަކީ ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަތިފުޅުކަމެއްނޫނެވެ. ކޮންމެވެސް ގޮތަކުން އެ ޢަދަދު ތިބާގެ މުދަލުން އުނިކުރައްވާނެއެވެ. މީހާ ބަލިވެގެން ބޮޑުޚަރަދަކުން ބޭސްކުރަން ޖެހިދާނެއެވެ. ވިޔަފާރީގައި ގެއްލުން ލިބިދާނެއެވެ. މިލްކިއްޔާތުގައިވާ އެއްޗެއް ނެތި ހަލާކުވެ ހިނގައިދާނެއެވެ. އެއިން ކޮންމެވެސް ގޮތަކުން ، ﷲ ގެ މަގުގައި ހޭދަކުރަންޖެހޭ 2.5 އިންސައްތަ އުނިވާނެއެވެ.
އެހުރިހާކަމަކީވެސް ، ދުނިޔޭގައި އުޅުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ މަގުގައި ކުރިމަތިވާނެ ގޮންޖެހުންތަކެވެ. ހަމަކަށަވަރުންވެސް އެއީ ދާއިމީ ކަމެއްނޫނެވެ. މިދުނިޔެއަކީ ދާއިމީ ގޮވައްޗެއްނޫންކަން ، އިންސާނާގެ ލޯކުރިމަތީގައި ކޮންމެ ދުވަހަކުވެސް އެދަނީ ފެންނަމުންނެވެ. ދުނިޔޭގެ މުސްލިމުންގެ އާބާދީ މިހާރު މިވަނީ ދެބިލިއަނަށްވުރެ މަތިވެފައެވެ. އެއިން ކޮންމެމީހަކީ ނެތިވެ ، މަރުވެގެން މިދުނިޔެއާ ވަކިވާނެ މީހެކެވެ. ހަމައެގޮތަށް ﷲ ޚަލްޤުކުރައްވާ އިންސާނުންކުރެ ، މުސްލިމުންގެ ތެރެއިންވެސް ކޮންމެދުވަހަކުވެސް މީހުން އިތުރުވާނެއެވެ. ކޮންމެ މަޚުލޫޤަކީވެސް މަރުވެގެން ނެތިފަނާވެދާނެ އެއްޗެކެވެ.
އިންސާނާ ދުނިޔޭގައި އުޅުމުގައި ، އަމިއްލަޙާލަށް ކެތްތެރިވެ ، ދަތިޙާލުގައި އުޅޭމީހުންނާއި ، ތަނަވަސްކަންމަތީ ދިރިއުޅޭމީހުން އުޅޭނެއެވެ. އެކަންކަމަކީ ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅާ އެއްގޮތަށް ހިނގާ ކަންކަމެވެ.
އިންސާނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަދިޔާކުރައްވާފައިވާ އެންމެ މަތިވެރި އެއްހުނަރަކީ ، މިންވަރަށް އީމާންވުމުގެ ހުނަރެވެ. މިއީ ، ގިނަމީހުންނަށް ބޭނުންކުރަން ނޭނގޭ ހުނަރެކެވެ. ހިތްނޭދޭ ކަންކަމުގެ ތެރެޔަށްލައި ، އެކަމަށް ޣާފިލުވެވޭ ކަމެކެވެ. ތިމާގެ ދަރިފުޅު އުޅޭ ސްކޫލުން ދަރިފުޅު ވަކިކުރުމުން އެއަށްވުރެ ދަށް ސްކޫލަކަށް ދަރިފުޅު ވައްދަން ޖެހުމުން ، އެކަން ޙަޖަމް ނުކުރެވޭ މީހުންތިބެދާނެއެވެ. އެހެނަސް ، އެކަން ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކުރައްވާނީ ، އެކަމުގައި ކޮންމެވެސް ރަނގަޅެއް އޮވެގެންނެވެ. އެކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުން ހުށްޓެވެ. ޝުކުރުވެރިވާ ޙާލުގައި ، އެކަލާނގެ އިތުރު ނިޢުމަތްތައް މިންވަރުކުރައްވާނެތެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރު އަދާކުރުން ފަށަންޖެހެނީ ، އަޅުކަމުންނެވެ. ނަމާދުންނެވެ. މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ. އެހީއަށް ބޭނުންވެ ، ދަތިޙާލުގައިވާ މީސްތަކުންނަށް އެހީތެރިވުމުންނެވެ. ޞަދަޤާތް ކުރުމުންނެވެ. އިންސާނާއާއި ﷲ އާ ދެމެދުގައި ޤާއިމްކުރަންޖެހޭ ޙައްޤުތަކުން އިންސާނާ އަރައިގަންނަ ޙައްޤުތަކަށް ، އެކަލާނގެ މާފުދެއްވައި ޢަފޫކުރެއްވުން އެއީ ޖާއިޒް ކަމެކެވެ. އެހެނަސް ، އެއް އިންސާނަކު އަނެއްއިންސާނެއްގެ ޙައްޤަށް އަރައިގަނެ މާފުކުރުމަށް ދެކޮޅުހަދައިފިނަމަ ، ދެން އެކަން ބަދަލުވެގެންދާނީ ، އާޚިރަތްދުވަހުން ހިސާބެ ބެއްލެވޭ ކަންކަމުގެ ތެރެޔަށެވެ.
ކޮންމެ މުސްލިމަކީވެސް ، ސުވަރުގޭގެވަސް ލިބި ، އެމަތިވެރި ގެއިން ކަނެއްގެ ތަންފުކެއްނަމަވެސް ، ލިބުން އެދިގެންވާނެ މީހެކެވެ. އެކަން ޙާޞިލްކުރެވޭނީ ، އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަޤްޞަދު ޙާޞިލްވާގޮތަށް ، އެއިންސާނާ ދުނިޔޭގައި އުޅެ ، ﷲ ގެ ޙަޟުރަތަށް ދަތުރު ކުރުމުންނެވެ.
އިންސާނާއަށް އިނާމް ލިބެނީ ، ޤުރުބާނީއަކަށް ފަހުގައެވެ. ރަމަޟާންމަހުގެ ރޯދަޔަށްފަހު ، ފިޠުރު ޢީދު އަންނަ ފަދައިންނެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ، އަޟުޙާޢީދު އަންނަ ފަދައިންނެވެ. ( ނިމުނީ )