ކޮންމެ އިންސާނަކީވެސް ، މިދުނިޔޭގައި އެއިންސާނާ ބޭނުންވާ ހުރިހާކަމެއް ފުދިގެން ، ދުނިޔެއަޅައި ދިއުމަށް ބޭނުންވާނެ މީހެކެވެ. އަޅުގަނޑުމެން ، މުސްލިމުންނަކީ ، މިދުނިޔެވެސް އަދި އާޚިރަތްވެސް ލިބި ، ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދިގެންވާ ބަޔެކެވެ. ކާފަރުންނާއި މުސްލިމުންގެ ތަފާތަކީ ، މުސްލިމުން އާޚިރަތްދުވަހަށް އީމާންވެފައި ، ކާފަރުން އެހެން ދުނިޔެއެއް އޮތްކަމަށް ޤަބޫލު ނުކުރުމެވެ. މުސްލިމުން މަސައްކަތްކުރަމުން ގެންދާނީ ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށެވެ.
މުސްލިމުންގެ ކުރިމަތީގައި އޮތް ސުއާލަކީ ، އޭނާއަށް އެންމެ ރަނގަޅީ ، މިދުނިޔޭގެ ބާއްޖަވެރިކަން ހެއްޔެވެ ؟ ނުވަތަ އާޚިރަތުގެ ބާއްޖަވެރިކަން ހެއްޔެވެ ؟ މުސްލިމުންކުރެ ، ގިނަބަޔަކު އެދޭނީ އާޚިރަތުގެ ބާއްޖަވެރިކަމަށެވެ. އެކަން ޙާޞިލްކުރެވޭނީ ، މިދުނިޔޭގައި އުޅުމަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައި ބަޔާންކުރައްވާފައިވާ ގޮތަށް ، އުޅުމަށް މަސައްކަތް ކޮށްގެންނެވެ. އެކަމަށް އެދި ، ހީވާގިކަމާއެކު މަސައްކަތްކޮށްފި މީހަކަށް ، އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެއެވެ. އެއީ ޝައްކެއް އޮތް ކަމެއްނޫނެވެ.
އިންސާނާ ބޭނުންވާ ހުރިހާކަމެއް ، މިދުނިޔޭގައި ފުރިހަމަވެގެން އުޅެވިދާނެކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ޔަޤީންކޮށްދެއްވާފައެއް ނުވެއެވެ. އިންސާނާ ދުނިޔޭގައި އުޅޭ އުޅުމުގައި ، ޢަމަލުތައް ބެހެއްޓިގޮތުގެ ހިސާބު ބައްލަވާނެކަން އެއީ މިކަމުގެ ހެއްކެކެވެ. އިންސާނުންގެ ތެރޭގައި އެންމެ މަތިވެރި އިންސާނުން ، ﷲ ސުބްޙާނަހޫ ވަތަޢާލާ އުފެއްދެވިއެވެ. ނަބިއްޔުންނާއި ރަސޫލުން ފޮނުއްވެވިއެވެ. އޭގެތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތާ އެންމެ ކުއްތަންވެވަޑައިގެން ހުންނެވި ، މަތިވެރި އިންސާނާއަކީ ، މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވުނީ ، މިޒަމާނުގައި މިއޮތްފަދަ ޓެކްނޮލޮޖީގެ އުފެއްދުންތައް ނެތް ދުވަސްވަރެއްގައެވެ. ޖާހިލުކަމުގެ އަނދިރީގައި ދުނިޔެ ނިދާފައި އޮތް ޒަމާނެއްގައެވެ. އެޒަމާނުގައި އިލެކްޓްރިސިޓީއެއް ނެތެވެ. އިސްކުރުތަކުން ދައުރުވާ ފެނެއްވެސް ، އެޒަމާނަކު ނުވެއެވެ. މޯބައިލްފޯނާއި އިންޓަނެޓާއި މަތިންދދުއްވާ ބޯޓުފަދަ ވަޞީލަތްތަކެއް ނުވެއެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރެއްވެސް ނެތެވެ. އެހެންކަމާއެކުވެސް ، އެކަލޭގެފާނަކީ ، އެދިވަޑައިގެންނެވި ކޮންމެކަމެއް ފުދިގެންވާފަދަ ފުރިހަމަކަމެއްގައި ހުންނެވި ބޭފުޅެކެވެ. ﷲ ގެ ރަޙުމަތާއި ނިޢުމަތް އެންމެ ފުރިހަމަގޮތުގައި ، އެކަލޭގެފާނަށް މިންވަރުކޮށްދެއްވިއެވެ. އެކަލޭގެފާނަކީ ، ނަބިއްޔުންނާއި ރަސޫލުންގެ ސާހިބާއެވެ. މިދުނިޔެއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤުކުރައްވައި ފޮނުއްވި ، އެންމެ މަތިވެރި ސާހިބާއެވެ.
މިކަމުން އެނގިސާބިތުވާކަމަކީ ، ﷲ ސުބްހާނަހޫ ވަތަޢާލާއާ އިންސާނާ ކުއްތަންވުމަކީ ، އެއިންސާނާގެ މިލްކުގައި މިދުނިޔޭގައި އޮތް އެއްޗެއްހެ މައްޗަށް ބިނާވެފައި އޮތް ކަމެއްނޫންކަމެވެ. މިޒަމާނުގައި ، ވަޒީފާނެތި އެތައްބަޔަކު އެބަ ދިރިއުޅެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެއްސިގެން ، އެތައްބަޔަކު ، ބަނޑަށް އެބަތިބެއެވެ. ގޭގެކުލި ނުދެއްކިގެން ، ދަރަންޏަށް ނެގިފައިސާ ހަމަނުކުރެވިގެން އެތައްބަޔަކު ޙާލުގައި ޖެހިފައި އެބަތިއްބެވެ. އެހެންނަމަވެސް ، އެއީ ދުނިޔޭގެ ނިސްބަތުގައި އާދައިގެ ކަންކަމެވެ. ﷲ ގެ ޙަޟުރަތުގައި އެއީ އެއްވެސްކަމެއްނޫނެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ ، އެހުރިހާ ތަކުލީފެއް އިންސާނާގެ ކިބައިން ނެތިކުރައްވައެވެ. ކުރަންވީ ކަމަކީ ، ދުނިޔޭގެ ދަތިޙާލުން ސަލާމަތްކޮށްދެއްވައި ، އާޚިރަތުގެ ބާއްޖަވެރިކަމަށް އެދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދެންނެވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވުމަށް ދާނދެން ، މިދުނިޔޭގައި އަބުރުވެރިކަމާއެކު އުޅެވޭފަދަ ތަނަވަސްކަމަކަށް އެދި ދުޢާ ކުރުމެވެ.
އެއްވެސް އިންސާނަކަށް ، އެއިންސާނާއަށް ނުއުފެއްލޭފަދަ ތަކުލީފެއް ، ﷲ ނުޖައްސަވަތެވެ. ﷲ ޖައްސަވާ ތަކުލީފަށްވުރެ ބޮޑެތި ތަކުލީފުތަކާ ދިމާއަށް ހިތްދޫވެގެން ދިޔަނުދޭށެވެ. އެއީ ، އިންސާނާގެ އިޚްތިޔާރުގައިވާ ކަމެކެވެ. ތިމާއަށް ނުއުފެއްލޭފަދަ ތަކުލީފުތަކަށް ހުށަހެޅި ނުގަންނާށެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަވެސް ، އެކަމުން ސަލާމަތްކޮށްދެއްވުންއެދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާއާ ދެމެދު ، ފުރިހަމަގުޅުމެއް ޤާއިމް ކުރާށެވެ. އެގުޅުން ޤާއިމްކުރެވޭނީ ، ﷲ އަންގަވާފައިވާ މަގުން ހިނގައިގެންނެވެ. އެކަލާނގެ ، ފަރުޟުކުރައްވާފައިވާ ފަސްނަމާދު ވަގުތުގައި އަދާކުރާށެވެ. ފަރުޟުތައް ފުރިހަމަޔަށް އަދާނުކޮށްހުރެމެ ، ކުރިމަތިވާ ތަކުލީފުތަކަށް ޝަކުވާ ނުކުރާށެވެ. ފަރުޟު އަދާކުރާށެވެ ! އެއަށްފަހު ، ދިންނެވުމާއި ނަސީބަށް އެދޭށެވެ.
ރަސޫލު ޞައްލަﷲ ޢަލައިވަސައްލަމަގެ ބޮޑުބޭބޭފުޅު ، އަބޫޠާލިބުގެ ދުވަސްވަރު ، މައްކާގެ މުޝްރިކުން ، އެކަލޭގެފާނާއި ، އެކަލޭގެފާނާއެކުގައިތިބި މީހުންނަށް އުނދަގުލާއި ދުއްތުރާ ޖެއްސިއެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތި އެތައް ދުވަހެއް ، އެބޭކަލުން ހޭދަކުރެއްވިއެވެ. އެކަންކަމަށް އެބޭކަލުން ކެތްކުރެއްވިއެވެ. ﷲ އަށްޓަކައި ، އެބޭކަލުންގެ ނުފްސު ޤުރުބާން ކުރެއްވިއެވެ.
ރަމަޟާންމަސް ނިމިގެން ދެން ކުރިމަތިލާނީ ފިޠުރުޢީދެވެ. ރަމަޟާންމަހުގެ ތެރޭގައި ، ނަފްސު ޤުރުބާންކޮށް ، ﷲ ގެ މަގުގައި ރޭއަޅުކަން ފުރިހަމަކުރުމަށް އުފުއްލި ބުރައާއި ޤުރުބާނީއަށްފަހު ، އެކުރިމަތިވަނީ ޢީދުގެ އުފާވެރިކަމެވެ. ޤުރުބާނީއަކަށްފަހު ، އުފާވެރިކަމުން ފުރިގެންވާ ދުވަސްތަކެކެވެ. އެހެންކަމުން ، މިދުނިޔޭގައި ، އިންސާނާ ކުޅަހެޔޮޢަމަލުތަކަށް ނަފްސު ޤުރުބާން ކުރުމުގެ އިނާމަކީ ، ސުވަރުގޭގެ ދާއިމީ ނިޢުމަތެވެ.
ދުނިޔޭގައި ކުރިމަތިވާ ގޮންޖެހުންތަކާ ، ކެރިގެން ، ސާބިތުކަމާއެކު ކުރިމަތިލާށެވެ. ޢާޚިރަތަށް މަގުކޮށޭނެ ގޮތަކީ އެއީއެވެ. އިންސާނާ ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓި މޫނަށް ބަލައިލާއިރު ، ނުއިންނަންވާ ތަނެއްގައި އެންމެ އިސްތަށްޓެއް ހުއްޓާ ފެނުނަސް އެއީ އޭނާއަށް ބޮޑުކަމަކަށް ވެއެވެ.
މިދުނިޔޭގައި އިންސާނާ އެދޭ އެދުންތައް ހުންނައިރު ، އެއިންސާނާ އެދެންޖެހޭ އެންމެ ރަނގަޅު ކަންކަމަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އެހެންނޫނީ ، އެއިންސާނާއަށް ރަނގަޅައި ނުބައި ވަކިކުރާކަށް ނޭނގޭނެއެވެ.
އިންސާނާ އޭނާބޭނުންވާ ކަންކަމަށް އެދި ﷲ އަށް ދުޢާކުރާއިރު ، ފަށާނީ މިދުނިޔެއިންނެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ ! މިދުނިޔޭގެ ހުރިހާ ރަނގަޅުކަމެއް މިއަޅާއަށް މިންވަރު ކުރައްވާނދޭވެ ! އަދި އާޚިރަތުގެ ހެޔޮކަންވެސް މިންވަރު ކުރައްވާނދޭވެ ! އަދި ، ނަރަކައިން މިއަޅާ ސަލާމަތްކުރައްވާދޭވެ !
ޢާންމުގޮތެއްގައި ކުރަމުންގެންދާ މިދުޢާގައި ، ދުނިޔޭގެ ހުރިހާ ރަނގަޅުކަމަކަށް އެދި ﷲ އަށް ދަންނަވާއިރު ، ދުނިޔޭގައިވާ ރަނގަޅުކަންކަން ނޭނގގިހުރެ ، އެކަމަށް އެދި ﷲ އަށް ދަންނަވާނީ ކިހިނެއްތޯއެވެ ؟ މި ދުނިޔޭގެ ހުރިހާ ރަނގަޅަކީ ޒުވާނެއްގެ ނަޒަރުން ބަލާއިރު ، މޮޅު ފޯނަކަށް އަދި ދުއްވައިލާނެ އަގުބޮޑު ސައިކަލަކަށް ނުވަތަ ކާރަކަށް ވެދާނެއެވެ. އަދި ބޭނުން އެއްޗެއް ގަނެވޭވަރަށް އަތުގައި ފައިސާހުރުންކަމަށްވެސް ވެދާނެއެވެ. އެހެނަސް ، ޙަޤީޤަތަށްބަލާއިރު ، ދުނިޔޭގެ ހުރިހާ ރަނގަޅެއް ފެށެނީ ، ﷲ އަށް އަޅުކަން ކުރުމުންނެވެ. އެއަޅުކަމުން އިންސާނާގެ ނަފްސަށްލިބޭ ހިތްހަމަ ޖެހުމާއި އުފާވެރިކަމުންނެވެ. ދުނިޔޭގެ މާއްދިއްޔަތަށް ހެއްލި އެއްކުރާ މުދަލާއި ފައިސާއަކުންނޫނެވެ. ދުނިޔޭގައި ހެޔޮޢަމަލެއްނުކޮށް ، އާޚިރަތުގެ ބާއްޖަވެރިކަން ޙައްޤެއް ނުވާނެއެވެ.
ދުނިޔޭގައި ، އާދަމުގެފާނު އުފެއްދެވީއްސުރެ ، މިއަދާހަމަޔަށް ، އިންސާނާގެ ދުލުން އެންމެ ގިނައިން ބޭރުވާ ބަޔާނަކީ ، ﷲ އަކުބަރެވެ. ﷲ ގެ މަތިވެރިކަމަށް ހެކިވެއެވެ. ﷲ އަކުބަރު ، މިލަފުޒަށްވުރެ ގިނައިން އިންސާނުންގެ ދުލުން ބޭރުވާ ބަޔާނެއް މިދުނިޔޭގައި ލައްވާފައެއް ނުވެއެވެ. ދެބިލިއަން މުސްލިމުން ، ކޮންމެ ދުވަހަކު ، ކޮންމެ ބަންގިއެއްގައި ، ކޮންމެ ނަމާދެއްގައި އަދި ނަމާދަށްފަހު ކިޔާ ޛިކުރުގައި ، މި ކަލިމަ އެތައްފަހަރަކު ، ތަކުރާރު ކުރެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަމަށް ހެކިވަމުންނެވެ. އެހެންކަމުން ، ﷲ އަކުބަރު ، މިކަލިމަޔަކީ ، ދުވާލެއްގެ މައްޗަށް އެތައް ބިލިއަން ފަހަރަކު ، އިންސާނުންގެ ދުލުން ބޭރުކުރެވޭ ބަޔާނެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަމަށް ހެކިވާ ބަޔާނަށްފަހު ، އިންސާނާގެ ދުލުން ، ދެން އެންމެ ގިނައިން ކުރެވެނީ ދުޢާއެކެވެ. ﷲ ގެ ޙަޟުރަތުގައި އެދި ދަންނަވާ ދެންނެވުމެކެވެ. އެއީ ، ٱهْدِنَا ٱلصِّرَاطَ ٱلْمُسْتَقِيمَ މިއާޔަތެވެ. މިއާޔަތުގެ މާނަޔަކީ ، އަޅަމެންނަށް ، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ ! މިއީ ، މުސްލިމުންގެ ދުލުން އެންމެ ގިނައިން ކިޔޭ ދުޢާއެވެ.
އަލްޙަމްދު ކިޔާ ކޮންމެ ފަހަރަކު މިދުޢާ ތަކުރާރުވެގެން ދެއެވެ. ﷲ ގެ މަތިވެރިކަން ޤަބޫލުކުރުމަށްފަހު ، އެކަލާނގެއަށް އިންސާނާ ދެން އެ ދަންނަވަނީ ، އެކަލާނގެ ރުހިވޮޑިގެންވާ މަގަށް މަގުދެއްކެވުމަށެވެ. އެއީ ، އިންސާނާ ދުނިޔޭގައި އުޅެން ބޭނުންވާ ގޮތެވެ. މަރުވުމަށްދާނދެން ، އިންސާނާ ބޭނުންވާނީ ، ﷲ ދައްކަވާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށެވެ. އެކަލާނގެ ރުހިވޮޑިގެންވާ މަގުން ހިނގުމަށް ތަކުރާރުކޮށް ، އެކަލާނގެ ޙަޟުރަތުން އިރުޝާދު ލިބެމުން ދާނެއެވެ.
ދާއިމީގޮތެއްގައި ، ކޮންމެ ދުވަހަކު މީހެއްގެ ފަރާތުން ކަމަކަށް އެދޭ އެދުން ތަކުރާރުވަމުން ގެންދާނެ ޙާލަތަކަށް ބަލައިލަމާތޯއެވެ ؟ ކަމަކަށް އެދި ކޮންމެ ދުވަހަކުވެސް އެބަ އެދެވެއެވެ. އެކަމަކު ، އެކަމަށް އެދި ކުރަންޖެހޭ އެހެން އެއްވެސްކަމެއް ނުކުރެވެއެވެ. މިސާލަކަށް ، ޖީސީއީ އޯލެވެލް އިމްތިޙާނަށް ކުރިމަތިލާ މީހެކެވެ. އިމްތިޙާންގެ މަތިން ހިތަށްއެރި ހިސާބުން ފެށިގެން ، އެ އިމްތިޙާނުން ، މަތީ ދަރަޖަޔަކުން ފާސްކޮށްދެއްވުމަށް އެދި ، ﷲ އަށް ތިބާ ދަންނަވާނޫއެވެ. އެކަމަކު ، ﷲ އަށް ދަންނަވާ ދެންނެވުން ފިޔަވައި އިތުރު މަސައްކަތެއް ނުކުރެވެއެވެ. ފިލާވަޅުތައް ދަހެއް ނުކުރެވެއެވެ.
މިސްކިތަށް ދިއުމުގެ ތަވްފީޤަށް އެދި ﷲ އަށް ދަންނަވާމީހާ ، ނިދާފައި އޮވެގެން މިސްކިތަކަށް ނުދެވޭނެއެވެ. އޭނާއަށް މިސްކިތަށް ދެވޭނީ ، ހޭލާހުރެގެން އެކަމަށް އެދިގެން މަސައްކަތް ކުރުމުންނެވެ. ( ނުނިމޭ )