
އީރާނުގެ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި 65 މީހުން ވެސް މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތް ތަކުން މައުލޫމާތު ދީފިއެވެ.
އެ ބޯޓުވެއްޓުނީ ވެރިރަށް ތެހެރާނާއި، ޔަސޫޖު ސިޓީއާ ދެމެދު ދަތުރު ކުރަމުން ދަނިކޮށްނެވެ. ބޯޓު ވެއްޓިފައިވަނީ އިސްފަހާން ޕްރޮވިންސްގެ ފަރުބަދަ މަތީ ހިސާބަކަށެވެ. އެ ބޯޓަކީ އީރާންގެ އެއަރލައިނެއް ކަމުގައިވާ އަސެމަން އެއަރލައިންސްގެ އޭޓީއާރު- 72 މަރުކާގެ މަތިންދާ ބޯޓެކެވެ.
އަސެމަން އެއަރލައިންސްގެ ތަރުޖަމާނު މުހައްމަދު ތަގީ ވެސް ވަނީ އެ ބޯޓުން ދަތުރުކުރި ހުރިހާ މީހުން މަރުވެފައިވާ ކަމަށެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 59 ފަސިންޖަރުންނާއި ބޯޓުގެ 6 ފަޅުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި 4،400 މީޓަރު އުސް ޑެނާ ފަރުބަދަ އާ ދިމާއަށް ބޯޓު ވެއްޓިފައިވާއިރު އެ ބޯޓުގެ ސިގްނަލް އެންމެ ފަހުން ލިބިފައިވަނީ އެގައުމުގެ ގަޑިން 05:55 ގައެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ 16،975 ފޫޓު މަތިން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ވެއްޓުނު މަތިން ދާ ބޯޓަކީ 1993 ވަނަ އަހަރު އުފައްދާފައިވާ ބޯޓެކެވެ.