ބީސީއެމް އިން "އަޅާލުން" ކެމްޕެއިން ފަށައިފި

އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ "އަޅާލުން" ކެމްޕޭން އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް އިއްޔެ އިފުތިތާހުކޮށްދެއްވައިފިއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް 2024 އާ ގުޅުވައިގެން ދަ ސަމަރސެޓް ހޮޓެލްގައި އިއްޔެ އިފުތިތާހުކުރެވުނު މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަނީ 8 މާރިޗު 2024ން 7 މާރިޗު 2026ގެ ނިޔަލަށެވެ.

މި ކެމްޕޭންގެ ދަށުން ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް މޯލްޑިވްސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދިނުމާއި، ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުން އަދި ކައުންސިލިންގގެ ޚިދުމަތް ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްތަކެއް ވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

އެ ގޮތުން އެކްސް، ފޭސްބުކް، އިންސްޓަރގްރާމް މެދުވެރިކޮށް ގަވާއިދުން މަޢުލޫމާތު ދިނުމާއި، ޓީވީ އަދި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. ހަމަ އެހެންމެ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް މި ކެމްޕޭނުގެ ދަށުން ހަމަޖެހިފައިވެއެވެ.

އަޅާލުން ކެމްޕޭންގެ ލޯގޯގައި ހިމެނެނީ ކާލިގަނޑު މިޔަރެކެވެ. މިއީ އާންމުކޮށް ދިވެހިރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުން ފެންނަ މިޔަރެކެވެ. އަދި މި މިޔަރަކީ ޚާއްޞަ ސިފަތަކެއް ލިބިގެންވާ މިޔަރެކެވެ.

އެ ގޮތުން ގިނަ މިޔަރުގެ ބާވަތްތަކަށްވުރެ ލޯއަލިވެ ފެނުމުގެ ބާރު ގަދަވުމާއި، ފޮރުވިފައިވާ ތަކެތި ދެނެގަތުމުގެ ސެންސަރީ ބާރު ލިބިފައިވުން ހިމެނެއެވެ. ކާލިގަނޑު މިޔަރު ފަދައިން އަޅާލުން ކެމްޕޭންގެ މަޤްޞަދަކީ މުޖުތަމަޢުގައި ހުރި ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާގެ މައްސަލަތަކުގެ އެންމެ ފުނަށް ފީނައި، މައްސަލަތައް ނުކުތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، ކޮންމެ މައްސަލައަކަށް ވެސް އެންމެ ފުރިހަމަ ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.