( 3 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
މުރުތަޟާ އޮފީހަށް ވަދެ ގޮނޑީގައި ހަމަޖެހިލިޔަސް ، އޭނާގެ ހިތާއި ސިކުނޑި ހަމައެއް ނުޖެހުނެވެ. އޭނާގެ ކަންފަތް ބަށްވާވަރަށް އިވެމުން އެދަނީ ، އޭނާއާ ދިމާލަށް ތަހުނިޔާ ބުނަމުންގެންދިޔަ ބަސްތަކެވެ. އެހާސްކަންމަތީ މުރުތަޟާ އިންދާ ، ޓަކިޖަހައިލާފައި އެވަނީ ނޫރުއެވެ. ނޫރުގެ މޫނުމަތިން ފެންނަންހުރީ ކަންބޮޑުވުމާއި ހާސްކަމެވެ. ނޫރުމެންގޭ ތެރޭގައިވެސް ، ހޫނުކަން ކުޑައެއްނޫނެވެ. އެރޭ ނޫރުއަށް ގެޔަށް ދެވުނީވެސް ތަންކޮޅެއް ލަހުންނެވެ. ނޫރުގެ ބޭބެ ހާރިސް އާއި ފަހަރި ރައިދާ ނޫރުއާ ދިމާއަށް ހެއްދެވި ނެހެއްދެވިޔަށް ގޮވިއެވެ. އެމީހުން ބޭނުންވަނީ ، އެމީހުން ހޯދައިގެން އެއުޅޭ މީހަކާ ކައިވެނިކުރަން ނޫރު އެއްބަސް ވުމަށެވެ. ގޭތެރޭގެ މާޙައުލު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ނޫރުގެ ބައްޕަވެސް ހުރީ ، ނޫރުގެ ބޭބެގެ ބަހަށް ހެއްލި އެމީހުންގެ ކޮޅުގައެވެ. އެގޮތަށް ކަންކަން ދާންވެއްޖިއްޔާ ، ދިރިއުޅުން ތަކުލީފަކަށް ވެގެންދާނެއެވެ.
ނޫރު ބޭނުންވަނީ ކޮންގޮތެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އޭނާ ބޭނުންވަނީ މުރުތަޟާ ކަމުގައި ލަހެއްފަހެއްނެތި ، ނޫރު ބުންޏެވެ. ނޫރުއަށް ދެރައެއް ލިބޭނެގޮތެއް މުރުތަޟާއެއް ނުހަދާނެއެވެ. މިފަހަރު ، މުރުތަޟާ ހުންނާނީ ނޫރުއާ އެކުގައިކަމަށް ބުނެ ނޫރުގެ ބޮލުގައި މުރުތަޟާ ފިރުމާލިއެވެ. އެމީހުންގެ ކުރިމަތީގައި އޮތް މުސްތަޤްބަލަށްޓަކައި ރޭވުންތަކެއް ރާވައި ، ކޮންމެވެސްކަމެއް ކުރަން އެބަޖެހޭކަމަށް މުރުތަޟާއަށް ފެނުނެވެ.
އޮފީސްމީހަކު އެކޮޓަރިތެރެޔަށް ވަތްއިރު ، ޓަކިވެސް ޖަހައެއް ނުލައެވެ. އޭނާއަށް މުރުތަޟާއާއި ނޫރު އެވަގުތު ތިބިގޮތް ފެނުމާއެކު މަޢާފަށް އެދެމުން ، އަވަސް އަވަހަށް ނުކުތެވެ. އެވަގުތު ނޫރު އެތަނުން އިހަށް ދިއުމަށް މުރުތަޟާ އެދުނެވެ. ޙަޤީޤަތް ނޭނގޭ މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެތީއެވެ. އެކަމަށް އެމީހުން ފުރުޞަތުދީގެން ނުވާނެއެވެ.
ކޮންމެވެސް ތާކަށްގޮސް ހަމަޖެހިލައިގެން ތިބެ ، ވާހަކަ ދައްކާލަން ދެމީހުން އެއްބަސް ވިއެވެ. ނޫރުވެސް މުރުތަޟާގެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، ބަސްއަހައިގެން ނުކުމެގެން ދިޔައެވެ.
އަރުސަލާން ގޮވައިގެން ބޭރަށްދާން މުރުތަޟާ ބުނެފައި އޮތީމަ ، މުރުތަޟާ އަންނަންވާއިރަށް ، ޠާހިރާ ގެންދިޔައީ އަރުސަލާން ތައްޔާރުކޮށް ރީތި ކުރަމުންނެވެ. ގެޔަށް އައި މަގުމަތީ ، ޠާހިރާއަށް ފޯނުކޮށް ، އަރުސަލާން ފޮނުވުމަށް އެދުނެވެ. އަދި ، އަރުސަލާންއާއެކު ދައްތަ އައުމަށްވެސް މުރުތަޟާ އެދުނެވެ. ދައްތަ ގާތު ދައްކާލަން ބޭނުންވާ ވާހަކަތަކެއް ހުރީމައެވެ.
ތަހުނިޔާއާއި މަންމަ ގޭގައި ބައިތިއްބާފައި ، އެތިންބެއިން ބޭރަށް ދިއުމަކީ ޠާހިރާ އެހާ ބޭނުންކަމަކަށް ނުވިއެވެ. އެހެނަސް ، މަންމައާއި ތަހުނިޔާގެ ކުރިމަތީ ، މުރުތަޟާއަށް އެވާހަކަތައް ނުދެއްކޭނެކަމުގައި ބުނެ ، ޠާހިރާއައިސް ދިނުމަށް ، އަނެއްކާވެސް މުރުތަޟާ އެދުނެވެ. އޭރު މުރުތަޟާ އިނީ ކާރުގައި އައިސް ގޭދޮރުމަތީގައެވެ. ޠާހިރާގެ ދެމައިން ގޮވައިގެން މުރުތަޟާ ދިޔައީ ރެސްޓޯރެންޓަކަށެވެ.
އެތަނުގައި ކުދިން ކުޅެން ހަދާފައިހުރި ތަނަކަށް އަރުސަލާން ލާފައި އައިސް ، ޠާހިރާ މުރުތަޟާގާތުގައި އިށީނެވެ. އަދި ، ޠާހިރާ އެތަނަށް ގެނައީ ކޮންވާހަކައެއް ދައްކަންތޯ ސުއާލު ކުރިއެވެ.
ވާހަކަ ފަށާނީ ކޮންގޮތަކަށް ކިހާ ހިސާބަކުންކަމެއް މުރުތަޟާއަކަށް ނޭނގުނެވެ. އެހެންނަމަވެސް ، ހިތްވަރުކޮށްފައި ވާހަކަދައްކަން ފެށްޓިއެވެ.
މިވޭތުވެދިޔަ ދުވަސްތަކުގައި ކަންކަން ގޮސްފައިވާ ގޮތަށާއި އޭނާއަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު ، މުރުތަޟާއާއި ތަހުނިޔާއަކީ އެކަކު އަނެކަކަށްޓަކައި އުފައްދަވާފައިތިބި ބައެއްނޫންކަން ، މުރުތަޟާއަށް އިޙްސާސް ކުރެވިއްޖެއެވެ. މުރުތަޟާގެ ވާހަކަ ފެށުމާއެކުހެން ، ޠާހިރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދެބުމަ ގޮށްޖެހެމުން ދިޔައެވެ. މުރުތަޟާއަށް އެދެއްކެނީ ކިހާވަރެއްގެ ވާހަކައެއްކަން މުރުތަޟާއަށް ވިސްނޭކަމަކަށް ، ޠާހިރާއަކަށް ނުފެނުނެވެ. މުރުތަޟާ އެދެއްކި ވާހަކައެއް ދެއްކީ ވަރަށް ގިނަދުވަސްވަންދެން ވިސްނާފައެވެ. އޭނާގެ ކައިވެނި ރޫޅިދިއުމުން ސަލާމަތް ކުރެވޭތޯ ، ލައްކަ މަސައްކަތް ކުރުމަށް ފަހުގައެވެ.
މިވޭތުވެދިޔަ ދުވަސްތަކުގައި މުރުތަޟާއަށް ކުރެވުނީ ، އޭނާއެވަނީ ކޮށްޓެއްގައި ބަންދު ކުރެވިފައިވާކަމުގެ އިޙްސާސެވެ. ހަތަރުފާރު އެކަންޏެވެ. އުޑެއް ނުފެނެއެވެ. ވައިނުސާފެވެ. ހިނިތުންވެލުމަކީ ، އޭނާގެ ހިތުގައިވާ ތަކުލީފާއި ވޭން ހުއްދަދޭ ކަމެއްނޫނެވެ. މުރުތަޟާ ބޭނުންވީ ، ޠާހިރާގެ އެހީތެރިކަމަށެވެ. އޭނާގެ ޙާލަތު މަންމަޔަށް ސާފުކޮށްދިނުމަށެވެ. މާގިނަދުވަހު ، އެވޭނުގައި ކެތްކުރަން ވެއްޖެނަމަ ، އެ ކެކުޅުންތަކަށް ކެތްނުވެގެން ، ނޭވާތާށިވެ އޭނާގެ ދުވަސް ހިނގައިދާނެއެވެ. ނޫރުލްޢައިނުއާ މިހާރުވެސް މުރުތަޟާ އެބަ ބައްދަލުކުރަންތޯ ޠާހިރާ ސުއާލު ކުރިއެވެ. އެއީ ، ޖަވާބުދޭން އެހާ ފަސޭހަ ސުއާލެއްނޫންކަމަށްވިޔަސް ، އެސުއާލަށް ޖަވާބު ދިނުމަކީ މުރުތަޟާ ކުރަން ޖެހޭނެ ކަމެކެވެ.
" އަހަރެންގެ ހިތުގައި އަޅަމުންދާ ވޭނަށް ތަސައްލީއެއް ލިބޭ ހަމައެކަނި މީހަކީ އެއީއެވެ. " މުރުތަޟާ ބުންޏެވެ.
ޠާހިރާގެ ސުއާލަށް ޖަވާބު ލިބިއްޖެއެވެ. އެޖަވާބުން އޭނާގެ ހާސްކަމާއި ހިތަށް ލިބުނު ނުތަނަވަސްކަން ވީ ހައްތާ އިތުރެވެ. މުރުތަޟާއަށް އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސް ކުރެވޭކަމަކަށް ޠާހިރާއަކަށް ނުވިސްނެއެވެ. އެއީ ހަމައެކަނި މުރުތަޟާއާއި ޠާހިރާ އަދި ނޫރުލްޢައިނު އެކަނި ޝާމިލްވާ ނާރެހެއްނޫނެވެ. ވަރަށްގިނަބަޔަކު ، އެނާރެހުގެ ވަށައިގެން އެބަ އުޅެއެވެ. ޠާހިރާގެ ކަންބޮޑުވުން މުރުތަޟާއަށް ޤަބޫލުކުރެވެއެވެ. ޠާހިރާ އެދައްކާ ވާހަކަވެސް އަދި އެހެންމީހުން ދައްކާ ވާހަކަވެސް ، މުރުތަޟާއަށް ވަރަށް ސާފުކޮށް އެނގެއެވެ. އެހެނެއްކަމަކު ، އޭނާގެ އަމިއްލަ ނަފުސަށް ނުވިސްނައި ، އެހެންމީހުންނާމެދު އޭނާ އެކަނި ވިސްނަންވީ ކީއްކުރަން ހެއްޔެވެ ؟ އޭނާ އަމިއްލަޔަށް އޭނާއެދޭގޮތެއް އެއީ މުރުތަޟާއަށް ޙައްޤު އެއްޗެއްނޫން ހެއްޔެވެ ؟
ޠާހިރާއަށް ޤަބޫލުކުރެވުނު ގޮތުގައި މުރުތަޟާ އެއުޅެނީ ، އޭނާގެ ޙަޔާތުގެ ވަރަށް މުހިންމު ނިންމުމެއް ނިންމާށެވެ. އެކަމަށް މުރުތަޟަ އެއްބަސްވިއެވެ. އޭނާ އެހުރީ ، އެކަމާމެދު ، އޭނާނިންމާގޮތް ވިސްނައި ރަނގަޅަށް ތައްޔާރު ވެގެންނެވެ. ނޫރުލްޢައިނު ، އަނބުރާ އޭނާގެ ޙަޔާތަށް ގެނައުމަށް މުރުތަޟާ ވަނީ ނިންމާފައެވެ.
މުރުތަޟާ އެބުނި އެއްޗަކުން ޠާހިރާގެ މޫނުމައްޗަށް އެނބުރުން ނޭރީ ކިރިޔާއެވެ. އެކަހަލަ ފިޔަވަޅެއް އަޅާއިރު ، ތަހުނިޔާއަށް ވާނީ ކިހިނެއްކަމާމެދު ، ވިސްނާލިންތޯ ، ޠާހިރާ ސުއާލު ކުރިއެވެ. އެކަމަށްވެސް މުރުތަޟާ އެހުރީ ގޮތް ނިންމައިގެންނެވެ. އެކަން ޙައްލުކުރަން ހަދާނެގޮތެއް އެއީ އޭނާގެ ވިސްނުމަށް އަދި ، އައިސްފައިވާ ކަމެއްނޫނެވެ. އެއީ ދަތި އުނދަގޫ ކަމަކަށް ވާނެއެވެ. ތަހުނިޔާއަކީ ރަނގަޅު ކުއްޖެކެވެ. ތަހުނިޔާއާމެދު މުރުތަޟާގެ ޢަމަލުތައް ބެހެއްޓެނީ ރަނގަޅަށްނޫންކަންވެސް މުރުތަޟާއަށް އެނގެއެވެ. އެހެނަސް ، ފާޅުވާން އޮތް ޙަޤީޤަތަކީ ، މުރުތަޟާއާއި ތަހުނިޔާއަކީ އެކީގައި އުޅުމަށް ހައްދަވާފައިވާ ދެމީހެއް ނޫންކަމެވެ. އެއީ ، މުރުތަޟާއަށް ޤަބޫލުކުރެވޭ ގޮތެވެ. އެހެންނަމަވެސް ޠާހިރާއަކަށް އެކަން ، ޤަބޫލެއް ނުކުރެވެއެވެ.
ޠާހިރާ ގޮވައިގެން ދުރުތާކަށް ގޮސް ، އެވާހަކަ ދައްކަން މުރުތަޟާ ބޭނުންވި ސަބަބަކީވެސް އެއީއެވެ. އެންމެ ކުޑަމިނުން ދައްތައަށް އޭނާގެ ޙާލަތު ވިސްނައިދިނުމެވެ. އޭނާގެ ވާހަކަ ކިޔައިދިނުމެވެ. މަންމަގާތު އެހުރިހާ ވާހަކައެއް އޭނާއަކަށް ނުދެއްކޭނެއެވެ. އެވާހަކަތައް މަންމަޔަށް ކިޔައިދޭންވާނީ ދައްތައެވެ.
މުރުތަޟާގެ ވިސްނުމުގައިއޮތީ ، ނޫރުއާ އޭނާ ދެއަނތްބަށް އިނދެފިނަމަ ، ތަހުނިޔާ އޭނާގެ ދިރިއުޅުމުން ބޭރުވާނެ ކަމުގައެވެ. މުރުތަޟާ ވިސްނައިގެންހުރި ގޮތަކީވެސް އެއީއެވެ. ތަހުނިޔާއަށްވެސް އަދި މުރުތަޟާއަށްވެސް އެންމެ ރަނގަޅުވާނެ ގޮތަކީ އެއީއެވެ. އެވާހަކަތައް މަންމަޔަށް ވިސްނައިދިނުން އެދި މުރުތަޟާ ، އޭނާގެ ދައްތަޔަށް އާދޭސް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ޠާހިރާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަރުސަލާން އެތަނަށް އައިސް ، އޭނާ އެއްޗެއްކާން ބޭނުންވާ ވާހަކަ ބުނުމުން ، އެހިސާބުން އެވާހަކަ މެދު ކެނޑުނެވެ.
**********************************
ތަހުނިޔާގެ ކޮޓަރިޔަށް އައިސް ، ތަހުނިޔާ ހަމަޖެއްސޭތޯ ޙަފުޞާ މަސައްކަތްކުރަމުން ގެންދިޔައެވެ. ވިސްނައިނުލާ ނިންމޭ ނިންމުމަކުން ، ތަހުނިޔާގެވެސް މުޅި ޙަޔާތް ބަރުބާދުވެގެން ހިނގައިދާނެކަން ، ތަހުނިޔާއަށް ވިސްނައިދެމުން ގެންދިޔައެވެ. ގެއެއްގައި މީހުންނަށް ކައްކައި ކާންދީ އެގެއެއް ބެލެހެއްޓުމަކީ ، އަދި އެގޭގައި އުޅޭބައެއްގެ މެދުގައި އެއްބައެއްވަންތަކަން ޤާއިމްކޮށް ދެމެހެއްޓުމަކީ ފަސޭހަކަމެއްނޫނެވެ. އެކަން އެންމެ ބޮޑަށް އެނގޭނީ އަންހެނަކަށެވެ. އެއީ ، ކޮޓަރީގެ އެއްކަނެއްގައި ފިލައި އިނދެގެން ކުރެވިދާނެކަމެއްނޫނެވެ. ކޮންމެ މައްސަލަޔަކަށްވެސް ޙައްލެއް އޮންނާނެއެވެ. ތަހުނިޔާ ޢަމަލުކުރަންވީ ގޮތެއް ނިންމަންޖެހޭނީ ވަރަށް ވިސްނާފައެވެ.
ޙަފުޞާގެ އެއްވެސް ވާހަކަޔަކަށް ރައްދު ދިނުމަކީ ތަހުނިޔާ ކުރަން ބޭނުންވާ ކަމެއްނޫނެވެ. އެހެނަސް އޭނާގެވެސް އޮންނަނީ ހިތެކެވެ. އެ ހިތުގައި ދިރުމެއް ވެއެވެ. އަނގައިން ނުބުނެ ، އެދިރުން ނެތިގެންދާތަން ބަލަން އިނުމަކީ ، އެކަމަށް އޮތް ޙައްލެއްވެސްނޫނެވެ.
" މަންމާއެވެ ! ކުޅިއެއްގެ މަޑު ޗަކަ ގަނޑަކަށް މީހަކަށް ފޭބިއްޖެނަމަ ، އެކުޅިން އަރަން އޭނާ ކުރާ މަސައްކަތްވާނީ ބޭކާރެވެ. މައްޗަށް އަރަން ބާރުލާ ވަރަކަށް އެމީހަކު ޗަކަގަނޑަށް ގެނބިގެން ދާނީއެވެ. އަތުގައި ހިފައި މައްޗަށް އުފުލައިލަން ، އެއްވެސްމީހަކަށް އެހިސާބަކަށް ނާދެވޭނެއެވެ. އެތަނުން ސަލާމަތްވާނެ އެއްވެސް މަގެއް އެމީހަކަށް ނުފެންނާނެއެވެ. " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ ދުނިޔެ އޭނާއަށް ދައްކައިދީފައި އެވަނީ އެޙާލަތެވެ. އޭނާ ތާށިވެފައި އޮތް ޙާލަތުން އަރައިގަންނާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. އެކަމަށް އެހީތެރިވާނެ މީހަކުވެސް ނެތެވެ. މައިންބަފައިންގެ އެހީތެރިކަމަށް އެދެވޭކަށް ނެތެވެ. އެޙާލަތުގައި ތަހުނިޔާއަށް ފެންނަނީ ހަމަ އެންމެ ގޮތެކެވެ. އޭނާގެ ކައިވެންޏަކީ ނާކާމިޔާބު ގުޅުމެއްކަމަށް ނިންމައި ، އެ ގުޅުމުން ސަލާމަތް ވުމެވެ. އޭނާ އައިތާކަށް އެނބުރި ދިއުމެވެ.
ދުލުން ބޭރުވާ ބަސްތަކަކީ ، އޭގެ މަޤްޞަދު ޙާޞިލްނުކޮށް ދޫކޮށްލާނެ އެއްޗެއް ނޫންކަން ، ތަހުނިޔާއަށް ޙަފުޞާ ވިސްނައިދިނެވެ. އިންސާނާގެ އެއްވެސް އިޚްތިޔާރެއް އެފަދަ ބަސްބަހުގެ މައްޗަކަށް ނޯންނާނެއެވެ. އެކަމެއްވެ ނިމިދާކަށް ލަހެއް ފަހެއް ނޯންނާނެއެވެ. އެހެންމީހެއްގެ ކަންފަތަށް އެއިން ބަހެއްގެ އަޑު އިވިއްޖެނަމަ ، އެކަމުން ސަލާމަތްވާން ހުންނަ ހުރިހާ ދޮރެއް އެއްފަހަރުން ބަންދުވީއެވެ. ޙަފުޞާ އެ ޢިޝާރާތް ކުރަނީ ނޫރުލްޢައިނަށެވެ.
ތަހުނިޔާގެ ކައިވެނި ކުރެވުނީ ދާދި މިދާކަށް ދުވަހުއެވެ. ކައިވެނި ކުރެވުނު ޙާލަތަށް ބަލާއިރު ، ކުރީކޮޅުގައި މައްސަލަތަކެއް ހުރެދާނެއެވެ. އެމައްސަލަތައް އެއީ ދެމަފިރިން ވާހަކަ ދައްކައިގެން ޙައްލު ކުރެވޭނެ ކަންކަމެވެ. ތަހުނިޔާވެސް ހިތްވަރުކޮށްފައި ، އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އެހާ އަވަހަށް އެއްވެސްކަމެއްގައި އުއްމީދު ކަނޑައިލައިގެން ކަމަކު ނުދާނެއެވެ. އެހެންނޫނީ ފަހުން ދެރަވާން ޖެހިދާނެކަމަށް ޙަފުޞާ ބުންޏެވެ.
އެހިސާބުން ، ޙަފުޞާގެ ވާހަކަ މެދުކަނޑާލައިފާ ، ތަހުނިޔާ ކޮޅަށް ތެދުވިއެވެ. އޭނާގެ އެއްވެސް ނިންމުމެއް އެއްވެސް އިރެއްގައި މުރުތަޟާގެ މައްޗަށް ނުވިކޭކަމުގައި ބުންޏެވެ. ހުރިހާކަމެއް އޮންނަންޖެހެނީ މުރުތަޟާގެ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ. ކިތަންމެ ދޮގެއް ހެދިޔަސް ، ކިތަންމެ މަކަރެއް ހެދިޔަސް ، ތަހުނިޔާއަށް އެއިން ކަމަކާ ސުއާލުވެސް ކޮށެއް ނުލެވެއެވެ. ހުރިހާ މީހުން ގުޅިގެން ، ތަހުނިޔާ ލާފައި އެވަނީ އިދިކޮޅަށް ދަތުރުކުރާ ރޭލަކަށެވެ. އެ ރޭލު ދަތުރުކުރަމުން ދަނީ ދާންވީ ތަންނޫން އެހެން ތަނަކަށެވެ. ދިމާ އިދިކޮޅަށެވެ. އެރޭލުން ފައިބަން ތަހުނިޔާ ކުރާ މަސައްކަތަކީ ކުށެކެވެ. އެ ރޭލުން ނުފައިބާ ދާނެތާކަށްދާން އޭގައި އިނަސް އެއީ ތަހުނިޔާއަށް ކުރެވޭ ކުށެކެވެ. އެއީ ކޮންފަދަ އިންސާފެއް ހެއްޔެވެ ؟
ޙަފުޞާއަކަށް ތަހުނިޔާގެ ވިސްނުން ޤަބޫލެއް ނުކުރެވުނެވެ. ދެމަފިރިއެއްގެ ގުޅުމަކީ ، އެއް ސަވާރީއެއްގައިތިބެ ، އެއް މަންޒިލަކަށް ދަތުރުކުރާ އެއްޗެކެވެ. ދެމީހުން ދާނީ އެއް މިސްރާބަކަށް އަދި އެއް މަންޒިލަކަށެވެ. ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކުދިކުދި ޚިލާފު ހުންނާނެއެވެ. ޙަފުޞާއަށް ފެނުނުގޮތުގައި އެކަންކަމަކީ ޖަޒުބާތުގައި ޖެހިގެން ، ބޮޑެތި ކަންކަންކަމަށް ތަހުނިޔާއަށް އެބަ ބެލެވެއެވެ. ތިމާގެ އަމިއްލަ އިޙްސާސްތަކާއި ޖަޒުބާތުތައް އެއްފަރާތްކޮށްފައި ، ނިކަން އެއްފަހަރު އެކަމާމެދު ވިސްނައިލުމަށް ޙަފުޞާ އެދުނެވެ. މީހަކާ ދެވާފައި ، ތަހުނިޔާގެ މައިންބަފައިން ގެއިން ފޮނުވައިލީ ، ކިހާވަރެއްގެ ފޮނި އުއްމީދެއްގައިކަން އޭރަށް ވިސްނޭނެއެވެ. ޙަފުޞާ އެދުނީ ، ޙަފުޞާއާމެދު ޔަހުނިޔާ ވިސްނައިލުމަށެވެ. އެކަމަކު ، ތަހުނިޔާ އޭނާގެ އަމިއްލަ ނަފުސާމެދު ވިސްނުމުގެ ބަދަލުގައި ، މިހާރުވެސް ވިސްނަމުން އެގެންދަނީ އެހެންމީހުންނާ މެދުގައެވެ. އެކަން އެނގޭ އެއްވެސް މީހަކު ނެތެވެ. ތަހުނިޔާގެ އަމިއްލަ ނަފުސާމެދު ވިސްނައިލަން ހިތަށްއަރާ ކޮންމެ ފަހަރަކު އޭނާގެ ކުރިމައްޗަށް އަންނަނީ ، އޭނާގެ ވަށައިގެން އުޅޭމީހުންނެވެ. މަންމައާއި ބައްޕައެވެ. ޠާހިރާ އާއި ޙަފުޞާއެވެ. އެހެންނޫންނަމަ ، އަމިއްލަ ނަފްސު ރައްކާތެރިކުރުމަށްޓަކައި ، ހިތްއެދޭ ކަންކަމުން އޭނާ ދުރަކަށް ނުގެންދާނެއެވެ. ތަހުނިޔާއަށް އޭނާގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރެވޭނެ ހަމަ އެއްވެސްކަމެއް ނެތެވެ. ( ނުނިމޭ )
މިހާރު ވާހަކަ މިދަނީ ވަރަށް ދެރަވާ ގޮތަކަށް🥺
Vvvreethi shukuran