ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ، ބާރު ސްޕީޑުގައި ކަންކަން ކުރެވޭނެ: ރައީސް

ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަންކަމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނަމަ، އެކަންކަން ބާރު ސްޕީޑުގައި ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު މާޅޮސްމަޑުލު އުތުރުބުރީ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިތާދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި އެމަނިކުފާނު ކުލަޖައްސަވައި ދެއްވާނެކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެއްވާއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ބަނދަރުގެ މަޝްރޫޢަށް ރައްޔިތުން ބޭނުންވާ ބަދަލުތައްގެނެސް އެ މަޝްރޫޢު ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ހިތާދޫގެ ބިން އިތުރުކުރުމުގެ މަޝްރޫޢު މި އަހަރުތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުގެ ދާއިރާއާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން ހިތާދޫގެ ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ އެއާއެކު ދެންވެސް ރައްޔިތުންނާއި ރަށުގެ ތަރައްޤީއަށް ކަންކަންކޮށްދެއްވައި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިތާދޫކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ހަވަނަ މަންޒިލެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.