ހިތަދޫ އަލިފާނުގެ ހާދިސާގެ ތުހުމަތުގައި 6 މީހަކު ބަންދުކޮށްފި

އައްޑޫ ސިޓީ ހިތަދޫ ގެއަކާއި އިތުރު ދެގެއެއްގެ ދެތަނެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން 6 މީހަކު ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 2 ކުދިން ހިމެނޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހު 13 ވަނަ ދުވަހު ކޯޓަށް ގެންދިޔުމުން 18 ނުފުރޭ ދެކުދިންގެ ބަންދަށްވަނީ 7 ދުވަސް ޖަހައިދީފައެވެ. އަނެއް 4 މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެރޭ ހިންގި އަލިފާނުގެ ހާދިސާތަކުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ހިތަދޫ ދޮންލަފަރު ގެއަށެވެ. އެގޭގެ ދެ ކޮޓަރިއަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭގެ ތެރެއިން އެއްކޮޓަރިވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. ޖެހިގެންހުރި ކޮޓަރިއަށް ހޫނުގެ އަސަރު ކުރުމުގެ ސަބަބުން ބައެއް ތަކެއްޗަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. އެގޭގައި ރޯކޮށްލި އަލިފާން އެމްއެންޑީއެފް ފަޔަރުސްޓޭޝަންގެ ސިފައިންނަށް ނިއްވާލެވިފައިވަނީ އެރޭ މެންދަމު 3:30 އެހައިކަންހާއިރުއެވެ.

ދޮންލަފަރުގޭގެ އިތުރަށް އެރަށު ވައިޓް ވިލާ ގޭގައިވެސްވަނީ ރޯކޮށްފައެވެ. އެގޭގައި ރޯކޮށްފައިވަނީ ކުޅިވަރު ކުޅޭތަނެއްގެ ގޮތުގައި ބޭނުން ކުރަމުންއައި ތަނެއްގައެވެ. އެ ހާދިސާގައި އެތަނުގެ ބައެއް ތަކެއްޗަށްވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.

ތިންވަނަ ގޭގައި ރޯކޮށްފައިވަނީ އެގޭގައި ހަދާފައިވާ ހަޓެއްގައެވެ. އެތަނަށް މާބޮޑު ގެއްލުމެއް ނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.