ފަލްސަފާ (50)

( 28 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ނޫރުގެ ބައްޕަ ، ވަޞީމު ގޭގައި އުޅޭ ގަޑިއެއް ބަލާފައި ، ޙަފުޞާ އެގެޔަށް ޒިޔާރަތް ކުރިއެވެ. ޙަފުޞާގެ އެ ޒިޔާރަތަކީ ، ވަޞީމަށް ޙައިރާންކަމެއް ލިބުނު ޒިޔާރަތެއް ނޫނެވެ. ނޫރުގެ ކަންތައް ހުންނަގޮތުން ، ޙަފުޞާމެންނަށް ފޯރާނެ ތަކުލީފު ވަޞީމަށްވެސް އިޙްސާސް ކުރެވެއެވެ.

ވާހަކަ ފެއްޓީ ، ޙަފުޞާގެ ނަޞޭޙަތުގެ ބަސްކޮޅަކުންނެވެ. އަންހެންދަރިންނަކީ ، ވަރަށްބޮޑު ޒިންމާއެއްކަމުގައި ބުނަމުންނެވެ. ބައްޕައެއްގެ ޒިންމާއާއި ވާޖިބަކީ ، ވަޞީމަށް ކިޔައިދޭންޖެހޭ ކަހަލަ ކަމެއްނޫންކަމަށް ޙަފުޞާ ބުންޏެވެ. ވަޞީމުގެ ބޮލުގައި އެޅިފައިވާ ޒިންމާ ފުރިހަމަޔަށް އަދާކުރުމަށް ޙަފުޞާ އެދުނެވެ. އެންމެ މުހިންމު ކަމަކީ ، ރަނގަޅު މީހަކު ހޯދާފައި ނޫރުލްޢައިނު މީހަކާ ދެވުމެވެ. މިޒަމާނަކީ ، އެ ޢުމުރުގެ އަންހެންކުއްޖަކު ، އެހާ ގިނަދުވަސްވަންދެން މީހަކާ ނީނދެ ހުންނަން ، ރައްކާތެރި ޒަމާނެއްނޫނެވެ. ވަށައިގެން ހިނގާ ކަންކަންވެސް އެ ހިނގައިދަނީ ، އެންމެ ރަނގަޅަކަށް ނޫނެވެ. އަންހެންދަރިންގެ ކައިވެނި އަވަހަށް ކޮށްދީ ، ދިރިއުޅުމެއް ފަށަން މަގުދައްކައިދިނުމަކީ ، އެކުދިންނަށް އެންމެ ރައްކާތެރި ގޮތެވެ.

ޙަފުޞާގެ ވާހަކަތަކުން ، ކޮންމެވެސްކަމެއް ވެގެން އުޅޭކަން ، ވަޞީމު އަށް އެނގުނެވެ. އަދި ކަމެއްވީތޯ ސުއާލު ކުރިއެވެ.

" މުރުތަޟާގެ ކައިވެންޏަށްފަހުވެސް ، މުރުތަޟާއާއި ނޫރުލްޢައިނު ، އިރުއިރުކޮޅުން ބައްދަލު ކުރަނީއެވެ. ފަހަރެއްގައި އެދެމީހުންގެ ކުރީގެ ގުޅުންތަކުން ސަލާމަތް ނުވެވިގެން އުޅެނީކަމަށް ވެދާނެއެވެ. ނޫރުލްޢައިނުގެ ބޮލުގައި އެކަނި ، އަހަރެން އެއްވެސް އިލްޒާމެއް ނާޅުވަމެވެ. އެކަމުގައި މުރުތަޟާވެސް ކުށްވެރި ކުރަމެވެ. ހުރިހާ ގޯހެއް އެހަދަނީ އަހަރެންގެ ދަރިފުޅެވެ. މުރުތަޟާ އެ ކައިވެނިކުރީ ، ވަރަށް މައުސޫމު ކުއްޖަކާއެވެ. އެ ކައިވެނީގެ ގުޅުން ދެމެހެއްޓުމަކީ މުރުތަޟާގެ ވާޖިބެކެވެ. އަހަރެން މިއައީ ، ވަޞީމުގެ ޒިންމާ އަދާކޮށް ، ނޫރުލްޢައިނު މީހަކާ ދެވާފަ ތަންކޮޅެއް އަވަހަށް ފޮނުވައިލާށޭ ބުނަން ވެގެންނެވެ. " ހިތްހަމަ ނުޖެހިފައި އިނދެ ، ޙަފުޞާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ވަޞީމާ އެވާހަކަ ދައްކަން ޙަފުޞާ އެއައީ ވަރަށް ލަދުން ހުރެއެވެ. އެކަމަކު މަޔަކަށްވާތީ ، ދަރިންގެ ކައިވެނި ރޫޅި ، ދިރިއުޅުން ހަލާކުވަމުން ދާތަން ބަލަން ތިބުމަކީ މައިންގެ ލަގޮނޑިޔަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. ޙަފުޞާ އެގެންދަނީ ، މުރުތަޟާއަށް އެކަން ވިސްނައިދީ ، އެކަމުން ދުރުހެލިވުމަށް މަގު ދައްކަމުންނެވެ. ޙަފުޞާގެ އެދުމަކީ ، ވަޞީމުވެސް ނޫރުލްޢައިނަށް ވިސްނައިދީ ، އެމައްސަލަ ހަމަޔަކަށް އަޅުވައިދިނުމެވެ.

ރައިދާގާތު ބުނެގެން ، ވަޞީމުވެސް އެގެންދަނީ ނޫރުއާ ކައިވެނިކުރާނެ މީހަކު ހޯދަމުންނެވެ. އަދި އެކަމަކަށް އަލިމަގެއް ނުފެނެއެވެ. ޙަފުޞާ އެއައީ ، ވަޞީމާ އެވާހަކަ ދައްކާލާފައި އެހިސާބުން އެކަން ނިންމައިލާ ގޮތަކަށް ނޫނެވެ. އެކަމުގެ އިންޒާރުވެސް ، ވަޞީމަށް ދޭން ވެގެންނެވެ. މުރުތަޟާއަކީ ފިރިހެނެކެވެ. ފިރިހެނުންނަށް ގިނަވާ އެއްޗެއް ނޯންނާނެއެވެ. އަންހެންކުދިންނަކީ ބިއްލޫރިކޮޅެއްފަދަ ނާޒުކު އެއްޗެކެވެ. އެއްފަހަރު ތެޅިއްޖިއްޔާ އަލަކުން ނުގުޅުވޭނެއެވެ.

ޙަފުޞާ އެދެއްކި ވާހަކަތަކަށް އެއްޗެއް ހީނުކުރުމަށް އެދުނެވެ. އެއީ ތިމާގެ ބައެއްވީމަ ހެޔޮ އެދިގެން ދެއްކި ވާހަކަ ތަކެކެވެ. ވަޞީމުގެ ހިތަށް އުނދަގޫވާފަދަ ވާހަކައެއް ދެއްކުނުނަމަ ، އެކަމަށް މަޢާފަށް އެދެމުން ، ޙަފުޞާ އެގެއިން ނުކުތެވެ.

************************************

ނޫރު ، އޭނާގެ އޮފީހުގައި މަސައްކަތުގައި އިންދާ ، ޓަކިވެސް ޖަހައިނުލާ ކުއްލިޔަކަށް އެވަނީ ، ތަހުނިޔާއެވެ. ނޫރުއަށް ލިބުނު ޙައިރާންކަމުގައި ތަހުނިޔާއަށް ގޮވާލާފައި ކިހިނެއްވީތޯ ސުއާލު ކުރިއެވެ. އޭނާގެ ދިރިއުޅުމުގައި ، ތަހުނިޔާމަތިން ވަރަށްބޮޑަށް ހަނދާންވާ ކަމަށާއި ، އޭނާއާ ބައްދަލުކޮށްލުމަށް އައީތީ އުފާވާ ކަމުގައި ނޫރު ބުންޏެވެ.

އޭނާ މަތިން ނޫރު ހަނދާންކުރަންވީ ކީއްވެތޯ ތަހުނިޔާ ސުއާލު ކުރިއެވެ. މިހާރުވެސް ، މުރުތަޟާއާއި ނޫރުއާ ގެންދަނީ ސިއްރުން ބައްދަލު ކުރަމުންނެވެ. މެދުނުކެނޑިއެވެ. އެހެންކަމުން ، ތަހުނިޔާމަތިން ހަނދާންކުރުމަށް ، ނޫރުއަކަށް ވަގުތެއްވެސް ނުލިބޭނެއެވެ. ތަހުނިޔާގެ އެ ޖުމްލައިން ، ނޫރު ޓައިޕްކުރަމުން ގެންދިޔަ ކީބޯޑުގައި ޖެހިފައި އިން އިނގިލި ހުއްޓުމަކަށް އައެވެ. އިރުކޮޅަކު އިނުމަށްފަހު ، މުރުތަޟާއާ އޭނާ ބައްދަލުކޮށް ވާހަކަދައްކާކަމަށް ނޫރު އެއްބަސްވިއެވެ. އެކަމަކު ، އޭނާގެ ބެސްޓް ފްރެންޑާ ދައްކާ ވާހަކައެއް މުރުތަޟާއާ ޙިއްޞާ ނުކުރެވޭނެކަމަށް ނޫރު ބުންޏެވެ. ނޫރު ، އެހެން ބުނުމުން ތަހުނިޔާގާތަށް އައީ ނުލަފާ ފާޑެއްގެ ހިންޏެކެވެ.

ތަހުނިޔާ އެއައީ ނޫރުކުރެން އެވާހަކަ އަހައިލާށެވެ. މުރުތަޟާއާއި ނޫރުއާ ބައްދަލު ކުރަންޖެހޭ ސަބަބެއް ތަހުނިޔާއަކަށް ނުވިސްނެއެވެ. އެދެމީހުން ދައްކަން އޮންނާނީ ކޮންވާހަކައެއް ކަމެއްވެސް ތަހުނިޔާއަކަށް ، އުޅެއުޅެވެސް ނުވިސްނުނެވެ. ތަހުނިޔާ އެއައި ސަބަބު ، އެހިސާބުން ނޫރު ދެނެގަތެވެ. އެހާ ދުރުން ، ތަހުނިޔާ އެއައީ ، އޭނާ މުރުތަޟާއާ ދައްކަނީ ކޮންވާހަކައެއްތޯ ސުއާލު ކުރުމަށެވެ. އެކަމާ ތަހުނިޔާ ކަންބޮޑުވާކަށްވެސް ނުޖެހެއެވެ. މުރުތަޟާއާއި ނޫރުއާ ދެމެދު ، މާޒީގައި ކަންވެފައި އޮތްގޮތާއި އެދެމީހުންގެ ގުޅުމަކީ ކިހާ ވަރުގަދަ ގުޅުމެއްކަން ތަހުނިޔާއަށްވެސް އޮންނާނީ އެނގިފައެވެ. އެއީ ، ސުއާލެއްވެސް އޮތްކަމެއް ނޫނެވެ. ތަހުނިޔާ އެކަމާ ކަންބޮޑުވުމުގައި ، މިހާރު ސަބަބުތަކެއް އެބަހުއްޓެވެ. އެކަން ، ނޫރުއަކަށް ނުވިސްނޭނެއެވެ. ނުވަތަ އެކަމާމެދު ވިސްނާކަށް ނޫރު ބޭނުމެއް ނުވާނެއެވެ. މުރުތަޟާއަކީ ، ތަހުނިޔާގެ ފިރިމީހާކަން މުޅިދުނިޔެ ދަންނާނެއެވެ. އަދި ، ތަހުނިޔާއަކީ ، މުރުތަޟާއާއި ނޫރުގެ މާޒީ އެންމެ ރަނގަޅަށް އެނގޭނެ އެކެކެވެ. ތަހުނިޔާއަށްވުރެ ބޮޑަށް އެހެން އެއްވެސް މީހަކަށް އެގުޅުމުގެ ސިއްރުތަކެއް ނޭނގޭނެއެވެ.

" އެހެންކަމަށް ވަންޏާ މުރުތަޟާއާ ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ ؟ " ނޫރު ސުއާލު ކުރިއެވެ.

ތަހުނިޔާ އެއައީ އެސުއާލު ކުރާށެވެ. ނޫރު ، މިހާރު އެއުޅޭގޮތަށް އުޅެންޏާ ، މުރުތަޟާއާ ކައިވެނި ނުކުރީ ކީއްވެގެންތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

ނޫރުގެ އަސްލު ޕޮއިންޓަކީ އެއީއެވެ. ނޫރު ބޭނުންނަމަ ، ތަހުނިޔާއާއި މުރުތަޟާގެ ކައިވެނި ހުއްޓުވުނީހެވެ. މުރުތަޟާއާ އޭނާއަށް  ކައިވެނިވެސް ކުރެވުނީހެވެ.

" އެކަމަކު ، އެކަން އެގޮތަކަށް ނުވިއެވެ. މުރުތަޟާއާ ކައިވެނިކުރަން ، ތަހުނިޔާ އެއްބަސްވީމު ނޫންހެއްޔެވެ ؟ އެހެންވިއްޔާ ، މުރުތަޟާގެ ހިތްވެސް ނިކަން ހޯދަބަލާށެވެ. އެއްބައި ޙާޞިލްކޮށްގެން ލިބޭ ތަކުލީފު އޭރަށް ކުޑަވާނެއެވެ. ނިކަން ދެކިބަލާށެވެ ! މުރުތަޟާއަކީ ކިހާ ބަލިކަށި މީހެއް ހެއްޔެވެ ؟ ކުރިންހުރިގޮތާ ގާތަށްވެސް މުރުތަޟާގެ ތަޞައްވުރެއް މިހާރަކު ނެތެވެ. މީހާ އަބަދު ހުންނަނީ މިލާމޯޅިވެފައެވެ. އުއްމީދުގެ އަލިކަން ގެއްލި މާޔޫސް ވެފައެވެ. " ނޫރު ބުންޏެވެ.

ނޫރު އެދެއްކި ވާހަކަތަކުގެ މާނައެއް ތަހުނިޔާއަކަށް ނުވިސްނުނެވެ. ޚާއްޞަކޮށް ، ބަލިކަށިކަމާއި މާޔޫސްކަމުގެ މާނައެވެ.

" މުރުތަޟާގެ އެ ލޯބި ލޮލުން އެފެންނަ ދިރުމެއްނެތް ހުސްކަން ، ތަހުނިޔާއަށް އިޙްސާސެއް ނުވޭ ހެއްޔެވެ ؟ ޚުދު އަމިއްލަ ނަފްސުވެސް މުރުތަޟާއަކަށް މިހާރަކު ނުފެނެއެވެ. އެއީ ، އަހަރެންނާއެކު ކުރިން ވަގުތު ހޭދަކޮށް އުޅުނު އެ ޙަރަކާތްތެރި ، ފިރިހެންވަންތަ އިންސާނާއެވެ. އެކަމުގައި ތަހުނިޔާގެ ކުށެއް ނެތެވެ. ކުށްވެރިޔަކީ މުރުތަޟާއެވެ. ނޫނެކެވެ. މުރުތަޟާއަށް ކަންކަން ފެންނަ ގޮތެވެ. މުރުތަޟާގެ ލޮލުން އެ ފެންނަނީ ، އަހަރެންގެ ހިތުގެ އިޙްސާސެވެ. ތަހުނިޔާ ނިކަން ބުނެބަލާށެވެ. އަހަރެންގެ ހިތުގެ އިޙްސާސް އަހަރެންނަށް ބަދަލު ކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ މުރުތަޟާއަކަށް ، އޭނާ ދެކޭގޮތްވެސް ބަދަލެއް ނުކުރެވޭނެއެވެ. އެދެކަމަކީވެސް ބަދަލުކުރެވެން ނެތް ދެކަމަށްވާއިރު ، ތަހުނިޔާ ބުނެބަލާށެވެ ! މުރުތަޟާގެ ލޯތްބާއި ގާތްކަން ތަހުނިޔާއަށް ލިބޭނީ ކިހިނެއް ހެއްޔެވެ ؟ ނޫރުގެ ވާހަކަ ނިންމައިލިއެވެ.

ނޫރުގެ އަޑުގައިވަނީ އޭނާ އެ ދެއްކި ވާހަކަތަކުގެ ޔަޤީންކަމެވެ. އެ ޙަޤީޤަތުގެ ތެދުކަމެވެ. ޤަބޫލުކުރިޔަސް ، ނުކުރިޔަސް މުރުތަޟާއާއި ނޫރުގެ ގުޅުމުގެ ޙަޤީޤަތަކީ އެއީއެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ، އެއްވެސް މީހަކަށް އެއެއް ބަދަލެއް ނުކުރެވޭނެއެވެ. ލޯތްބާއި އެލޯބީގެ އަދާތަކުގެ އިޙްސާސް ތަހުނިޔާއަށް ދޭނީ ކޮންގޮތަކުން ހެއްޔެވެ ؟ އެއީ ތަހުނިޔާއަށް ޙައްޤު އެއްޗެއްކަމަށް ވިޔަސް ، އެޢި މުރުތަޟާގެ ހިތުތެރެއިން ނުކުންނާނެ އެއްޗެއްނޫނެވެ. އެ އިޙްސާސްތަކުގައި ލިޔެވިފައިވަނީ ނޫރުގެ ނަމެވެ. އަދި އެ އިޙްސާސްތައް ޚާއްޞަ ކުރެވިފައިވަނީވެސް ނޫރުއަށެވެ.

މިހާރުވެސް ، މުރުތަޟާގެ ހިތަށް ހަމަޖެހުމެއް ލިބެނީ ،  ނޫރުއާ ބައްދަލު ކޮށްލުމުންނެވެ. ލޮލަށް ދިރުން ލިބެއެވެ. ދުނިޔޭގައި އުޅޭމީހެއްކަމުގެ އިޙްސާސް ލިބެއެވެ. ހިތުގައި ހުއްޓިފައި އޮންނަ ވިންދު ޖަހަން ފަށައެވެ. ތުންފަތަށް ހިނިތުންވުން ވެރިވެއެވެ. މިހާރުވެސް ، މުރުތަޟާ ބޭނުންވަނީ ނޫރުއެވެ. ވާހަކަ ދައްކައިލަން ބޭނުންވަނީ ނޫރުއާއެވެ. މުރުތަޟާގެ ހިތަށް ތަސައްލީއެއް ލިބެނީ ނޫރުގެ ފަރާތުންނެވެ. އެކަމާ ނޫރު ކުރާނީ ކީއްހެއްޔެވެ ؟ އެކަމަށް ފަންޑިތައެއް ހެދޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

އެވާހަކަތައް އަޑުއިވިފައި ، ތަހުނިޔާ ދެރަވެ ، ކަންބޮޑުވީތޯ ނޫރު ސުއާލު ކުރިއެވެ. އަސްލު ، ތަހުނިޔާ ދެރަވާންވީ އެއްވެސް ސަބަބެއް ނެތެވެ.

" ރަޙުމަތްތެރިޔާއެވެ ! އެހުރިހާކަމެއްވެސް ތަހުނިޔާއަށް އެނގޭނޫން ހެއްޔެވެ ؟ ނޫރު ބުންޏެވެ.

ތަހުނިޔާ ބޭނުމީ ސައިތަށްޓެއްތޯ ނުވަތަ ކޮފީއެއްތޯ ނޫރު ސުއާލު ކުރިއެވެ. ނޫރު ހުރީ ހިނިތުންވެފައެވެ. ތަހުނިޔާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ރުޅިވެރިކަމެވެ. އެއްވެސް އެއްޗެކޭ ނުބުނެ ، ނޫރުއާ ދިމާއަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، ނޫރުއަށް ޖަވާބެއްނުދީ ، ތަހުނިޔާ ނުކުމެގެން ދިޔައެވެ.

*****************************************

ނޫރުމެންގެޔަށް ޙަފުޞާއައިސް އެދުވަހު އެދެއްކި ވާހަކައިގެ ހޫނުކަން މުޅިގޭތެރެޔަށް އޮތީ ފެތުރިފައެވެ. ހާރިސްއާއި ވަޞީމު އަދި ރައިދާއާ ތިންބަފައިންވެސް ތިބީ އެކަމާ ރުޅިއައިސް ވަރަށް ކަންބޮޑުވެފައެވެ.

ހާރިސްއަށް ފެނުނު ގޮތުގައި ، ނޫރުގެ ކަންތައް މިހާރު އެދަނީ ހައްދުންމައްޗަށެވެ. އެހެން ބައެއްގެ ދިރިއުޅުމުގެ ތެރެޔަށް ވަދެ ، ބައެއްގެ ދިރިއުޅުން ހަލާކުކޮށްލަން ނޫރުއަށް ފުރުޞަތުދޭކަށް ހާރިސްއަކަށް ނުފެނެއެވެ. ލައްކަ ދުވަހު ކެތްކުރެވިއްޖެއެވެ. ދެން އިތުރަށް ލަސްކުރެވޭކަށް ނެތެވެ. އެ ތިންބަފައިންވެސް ، އެކަން ހުއްޓުމަށް ނޫރުއަށް އާދޭސްކުރަމުން ގެންދާތާ އެތައް ދުވަހެކެވެ. އެކެއްގެ އަޑުއަހާކަށްވެސް ނޫރު ބޭނުމެއް ނުވެއެވެ. ބައްޕަ ދިން ނަޞޭޙަތްވެސް އެ އޮތީ ބައްޕަގެ ބޮލަށްޖަހާފައެވެ. ރައިދާއަކަށް އެކަމާ ބެހޭގޮތުން ނޫރުއާ ވާހަކަ ދައްކައެއް ނުލެވެއެވެ. ރައިދާ އެކަތި ބުނިއްޔާ ނޫރު ، ދޭތި ބުނާނެއެވެ. ހާރިސް އެހުންނަނީ ، ނޫރުގެ ކަންކަމާ ނުބެހުމަށް ނިންމައިގެންނެވެ. އެކަމަކު ، އެކަން އެގޮތަށް ދޫކޮށްލައިގެން ތިބެވޭކަށް އެމީހުންނަކަށް ނެތެވެ.

ވަޞީމަށް އެވަނީ މަޖުބޫރުވެފައެވެ. މައިންބަފައިންނަކީ ، ދަރިންގެ މައްޗަށް ހިކިއަމުރުކާ ބައެއްނޫނެވެ. މައިންބަފައިންގެ މައްޗަށް ވާނީ މަޖުބޫރެކެވެ. ދަރިން ކޮންމެ ގޮތަކަށް އުޚުނަސް ، ވަރިހަމަކޮށްލައިގެން ތިބުމަކީ ، މައިންބަފައިންނަށް ބައެއް ފަހަރަށް ކުރިމަތިވާ މަޖުބޫރީ ޙާލަތެކެވެ. އޭގެ މާނަޔަކީ ، ދަރިންކުރާ ވިޔާނުދާ ކަންކަމަށް ، މައިންބަފައިން ރުހުމެއްނޫނެވެ.

ދިރިއުޅުމުގައި ، ދަރިންނަށްވުރެ އިސްކަން ދޭންޖެހޭ އެއްޗެއް އޮތުމަކީ ، އެދިރިއުޅުމުގެ ވަކި ހިސާބަކުން ވަކި ޙާލަތެއްގައި އިންސާނާއާ ކުރިމަތިވާ ކަމެކެވެ. އެއީ ޢިއްޒަތުއްނަފުސެވެ. އެހެނަސް ، އެމީހުންގެ ނަފްސުގެ ޢިއްޒަތަކީ ، ނޫރު އެއުޅެންފެށިގޮތަކުން ، މިހާރު އޮތް އެއްޗެއްކަމަކަށް ހާރިސްއެއް ނުދެކެއެވެ. ޙަފުޞައްތައަކީ ، އެމީހުންގެ ދުރުތާ ތިމާގެ މީހެކެވެ. އެހާ ލުއިގޮތަކަށް ނޫރުގެ މައްސަލަ ، ޙަފުޞައްތަ އެގެންދާ ސަބަބަކީ އެއީއެވެ. އެއީ ޙަފުޞައްތަގެ ކުރިމަތީގައި އެމީހުންގެ ޤަދަރު އަދިވެސް އެބައޮތްކަން އަންގައިދޭ ކަމެކެވެ. އެހެނަސް ، އެހެންމީހުންގެ ކުރިމަތީ އެމީހުންގެ ޤަދަރެއްވެސް އަދި ޢިއްޒަތެއްވެސް ނެތެވެ. އެންމެންގެ އިޙްތިރާމާއި ލޯބި އެވަނީ އެޢާއިލާއަށް ގެއްލިފައެވެ. ނޫރު އާ ހެދިއެވެ.

މުރުތަޟާއާއި ނޫރުގެ ޢަމަލުތައް ، ތަހުނިޔާގެ މައިންބަފައިންނަށް އެނގުމުން ، އެކަން އެމީހުން ތަޙައްމަލް ނުކުރާނެކަމަށް ހާރިސް ބުންޏެވެ. އެމީހުންގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުވެގެންދާތަން ބަލާކަށް އެމީހުން ، ހިމޭނަކުން ނުތިބޭނެއެވެ.

“ އެމީހުން ، އަހަރެމެންނާ ކުރިމަތިލާނެއެވެ. އެންމެ ދެރަވެގެން އަހަރެމެންނަކީ އަވަށްޓެރިންގެ ގޮތުގައެއްވެސް ނުބަލާނެއެވެ. ނޫރު އެއުޅޭގޮތަކަށް އުޅެން ފެށުމުގެ ކުރިން ، އަހަރެމެން އެންމެންނަށްވެސް އެމީހުން ކިހާ ހެޔޮ ހެއްޔެވެ ؟ " ހާރިސް ބުންޏެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.