
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ނުދީ ލަސްވާތީ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމާއިމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ދައުރުން ބޭރުގައި ބާއްވާ ޖަލްސާގައި މިއަދު މެންދުރު 13:30 ގައި ވަނީ އެ ވަޒީރުންނަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމަށް ނިންމާފައެވެ.
ނަމަވެސް އެމްޑީޕީ އައި ދަ ޑިމޮކްރެޓްސް އިން، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ވަނީ ނިންމާފައެވެ.
އެކަމާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރުގެ އިސްވެރިން މަޖިލިސް ކުރާގެ ކައިރީގައި ދަނީ އިހްތިޖާޖު ކުރަމުންނެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލައި ދަނީ އަޑު އުފުލަމުންނެވެ.
މީގެ އިތުރުން މަޖިލިސް ތަޅުމުގައި މެމްބަރުން ވެސް ދަނީ މާރާމާރީ ހިންގަމުންނެވެ.
މިއަދުގެ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރު މެމްބަރުން ތަޅުމުގައި ހިންގި ހަރަކާތުގައި މަޖިލީހުގެ ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުން ދިން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.
އެކަމުގެ ތެރޭގައި މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު މައިކުތައް ފޮރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.