ފަލްސަފާ (49)

( 24 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ކެއުން ނިންމާލާފައި މުރުތަޟާއަށް އެރޭ ގެޔަށް އާދެވުނީ ވަރަށް ލަހުންނެވެ. ގެޔަށް އައިއިރު ، ތަހުނިޔާ ކޮޓަރީތެރޭ އިށީނދެލައިގެން އިނެވެ. މުރުތަޟާއަށް ލަހުން އާދެވުނީތީ ތަހުނިޔާގެ ކިބައިން މަޢާފަށް އެދުނެވެ. ކައި ނިމިގެން އެމީހުން ނުކުންނަންދެން އިންނަންޖެހުނީމަ ލަސްވީކަމަށްވެސް ބުންޏެވެ.

" އަހަރެންވެސް މިއިނީ އިންތިޒާރު ކޮށްކޮށެވެ. އެކަން މުރުތަޟާއަކަށް އިޙްސާސެއް ނުވޭ ހެއްޔެވެ ؟ " ތަހުނިޔާ ސުއާލު ކުރިއެވެ.

އޭނާއަށް އިންތިޒާރުކޮށްގެން އިނީތީ ، ވަރަށް ހިތްހަމަ ޖެހިއްޖެކަމަށް މުރުތަޟާ ޖަވާބު ދިނުމަށްފަހު ފާޚާނާއަށް ވަނެވެ. މުރުތަޟާއަށް ޖަވާބު ދެވުނީ އެކަމާ ކުޑަކޮށް ވިސްނައިލުމަށްފަހު ، އިރުކޮޅަކުންނެވެ. މުރުތަޟާމެންގެ ކެއުން ކިހިނެއްތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ކީކޭހޭ ތިބުނީ އަހާލުމަށްފަހު ، ކެއުން ރަނގަޅުކަމަށް މުރުތަޟާ ޖަވާބު ދިނެވެ. ނޫރުލްޢައިނު މުރުތަޟާގާތު އިނިއްޔާ ރަނގަޅުވާނެއެވެ. ކެއުން ރަނގަޅުވާން ޖެހޭނެތާއެވެ ! ތަހުނިޔާގެ ސުއާލުތަކެއް އަދި ނުނިމެއެވެ. ތަހުނިޔާގެ ވާހަކައިގާހުރި ވޭނީ އިޙްސާސް ، މުރުތަޟާއަށް ވިސްނައިގަނެވުނީ އެހިސާބުންނެވެ. ފާޚާނާއިން ނުކުމެ ނުކުމެ ހުރެފައި ،  މުރުތަޟާގެ ހިނގުމަށް ހުއްޓުން އެރިއެވެ. އަނެއްކާވެސް ކުރިމަތިވީ ތަހުނިޔާގެ ސުއާލެކެވެ. މުރުތަޟާމެން ދެމީހުން މިހާރުވެސް ބައްދަލުކުރަނީ ކީއްވެގެންތޯ ތަހުނިޔާ ސުއާލު ކުރިއެވެ. މުރުތަޟާއަށް އެކަން ނުހުއްޓިގެން އުޅެނީ ކީއްވެގެންތޯ ސާފުކުރުމަށް ތަހުނިޔާ ބޭނުންވިއެވެ.

" ތި ސުއާލުގެ ޖަވާބު ، ޚުދު އަހަރެންވެސް މިގެންދަނީ ހޯދަމުންނެވެ. ތަހުނިޔާއަށް އެ ސަބަބު ، އަހަރެން ބަޔާންކޮށްދޭނީ ކިހިނަކުން ހެއްޔެވެ ؟ ނޫރުއާ ބައްދަލުކުރަން އަހަރެންނަށް ދެވުނީ ކީއްވެގެންކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އަހަރެން ތަހުނިޔާއަށް ދޮގުހަދާކަށް .................  " މުރުތަޟާ ، ހާސްވެފައިހުރެ ޖަވާބު ދޭން މަސައްކަތް ކުރިއެވެ. އެހެނަސް ، އެހިސާބުން މުރުތަޟާގެ ވާހަކަ ތަހުނިޔާ ހުއްޓުވިއެވެ.

" އެކަމަކު ، ތެދުހެދުމުގެ ހިތްވަރެއް މުރުތަޟާއަކަށް ލިބިގެންނެއް ނުވެއެވެ. މިހާރުވެސް ، މުރުތަޟާއާއި ނޫރު ތިއަންނަނީ މެދުނުކެނޑި ބައްދަލު ކުރަމުންނެވެ. މިހާރުވެސް ދެމީހުން ދެމީހުންނަށް ހިތްކިޔައެވެ. އެކެއްގެ ހިތުންވެސް އަނެކަކު ފިލައިގެންނެއް ނުދެއެވެ. މައްސަލައެއް ނެތެވެ. ތިދެމީހުން މިހާރުވެސް ބައްދަލު ކުރަމުން ތިގެންދަނީ ކީއްވެގެންތޯ އަހަރެން ސުއާލެއް ނުކުރާނަމެވެ. އަހަރެންގެ ސުއާލު ބަދަލު ކޮށްލާނަމެވެ. އަހަރެންގެ ދިރިއުޅުން ، މުރުތަޟާ ތި ހަލާކު ކުރަނީ ކީއްވެގެން ހެއްޔެވެ ؟ އަހަރެންގެ ގޭގައި އުޅުނީ ނުލާހިކު އުފަލުން ހެމުން ނަށަމުންނެވެ. ތަކުލީފުތަކުން ފުރިގެންވާ މި ކުޑަގޮޅިޔަށް އަހަރެން ގެނެސް ތިވެއްދީ ކީއްވެގެން ހެއްޔެވެ ؟ " މުރުތަޟާގެ ވާޙަކަ ނުނިމެނިސް ، ރޮމުން ރޮމުން ، ހަރުއަޑުން ތަހުނިޔާއަށް ބުނެވުނެވެ.

ހުރިހާ ވާހަކައެއް ތަހުނިޔާއަށް ކިޔައިދޭނެކަމަށް މުރުތަޟާ ބުންޏެވެ. އެކަމަކު .....

" އެކަމަކު ، ބުނެވޭހާ ހިތްވަރެއް ތިމާގެ ގަޔަކު ނެތެވެ. ނޫރުލްޢައިނުގެ ޖާދޫގައި ޖެހިފައި ، ތިމާމީހާ ތިހުންނަނީ މޮޔަވެފައެވެ. މުރުތަޟާގެ ހިތަކީ އެނބުރޭ ވަހުތާނެކެވެ. އެއްވެސް ހަރުދަނާކަމެއްނެތި މާބުރެއްހެން ހޫރެމުން ނޫރުލްޢައިނުގާތަށް ތިދެވެނީ ، ތިމާމީހާގެ ގޮތެއްފޮތެއް ނެތީމައެވެ. ލަދުގެ ކަންފުޅެއްވެސް ނެތި ، ތިދެމީހުން އުޅޭނެގޮތަކަށް ދިރިއުޅޭށެވެ. އަހަރެންނެއް ތިގޮތަށް އުޅޭކަށް ބޭނުމެއް ނެތެވެ. އަހަރެން މިކަމުން  ސަލާމަތް ކޮށްދޭށެވެ ؟ " ތަހުނިޔާ ، ދެއަތް ޖޯޑުކޮށް އާދޭސް ކުރަމުން ބުންޏެވެ.

ތަހުނިޔާގެ އަޑު މަޑުކުރުމަށް މުރުތަޟާ އެދުނެވެ. ކޮޓަރިން ބޭރަށް އަޑު އެބަ އިވެއެވެ. އޭނާ އެހުރީ ، ތަހުނިޔާއަށް ، ހުރިހާ ވާހަކަޔެއް ކިޔައިދޭން ތައްޔާރަށެވެ. މުރުތަޟާ ގޮސް ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.

ތަހުނިޔާ ހުރީ މުރުތަޟާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާގޮތަކަށް ނޫނެވެ. ވަރަށް ގިނަ ވޭނާއި ތަކުލީފަށް އޭނާ ކެތްކޮށްފިއެވެ. އެހާ ގިނަ ދޮގުވެސް މުރުތަޟާ ހަދައިފިއެވެ. އެހުރިހާ ކަމެއް ވަރިހަމަ ކޮށްލައިގެން ތަހުނިޔާ އެހުންނަނީ ، އޭނާގެ ކައިވެނި ދެމެހެއްޓުމަށް އޭނާގެ މައިންބަފައިން ބޭނުންވާނެތީ ، އެމީހުންނަށްޓަކައެވެ. މިރޭ އެއޮތީ  ހުރިހާކަމެއް ބޭޒާރު ވެފައެވެ. ދެން ، އޭނާވެސް ދޫ ކުރާކަށް ބޭނުމެއް ނޫނެވެ. ރޮމުން ރޮމުން ، ކޮޓަރިން ނުކުމެގެން ތަހުނިޔާ ބާރަށް ހިނގައިގަތެވެ. މަޑުކުރާށޭ ގޮވަމުން ، ތަހުނިޔާގެ ފަހަތުން މުރުތަޟާވެސް ނުކުތެވެ. ގޯތިތެރެޔަށް ނުކުމެވުނުތަނާ ، އެމީހުންނާ އެދިމާވީ ޙަފުޞާ އާއެވެ. ވެގެން އުޅެނީ ކީއްތޯ ތަހުނިޔާ ކުރެން އެހިނަމަވެސް ، ތަހުނިޔާ އެއްވެސް ޖަވާބެއް ނުދިނެވެ. ވެގެން އުޅޭގޮތެއް ސާފުކޮށްދިނުމަށް ، މުރުތަޟާގާތު ޙަފުޞާ ބުންޏެވެ. ދެމީހުންކުރެ މީހަކު ، ޖަވާބެއް ނުދިނެވެ.

އެދެމީހުން ގޮވައިގެން ޙަފުޞާ ، ގޭތެރެޔަށް ވަނެވެ. އަދި ، ވެގެން އުޅޭގޮތެއް ކިޔައިދިނުމަށް ތަހުނިޔާގާތު ބުންޏެވެ. އެތާނގައި ޠާހިރާވެސް އިނެވެ. އެންމެފަހުން ، އިސްދަށަށް ޖަހައިގެން އިނދެ ، ރޮމުން ރޮމުން ، ހުރިހާ ވާހަކަތަކެއް ތަހުނިޔާ ކިޔައި ދިނެވެ.

ތަހުނިޔާ އެކިޔައިދެނީ ތެދު ވާހަކަތަކެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ. މިރޭގެ ކެއުމަށްވެސް ، މުރުތަޟާ ދިޔައީ ނޫރުލްޢައިނު ގޮވައިގެންތޯ ސުއާލު ކުރިއެވެ. މުރުތަޟާ އެކަމަކަށް އިންކާރެއް ނުކުރެއެވެ. އެއީ ތެދުކަމަށް އެއްބަސްވިއެވެ.

ހަނީމޫނަށްގޮސްވެސް ، ކަންތައްތައް ހިނގީ ، ތަހުނިޔާ އެކިޔައިދިން ގޮތަށްތޯ ޠާހިރާ ސުއާލު ކުރިއެވެ. އެކަމަށްވެސް މުރުތަޟާ އެއްބަސް ވިއެވެ. އެކަމަކު ، މަރީގައި ނޫރުއާ ބައްދަލުވީ އެއްފަހަރަކު ، ދެފަހަރަކުކަމަށް މުރުތަޟާ ބުންޏެވެ. މުރުތަޟާ އެހެން ބުނުމާއެކު ، ތަހުނިޔާ ، މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ.

ތަހުނިޔާގެ ވާހަކަތައް އިވިފައި ، ޙަފުޞާގާތަށް ރުޅިއައެވެ. އެއީ އޭނާ މުރުތަޟާގެ ފަރާތުން އުއްމީދުކުރި ގޮތްނޫންކަމަށް ބުންޏެވެ.

ތަހުނިޔާއަކަށް މުރުތަޟާ ބޭވަފާތެރިއެއް ނުވެއެވެ. އިންސާނިއްޔަތަށްޓަކައި މީހަކަށް އެހީތެރިވުމަކީ ، އަނބިމީހާއަށް ބޭވަފާތެރިވުމެއް ނޫނެވެ. މުރުތަޟާގެ ނިޔަތް ވަރަށް ސާފެވެ. އެހެނަސް މުރުތަޟާގެ އެވާހަކަ ، ޙަފުޞާއަކަށްވެސް އަދި ޠާހިރާއަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. ހަނީމޫނަށްގޮސް ، މުރުތަޟާގެ އަނބިމީހާ ހޮޓަލުގެ ކޮޓަރީގައި އެކަނި ބައިންދާފައި ، އެ ނޫރުލްޢައިނާއެކީ ވަގުތު ހޭދަކުރީމަ އެއަށް ކިޔާނީ ، ބޭވަފާ ނޫން ކޮންނަމެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ. މުރުތަޟާ ފަހަތުން ނޫރުލްޢައިނު ދާންވީ ސަބަބެއް ސާފުކޮށްދިނުމަށް މުރުތަޟާގާތު ، ޙަފުޞާ އެދުނެވެ.

ނޫރުލްޢައިނު ދިޔައީ ، އޮފީސް ދަތުރެއްގައިކަމަށް މުރުތަޟާ ބުންޏެވެ. އެކަމާ އޭނާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ ؟ މުރުތަޟާގެ ވާހަކަތަކުން ، ޙަފުޞާގެ ރުޅި ހައްތާ ދިޔައީ ގަދަވަމުންނެވެ.

އޭނާއަށް ދުނިޔެ ފެނިފައިވާކަމަށް ޙަފުޞާ ބުންޏެވެ. ސިކުނޑި ސަލާމަތުންހުރި މީހަކަށް ވިއްޔާ ނޫރުލްޢައިނުގެ މަކަރާއި ޙީލަތް ސާފުވާނެކަމަށް ، ޙަފުޞާ ބުންޏެވެ. މުރުތަޟާއަކަށް އެވަރުވެސް ނުވިސްނެއެވެ. ތަހުނިޔާއަކީ ، އޭނާގެ ޅީދަރިއެއް ނޫންކަމަށާއި އެއީ އޭނާގެ ދަރިއެއްކަމަށް ޙަފުޞާ ބުންޏެވެ. އަދި ، އޭނާގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކުރުމަށް ، އެއްވެސް މީހަކު މަސައްކަތް ކޮށްފިނަމަ ، ހަދާނެގޮތް އެނގޭނީ އޭނާއަށް ކަމަށް ބުނެ ، މުރުތަޟާއަށް އިންޒާރު ދިނެވެ.

" އަދި ، އެއްވާހަކައެއް ބުނާނަމެވެ. އެއުޅޭ ނޫރުލްޢައިނާއި މުރުތަޟާއާ ދެމެދު އޮތިއްޔާ އޮތް ގުޅުމެއްވިއްޔާ ، ވީ އެންމެ އަވަހަކަށް އެގުޅުމެއް ކަނޑައިލާ އޭނާއާ ދުރުވާށެވެ. އެހެން ނޫންކަމަށް ވަންޏާ ، މުރުތަޟާގެ މަންމަ މަރުވުމުން މޫނުދެކިލަންވެސް ، އަންނާނެކަމެއް ނެތެވެ. ޙަފުޞާގާތަށް އައިސްހުރި ރުޅީގައި ބާރަށް ގޮސް ކޮޓަރިޔަށް ވަދެ ދޮރުލައްޕައިލިއެވެ. އެމީހެއްގެ ކޮޓަރިޔަށް އެމީހަކު ވަނުމުން މުޅި ގޭތެރެޔަށް ހަމަހިމޭންކަން ވެރިވިއެވެ.

******************************

ތަހުނިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދީ ، ދެމީހުންނަށް އެއްގަލަކަށް އެރޭތޯ ، އެރޭ ވަރަށްގިނައިރު ވަންދެން މުރުތަޟާ މަސައްކަތް ކުރިއެވެ. މުރުތަޟާ ދެއްކި ވާހަކަތައް އަޑުއަހާކަށް ، ތަހުނިޔާ ބޭނުމެއް ނުވިއެވެ. ކަންފަތުގައި ބާލީސް އަޅައިގެން އޮވެ ، މުރުތަޟާގެ އެ ވާހަކަތައް އޭނާގެ ކަންފަތާ ހަމަޔަށް ފޯރިއަކަ ނުދިނެވެ.

މުރުތަޟާ އޮފީހަށްދަމުން ދައްތަޔަށް ގޮވައިލިއެވެ. އޭރުވެސް ، މުރުތަޟާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ދެމަފިރިން ، އެކަކު އަނެކަކަށް ދައްކަން ބޭނުންވާ ވާހަކަ އަޑުއަހަންޖެހޭނެކަން ، ތަހުނިޔާއަށް ވިސްނައިދޭށޭބުނެ ، ސައިވެސް ނުބޮއެ ، މުރުތަޟާ ނުކުމެގެން ދިޔައެވެ. ޠާހިރާ އެތައްވަރަކަށް ގޮވުމުންވެސް އަޅައެއް ނުލިއެވެ.

ޙަފުޞާއަށް އެއަޑު އިވިގެން ، ކޮޓަރިން ބޭރަށް ނުކުތްއިރު މުރުތަޟާ ގެއިން ނުކުމެއްޖެއެވެ. ޠާހިރާހުރީ އިންތިހާއަށް ކަންބބޮޑުވެފައެވެ. މުރުތަޟާ އެދިޔައީ ސައިވެސް ނުބޮއެކަމުގައި ބުނެ ، މަންމަގާތު ޝަކުވާކުރިއެވެ.

" ބަހައްޓާށެވެ ! އެއްދުވަހު އަދި ނުކައި ހުއްޓަކަސް މަރެއް ނުވާނެއެވެ. މުރުތަޟާއަށް އެކުރެވޭ ކަންކަމުގެ އަދަބު ، މުރުތަޟާއަށް ލިބެން ޖެހޭނެއެވެ. އެއްވެސް ގުޅުމަކަށް ޤަދަރުކުރަން ނޭނގޭމީހުންނަށް އެހެން ވާނެއެވެ. " ޙަފުޞާ ބުންޏެވެ.

ޙަފުޞާއާއި ޠާހިރާ ސައިބޯން ތިއްބާ ، ތަހުނިޔާ ކޮޓަރިން ނުކުމެގެން އައިސް ، މަންމަގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމުގައި ބުންޏެވެ. ޙަފުޞާ އެކަމަށް އިޒުނަ ދިނެވެ.

ތަހުނިޔާ ބޭނުންވީ ކުޑަދުވަސްކޮޅަކަށް ، އޭނާގެ މަންމަ ގާތުގައި ހުރެލަން ގެޔަށް ދިއުމުގެ ހުއްދައަށެވެ. ޙާލަތު އެއޮތީ އެންމެންގެ ލޯމައްޗަށް ފެންނާށެވެ. ތަހުނިޔާއާއި މުރުތަޟާ އެއުޅެނީ އެކުގައި އެއްކޮޓަރީގައެވެ. ދެމީހުންނަކަށް ހަމަޖެހިލައިގެން ވާހަކަ ދައްކައެއް ނުލެވެއެވެ. ދިމާވަމުން އެދާ ކަންކަމުގައި ، އެކަކު އަނެކަކަށް އިޙްތިރާމެއް ނުކުރެވެއެވެ. ކޮށްދޭންޖެހޭ ކަންކަން ، ކޮށެއް ނުދެވެއެވެ. ކަންތައްތައް އެހެން ހުރުމާއެކު ، ތަހުނިޔާއަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ، އޭނާ އެގެއިން ނުކުމެގެން ދިއުމެވެ.

އެކަމުގައި ޙަފުޞާގެ ވިސްނުން ވަރަށް ތަފާތެވެ. މުރުތަޟާއާ ދުރުގައި ތަހުނިޔާ ހުރެއްޖެނަމަ ، މުރުތަޟާގެ ސިކުނޑިއާ ކުޅެން ނޫރުލްޢައިނަށް ފަސޭހަ ވާނެއެވެ. ނޫރު އެކަން ކުރުމަކީ ، ތަހުނިޔާވެސް އެދޭނެކަމެއް ނޫނެވެ.  އެއީ އެއްވެސް އަންހެނަކު އެދޭނެކަމެއް ނޫނެވެ. މުރުތަޟާގެ ދިރިއުޅުމުގައި ތަހުނިޔާއަށް ޙައިޞިއްޔަތެއް އެބަ އޮތެވެ. އެއީ ތަހުނިޔާގެ ފިރިމީހާއެވެ. މުރުތަޟާއަކީ ވަރަށް ހިތްބަލި މީހެކެވެ. އެއްވެސް މީހަކަށް ތަކުލީފެއް ލިބޭކަށް މުރުތަޟާ ބޭނުމެއް ނުވާނެއެވެ. އެޙާލަތުގައި ، މުރުތަޟާއާ ދުރަށްގޮސް އޭނާގެ ދިރިއުޅުމުން ، އަތްދޫކޮށްލައިފިނަމަ ، އެއްވެސްކަމެއް ރަނގަޅެއް ނުވާނެއެވެ.

ޠާހިރާވެސް މަންމައާ ބައިވެރިވެ ، މަންމަގެ ވާހަކަތަކަށް ތާއީދު ކުރިއެވެ. އަދި ، ރުޅި އައިސްގެން ގެއިން ނުކުމެގެންދާންޖެހޭ ވަރުގެ ކަމެއްވެސް ނުވެއެވެ.

ޠާހިރާގެ ވާހަކައަށް ތަހުނިޔާ ހިތްހަމައެއް ނުޖެހުނެވެ. ދެލޯ ބޮޑުކޮށްފައި ޠާހިރާއާ ދިމާއަށް އޭނާއަށް ބަލައި ލެވުނެވެ.

ޠާހިރާއަށްވެސް އެބުނެވުނީ ރަނގަޅު ވާހަކައެއް ނޫންކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. އަދި ، އެކަން ފޫބެއްދުމަށް މަސައްކަތް ކުރިއެވެ. މުރުތަޟާއަށް އެއޮތީ ވަރަށްބޮޑު ގޯހެއް ހެދިފައެވެ. ނޫރުލްޢައިނާ އެގޮތަށް ބައްދަލުކޮށްގެންނެއް ނުވާނެއެވެ.

" ތަހުނިޔާއެވެ ! ދައްތައެއްގެ ޙައިޞިއްޔަތުން އަހަރެން ، ތަހުނިޔާއަށް އާދޭސްކޮށްފައި ބުނަމެވެ. މުރުތަޟާއަށް ވަގުތުކޮޅެއް ދޭށެވެ ! އެއީ އެހާ ގޯސްމީހެއްނޫނެވެ. ހުރިހާކަމެއްވެސް ، މުރުތަޟާ ރަނގަޅު ކުރާނެއެވެ. ކައިވެނި ރޫޅާލައި ، ތަހުނިޔާ ދޫކޮށްލާފައި ނޫރުލްޢައިނުގާތަށް ދާކަށް މުރުތަޟާ ބޭނުމެއް ނުވާނެއެވެ. ހުރިހާ ކަމެއް ހަނދާން ނައްތައިލާނެއެވެ. ގުޅުންތައް ދަމަހައްޓައި އެގުޅުމަކަށް ޙައްޤު ދަރަޖަދޭން ، އަހަރެންގެ ކޮއްކޮއަށް އެނގޭނެއެވެ. އަދި އެއުޅެނީ ހަމަޔަކަށް ނޭޅިގެންނެވެ. މިވަގުތު ، ތަހުނިޔާވެސް އެދޭނީ ، ކޮންމެ ޙާލެއްގައިވެސް ކައިވެނި ދަމަހައްޓަން ނޫން ހެއްޔެވެ ؟ " ޠާހިރާގެ ވާހަކަ ނިންމައިލިއެވެ.

ޙަފުޞާ ތެދުވެގެން އައިސް ތަހުނިޔާގާތު ހުއްޓިލިއެވެ. އެހުރިހާކަމެއް އެމީހުން ހަމަޖައްސާނެކަމަށް ވަޢުދުވިއެވެ. ތަހުނިޔާވެސް އަދި ތަހުނިޔާގެ މައިންބަފައިން ކަންބޮޑުވާނެ ހުރިހާ ކަންކަމެއް އެމީހުން ދުރުކޮށްދޭނެއެވެ. ބޭނުންވަނީ ކުޑަ ވަގުތު ކޮޅެކެވެ. އެ ވަގުތު ، ތަހުނިޔާ ނުކުމެގެންދާކަށް އެދެމީހުން ފުރުޞަތެއް ނުދިނެވެ.

އެހުރިހާ ވާހަކަތަކެއް އަޑުއަހާފައި ، ޙަފުޞާގެ ވާހަކަތައް ނީވޭކަމަށް ހަދައި ، އެގެއިން ނުކުމެގެން ދިއުމަކީ ، އެވަގުތަށް އެންމެ ރަނގަޅުކަމެއް ކަމަކަށް ތަހުނިޔާއަކަށް ނުފެނުނެވެ. އެހެނަސް ، އެއީ އޭނާގެ ހިތްއެދޭގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ، ހަމަ އެވަގުތުވެސް އެގެއިން ނުކުމެގެންދާށެވެ. މުރުތަޟާގެ ޢަމަލުތައް އެހުރީ މަކަރުވެރި ގޮތަކަށެވެ. އެއީ އޭނާއާމެދު މުރުތަޟާ ކަންތައް ކުރަންވާނެ ގޮތެއްނޫނެވެ. އެގޮތަށް ކަންތައްކުރަން މުރުތަޟާގެ ހިތުގައި އޮތްނަމަ ، އޭނާއާ ކައިވެނިކުރުމުގެ ބޭނުމެއް ނެތެވެ.

ކައިވެނީގެ ކުރީކޮޅު ، ފަޅާ އެއެރީ އެއްކަމެއް ދެކަމެއްނޫނެވެ. އެއިން ކޮންމެކަމެއްގައިވެސް މުރުތަޟާގެ ޢަމަލުތައްހުރީ ، މަކަރާއި ޙީލަތުން ފުރިފައެވެ. ހަދަމުން ގެންދިޔައީ ބުހުތާން ދޮގެވެ. އަނެއްކޮޅުން ، އޭނާގެ އެކުވެރި ނޫރުވެސް ، އެގެންދަނީ އޭނާއަށް އޮޅުވައިލަމުންނެވެ. އެހާ މަކަރުވެރި ގޮތަކަށެވެ. އެހެނަސް ، އެކަންކަމާ އޭނާވެސް ކުރިމަތިލާން ޖެހޭނެކަމަށް ތަހުނިޔާ ޤަބޫލު ކުރިއެވެ. އެހާ ޅަފަތުގައި އޮތް އޭނާގެ ކައިވެނި ، އެހާ ފަސޭހައިން ރޫޅިގެންދާކަށް ތަހުނިޔާވެސް ބޭނުމެއްނޫނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.