ބޭރުން މުދާ ގަންނައިރު އެފްއޯބީ އާއި ސީއައިއެފް އަގުގައި ތަފާތު ހުންނަގޮތް

ބޭރު ޤައުމުތަކަށް ، ކަނޑުމަގުން މުދާ ފޮނުވާއިރު ، ކުންފުނިތަކުން މުދާ ފޮނުވަނީ ، ފްރީ އޮން ބޯޑް ( އެފް އޯ ބީ ) ނުވަތަ ކޯސްޓް ، އިންސޫރަންސް އެންޑް ފްރައިޓް ( ސީ އައި އެފް ) އެއްބަސްވުންތަކުގެ މަތިންނެވެ. ބޭރު ޤައުމުތަކުން މުދާ އެތެރެ ކުރުމުގެ ތަޖުރިބާ މަދު ވިޔަފާރިވެރިން ، ގިނަފަހަރަށް އިޚްތިޔާރު ކުރަނީ ސީ އައި އެފް އެވެ. އެއީ މުދާ ފޮނުވާ ފަރާތަށް ، ގިން ޒިންމާތަކެއް ޙަވާލު ކޮށްގެންނެވެ. ޝިޕިންގ ކޯސްޓާއި އިންސޫރަންސް ، އަދި މުދާ ގަންނަ ފަރާތުން އިޚްތިޔާރުކުރާ ބަނދަރަކާ ހަމަޔަށް ދާ ފްރައިޓް ޚަރަދު އޭގެ ތެރޭގައި ހިމެނެއެވެ. މުދާ ގަންނަ މީހާއާ ހަމަޔަށް މުދާ އައުމުގެ ގިނަ ޒިންމާތަކެއް މުދާ ވިއްކާ މީހާގެ ބޮލުގައި އެޅޭ ގޮތަށެވެ. މުދާ ވިއްކާމީހާގެ ބޮލުގައި ގިނަ ޒިންމާތަކެއް އެޅޭތީ ، އެފް އޯ ބީ އަގަށްވުރެ ، ސީ އައި އެފް އަގު ބޮޑުވެއެވެ.

އެހެންނަމަވެސް ، ބައިނަލްއަޤްވާމީ ވިޔަފާރީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން ، އެބައިމީހުންގެ މުދަލުގެ ފުރިހަމަ ކޮންޓްރޯލް ލިބިގަތުމަށްޓަކައި ، ސީ އައި އެފް އަގު ޚިޔާރު ކުރެއެވެ. ނަމަވެސް ، ސީ އައި އެފް އަގުގެ މުދާ ، އާގުބޯޓަށް އެރުވުމަށްފަހު ، މުދާ ގަތް ފަރާތަށް އެ މުދަލެއް ލިބެންދެން ، މުދަލަށްވާ ގެއްލުމެއްގެ ޒިންމާ އުފުއްލާނީ މުދާ ގަންނަ ފަރާތުންނެވެ. މި އުސޫލުގައި ގިނަފަހަރަށް ، ޝިޕިންގ ކޮމްޕެނީތަކާ ސީދާ ވާހަކަ ދައްކައިގެން ، ޝިޕިންގ ކޯސްޓް ކުޑަކުރުމުގެ ފުރުސަތު ، މުދާ ގަންނަ ފަރާތަށް ލިބެއެވެ. އަދި ، މުދާ ބޭލުމާއި ނެރުމުގައި މުދާ ގަންނަ ފަރާތުގެ ކޮންޓްރޯލް ބޮޑަށް ލިބެއެވެ.

އެފް އޯ ބީ އާއި ސީ އައި އެފް އިޚްތިޔާރު ކުރުމުގައި ، ކުންފުނީގެ ބޮޑުކުޑަ މިނާއި އެތެރެކުރާ މުދަލުގެ ޢަދަދުގެ ބޮޑުކުޑަމިން އަދި ވަޞީލަތްތައް އެއީ މުހިންމު ރޯލެއް އަދާކުރާ ކަންކަމެވެ.

މުހިންމު ބައެއް ސިފަތައް

  • ބައިނަލްއަޤްވާމީ ޝިޕިންގ ވިޔަފާރީގައި ، ގިނަ ކުންފުނިތަކުން މުދާ ގަތުމުގައި އިޚްތިޔާރުކުރަނީ އެފް އޯ ބީ އަގެވެ. އަދި އެމުދަލެއް ވިއްކުމުގައި ބޭނުންކުރަނީ ސީ އައި އެފް އަގެވެ. ގިނަފަހަރަށް ، އިތުރު އިންސައްތައެއް ، ސީ އައި އެފް އަގުގެ ތެރެޔަށް ލައިގެން ، އެމުދަލެއް ވިއްކާ އަގު ކަނޑަ އަޅައެވެ. އެއީ އިމްޕޯޓް ޑިއުޓީއާއި ކަސްޓަމުން މުދާ ނެރުމާ އަދި ޓްރާންސްޕޯޓަށް ހިނގާ ޚަރަދު ހިމަނައިގެން ، ފައިދާއަށް އިންސައްތައެއް ލާފައެވެ.
  • އެފް އޯ ބީ އަގުގައި މުދާ އެތެރެކުރާނަމަ ، މުދާ ފޮނުވާ މީހާ އާގުބޯޓަށް މުދާ އަރުވާ ހިސާބުން ، ދެން ހުންނަ އެހެންހުރިހާކަމެއްގެ ޒިންމާ އުފުއްލަން ޖެހޭނީ މުދާ ގަންނަ ފަރާތުންނެވެ. މިއީ ، ބައިނަލްއަޤްވާމީ ޝިޕިންގގެ ތަޖުރިބާ ލިބިފައިވާ ވިޔަފާރިއަކަށް އެންމެ ފައިދާހުރި ގޮތެވެ.
  • ސީ އައި އެފް އަގަށް ބޮޑަށް ބުރަވަނީ ، ބައިނަލްއަޤްވާމީ ޝިޕިންގއަށް ނުފަރިތަ ، އަދި މަދު މުދާކޮޅެއް ގެންނަ ފަރާތް ތަކުންނެވެ. ސީ އައި އެފް އަގު ބޮޑަށް ބޭނުންކުރަނީ ، މިފަދަ ފަރާތްތަކުންނެވެ.
  • ސީ އައި އެފް އަގުގައި މުދާ ގަންނަ ފަރާތްތަކުން ، އެފަރާތެއް ބޭނުންވާ ޕޯޓަކާ ހަމަޔަށް މުދާ ގެނައުމާ ހަމަޔަށް މުދަލަށް ޒިންމާ ވެއެވެ.
  • އެފް އޯ ބީ އަގުގައި މުދާ ގަންނަ ފަރާތްތަކުން ، މުދާ އުފައްދާ ޤައުމެއްގެ އެކްސްޕޯޓް ޕޮލިސީއާ ގުޅިގެން ކުރަން ހުންނަ ކަންކަމާއި ޚަރަދު ކޮށް ، އެމުދަލެއް ބޯޓަށް އެރުވުމުން ، މުދާ ވިއްކާ ފަރާތުގެ ޒިންމާ އެދިޔައީއެވެ.

އެފް އޯ ބީ އާއި ސީ އައި އެފް އަކީ ، ބައިނަލްއަޤްވާމީ ވިޔަފާރީގައި ބޭނުންކުރެވޭ 11 ނިޒާމުކަމުގައިވާ ( އިންކޯޓަރމްސް ) ގެ ދަށުން ، މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތުގެ ޒިންމާ އާއި މަސްއޫލިއްޔަތު ބަޔާންކޮށްދޭ އެއްބަސްވުންތަކުގައި ހިމެނޭ ދެ ނިޒާމެކެވެ. މުދާ އެތެރެކުރާ ކޮންމެ ކުންފުންޏެއްގައިވެސް މުދާ އެތެރެކުރުމުގައި ޢަމަލުކުރާ ގޮތްތަކެއް ހުންނާނެއެވެ. އެފް އޯ ބީ އާއި ސީ އައި އެފް އަގު އިޚްތިޔާރު ކުރުމުގައިވެސް ، އެކުންފުންޏަކަށް އެންމެ ރަނގަޅުވާނެގޮތް އެއީ އެއްކުންފުންޏާ އަނެއް ކުންފުންޏަކާ ދެމެދު ތަފާތުތަކެއް ހުންނަ ކަމެކެވެ.

މިސާލަކަށް ، ބައިނަލްއަޤްވާމީ ވިޔަފާރިއާއި ޝިޕިންގ ނިޒާމަށް އާ ކުންފުންޏެއްނަމަ ، އެކުންފުންޏަކުން ގަންނަ މުދާ ، އެކުންފުންޏަކާ ހަމަޔަށް ފޮނުވުމުގެ ޒިންމާ ، މުދާ ވިއްކާ ފަރާތާ ޙަވާލު ކުރާނެއެވެ. މުދާ ވިއްކާ ފަރާތުން އަގު ކިޔާނީ އެހުރިހާ މަސައްކަތަކަށް އިތުރު އިންސައްތަ ތަކެއް ލައިގެންނެވެ. މިގޮތަށް މަސައްކަތްކުރާ ބޮޑެތި ކުންފުނިތަކަށް ، އެމީހުން ވިއްކާ މުދަލުގެ އަގު ބޮޑުކޮށް ކުޑަކުރެވޭނެ އެތައް އުކުޅުތަކެއްގެ ތަޖުރިބާ ހުންނާނީ ލިބިފައެވެ. އަދި ، އެ ޝިޕްމަންޓަކުން ވީ އެންމެ ބޮޑު ފައިދާއެއް ނެގޭނެ ގޮތްތައްވެސް އެނގޭނެއެވެ. އަވަހަށް މުދާ ބޭރުކޮށްލެވޭނެ ގޮތްތަކަށް ، އެކުންފުނިތަކުން އޮންނާނީ އަހުލުވެރި ވެފައެވެ.

ކޯސްޓް ، އިންސޫރަންސް އަދި ފްރައިޓް ( ސީ އައި އެފް )

ސީ އައި އެފް ގައި ، ގަންނަ ފަރާތަށް މުދާ ޕެކްކޮށް އުފުލައިދިނުމާއި ، އިމްޕޯޓް ޓެކްސް އެއް އޮންނަ ނަމަ އެފައިސާ ދައްކައި އެކަމާބެހޭގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްދިނުމަކީ ، މުދާ ވިއްކާ ފަރާތުގެ ކަމެކެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގެ އިދާރީ ނިޒާމަށް ބަލާއިރު ، ޝިޕްމަންޓަކާ ގުޅިގެން  ، މުދާ ގަންނަ ފަރާތް މަންޒަރަށް އަންނަނީ ، ބަނދަރަށް މުދާ ފޯރާ ހިސާބުންނެވެ. އިމްޕޯޓް މުދަލުގެ ޓެކްސް ދެއްކުމާއި ޕޯޓާއި ގުދަންފީ އަދި ގުދަނުން ނެރެގެން ، އަމިއްލަ ފިހާރަޔަށް ނުވަތަ ގުދަނަށް މުދާ ގެންދާނީ ގަންނަ ފަރާތުންނެވެ.

ސީ އައި އެފް ބޭނުންކުރުމުގައި ، ވަރަށްބޮޑު ޝިޕްމަންޓެއް ނުވަތަ ވަރަށް ބޮޑު އެއްޗެއް އެތެރެކުރާނަމަ ، އަދި ޝިޕިންގއާ ބެހޭ ކޮންމެވެސް މިންވަރެއްގެ ތަޖުރިބާއެއް ލިބިފައިވާނަމަ ، އެއީ އެންމެ ފައިދާހުރި ނިޒާމެވެ.

އެހެންކަމާއެކުވެސް ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ، ސީ އައި އެފް މުދާ އަންނަނީ އަގުބޮޑު ކޮށްކަމެވެ. ވިއްކާ މީހާ އޭގެ އަގަށް އިތުރުކުރާ އެތައް ޚަރަދެއް ހުންނާނެއެވެ. އަދި ބައެއް ފަހަރަށް އެކަށީގެންނުވާ ވަރުގެ ޚަރަދުވެސް ލާފައި ހުރެދާނެއެވެ. އެ ފުރުޞަތު ، ސީ އައި އެފް ގައި ތަނަވަސްވެފައި އޮންނާތީއެވެ. ބައެއް ވިޔަފާރިވެރިން ، އެމީހުން ގަންނަ މުދަލުގެ އަގުހެޔޮ ކުރުމަށްޓަކައިވެސް ، އެފް އޯ ބީ އަގުގައި މުދާގަނެ ، ދެންކުރަން ހުންނަ ކަންކަން ފުރިހަމަ ކުރެއެވެ. އަދި ، އިތުރު ރައްކާތެރިކަމަކާއެކު ، އެބައިމީހުންގެ މުދާ އަވަހަށް ގެނައުމަށް އޮންނަ ފުރުޞަތުގެ ބޭނުން ހިފައެވެ.

މުދާ ގަންނަ ފަރާތްތަކުގެ ތަޖުރިބާއަކީ ، މުދަލުގެ އަގު ކުޑަކުރުމަށް ، ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ވަޞީލަތްތައް ފުރިހަމަ އަދި ގިނަ ، ޝިޕިންގ ކުންފުނިތަކާ ގުޅުން އޮންނަނަމަ ، ޝިޕިނގގެ އަގު ކުޑަކުރުމަށް ވަކާލާތު ކުރުމުގެ ފުރުޞަތު ، އެފަދަ ކުންފުނިތަކަށް ބޮޑުވެއެވެ. މިފަދަ ކުންފުނިތަކުން ، ސީ އައި އެފް އަގުގައި މުދާ އެތެރެކުރާކަށް ނުވިސްނާނެއެވެ.

މުއާމަލާތު ކުރުމާއި މުއާޞަލާތީ ގުޅުން އުނދަގޫ ބައެއް ޤައުމުތަކުން މުދާ ގަންނައިރު ، އެޖެންޓެއް މެދުވެރިކުރުމަކީ މުހިންމު ކަމެކެވެ. އެހެންނޫނީ ، ނޭނގި ހުއްޓާ ބޭކާރު ޚަރަދުތަކެއް ކުރަން ޖެހިދާނެއެވެ. ސީ އައި އެފް އާ ގުޅިފައިވާ ޚަރަދުތައް ، މުދާ ގަންނަ ފަރާތަށް ކުރެވޭގޮތަށް މަގުފަހިވެފައި އޮތްނަމަ އެންމެ ރަނގަޅީ އެފް އޯ ބީ އަގުގައި މުދާ ގަތުމެވެ. މުދާ ގަންނަ ފަރާތުގެ ޒިންމާ ، ސީ އައި އެފް ގައި ހިމެނިފައި އޮތަސް ، އެ ޤައުމެއްގެ ބަނދަރުން ބޯޓު ފުރުމަށްފަހު ، މުދާ ވިއްކާ ފަރާތުން އުފުއްލާ މާބޮޑު ޒިންމާއެއް ، ޢާންމުގޮތެއްގައި ނޯވެއެވެ. މުދަލަކަށް ގެއްލުމެއް ލިބުނުނަމަވެސް ، އޭގެ ބަދަލު ލިބެނީ ، އެތައް މަސައްކަތްތަކާއި ތަކުލީފެއް އުފުއްލައިގެންނެވެ. މުދާ ގަންނަ އިރު ދޭންޖެހޭ އެއްޗެއް ދީފައި ، ބޯޓަށް މުދާ އެރުވުމަށް ދެންކުރަންޖެހޭ ކަންކަން އަމިއްލަޔަށް ކުރުމަށް ކުރަންޖެހޭ ހޭދަ ވަގުތުން ޚަރަދުކޮށްފައި މުދާ އެތެރެ ކުރުމުން މުދާ ގެންނަފަރާތަށް އޮންނަ ފައިދާ ބޮޑުވެއެވެ.

ސީ އައި އެފްގައި މުދާ ގަންނަ ފަރާތުގެ ޒިންމާ ކުޑައެވެ. އެހެނަސް ، މުދަލުގެ އަގު ބޮޑުވެއެވެ. އެއީ މުދާ ގަންނަ ފަރާތަށް ލިބޭ ގެއްލުމެކެވެ. ބޯޓަށް މުދާ ނުއެރުވި ، ވިއްކާ ފަރާތުގެ ބެލުމުގެ ދަށުގައި މުދާ ހުންނައިރު ގުދަނު ކުލި އަރާނެއެވެ. ގަންނަ ފަރާތަކަށް އެކަމުގެ އެއްވެސް ކޮންޓްރޯލެއް ނުއޮންނާނެއެވެ. ނޭނގޭ ޚަރަދުތަކުން ، މުދަލުގެ އަގު ބޮޑުވާކަން އޮންނާނީ ނުއެނގިއެވެ.

ފްރީ އޮންބޯޑް ( އެފް އޯ ބީ )

އެފް އޯ ބީގައި ، މުދާ ވިއްކާމީހާގެ މާބޮޑު ޒިންމާއެއް ނުއޮވެއެވެ. ބަނދަރަށް ބޯޓު ވަނުމާއެކު ، މުދަލާ ގުޅިގެން އޮންނަ ހުރިހާ ޒިންމާތަކެއް ބަދަލުވާނީ މުދާ ގަންނަ ފަރާތަށެވެ. 10 ކޮންޓެއިނަރ ފޮނުވަން ޖެހޭތަނަކަށް 5 ކޮންޓެއިނަރ ފޮނުވިޔަސް ، ކުރާނެ މާބޮޑުކަމެއް ނޯންނާނެއެވެ. އިންސޫރަންސްގެ ޚިދުމަތުން ބަދަލު ލިބުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޤާނޫނީ އަދި އިދާރީ އެތައްކަމެއް ފުރިހަމަކުރަން ވާނެއެވެ. އެކަން ކުރަން ބަޔަކާ ޙަވާލުކޮށްފިނަމަ ، އިތުރު ޚަރަދުތަކެއް އަންނާނެއެވެ.

އެފް އޯ ބީއަކި ، މުދާ ގަންނަ ފަރާތްތަކުގެ ފަސޭހައާއި ޝަޢުޤަށް އޮންނަ ހަދިޔާއެކެވެ.  ޝިޕިންގ ކުންފުނިތަކާއި ޓްރާންސޕޯޓް ކުންފުނިތަކާ އަދި އިންސޫރަންސް ކުންފުނިތަކާ ވާހަކަދައްކައިގެން ، އަގު ކުޑަކުރުމުގެ ފުރުސަތު އެފް އޯ ބީގައި އޮންނާނެއެވެ. މުޅި ޝިޕިންގ ގެ ޙަރަކާތްތަކުގެ ފުރިހަމަ ކޮންޓްރޯލް ، މުދާ ގަންނަ ފަރާތަށް ލިބޭނެއެވެ.

ބައިނަލްއަޤްވާމީ ޝިޕިންގގެ މުޢާލަމާތުތަކަށް އާ މީހުންނަށް ، މުދާ ގަތުމަށްފަހު ދެންކުރަންޖެހޭ އިތުރު ޚަރަދުތައް ކުރުން އެއީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އެކަމުގެ ތެރެޔަށް ވަދެވެންދެން ، އެންމެ ރަނގަޅުވާނީ ، އެފް އޯ ބީ އިޚްތިޔާރު ކުރިއްޔާއެވެ. ޝިޕިންގއާ ގުޅިފައި ހުންނަ ގިނަ ކަންކަމަކީ ، ވަރަށް އޮޅުންބޮޅުން ގިނަ ، ވަގުތުނަގާ ކަމެކެވެ. ބޭރުގައި ހުރެގެން އެހުރިހާކަމެއް ކުރަން ޖެހިއްޖެނަމަ ، ދަތުރު ޚަރަދު ބޮޑުވާނެއެވެ. ކުރިން އެނގިފައި ނުއޮންނަ އެތައް ޚަރަދެއްކުރަން ޖެހިދާނެއެވެ. ނަތީޖާއަކަށް ވެގެންދާޏީ ، އެކަމަށް ފަރިތަ ބަޔަކު ކުރާ ޚަރަދަށްވުރެ ، މުދާ ގަންނަ މީހާއަތުން ކުރަންޖެހޭ ޚަރަދު އިތުރުވެ ، މުދަލުގެ އަގު މަތިވުމެވެ.

ސީ އައި އެފް ގެ އަގު ބޮޑުވާނެއެވެ. އެފް އޯ ބީ އަގު ކުޑަވާނެއެވެ. ޝިޕިންގ އަށް ފަރިތަނަމަ ، ސީ އައި އެފް ބޭނުންކުރާށެވެ. ފަރިތަ ނޫންމަ އެފް އޯ ބީ އިޚްތިޔާރު ކުރާށެވެ. އެފް އޯ ބީ އަގު ނަގައިގެން ، އަމިއްލަޔަށް އެޚަރަދުތައް ކުރަން އުޅެފިނަމަ މުދަލުގެ އަގު ބޮޑުވެދާނެއެވެ.

ސީ އައި އެފް ގައި ، އެކްސްޕޯޓް ކުރަން ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއް ފުރިހަމަކުރާނީ ، މުދާ ވިއްކާ ފަރާތުންނެވެ. ބަނދަރަށް ބޯޓު އައިމަ ދެންކުރަންޖެހޭ ހުރިހާ ކަމަކާއި ފުރަންޖެހޭ ކަސްޓަމް ފޯމުތައް ފުރާނީ މުދާ ގަންނަ ފަރާތުންނެވެ. ކަސްޓަމުން މުދާ ބޭރުކޮށްދޭ ފަރާތްތައްވެސް މިހާރު އެބަ އުޅެއެވެ. މިކަމުގައިވެސް ވަގުތު ސަލާމަތްވެފައި ޚަރަދު ކުޑަވާނީ އެފަދަ ފަރާތަކާ އެކަން ޙަވާލު ކުރިއްޔާއެވެ. ޕޯޓް ކޮލިއަރެންސާއި މުދާ ކެނޑުމާ އަދި ކަސްޓަމް ޑިއުޓީއާއި މުދާ ނެރުމަށް ބޭނުންވާ ޓްރާންސްޕޯޓާ ބެހޭ ހުރިހާކަމެއް އެފަދަ ފަރާތްތަކުން ހަމަޖައްސައި ދޭނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.