ކުރިއަށް އޮތް ހަތަރު އަހަރަށް އެއް ދުވަހުގެ ކްރިކެޓްގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާނީ ކޮން ގައުމެއްކަން ކަނޑައެޅޭނީ މިއަދު މެންދުރުފަހު 1.30ގައި އިންޑިއާގެ އަހުމަދުއާބާދުގެ ނަރެންދްރާ މޯދީ ސްޓޭޑިއަމްގައި ކުޅޭ މެޗުންނެވެ.
ރޯހިތު ޝަރްމާގެ ކެޕްޓަންކަމުގައި ކުޅޭ އިންޑިއާ ޓީމު ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޖެހިޖެހިގެން ދިހަ މެޗުން މޮޅުވެގެންނެވެ. ކެޕްޓަން، ޕެޓް ކަމިންސް އޮސްޓްރޭލިއާ ޓީމު ފައިނަލަށް ގެންދިޔައީ ދެ މެޗުން ބަލިވިޔަސް 8 މެޗުން މޮޅުވެގެންނެވެ.
ފައިނަލް މެޗުގެ މާ ކުރިން އެއްލައްކަ ތިރީސް ހާސް ޓިކެޓް ވިކި ދަނޑު ފުރޭނެ ކަމުގެ ޔަގީންކަން ލިބިފައިވާއިރު ޓިކެޓު ނުލިބިގެން އިންޑިއާގެ އެތައް މިލިއަން ބަޔަކު މެޗު ބަލާނީ ޓީވީންނެވެ.
މިއީ އިންޑިޔާ ޓީމު ވޯލްޑް ކަޕް ފައިނަލް ކުޅޭ ހަތަރުވަނަ ފަހަރެވެ. ދެ ފަހަރަށް ޗެމްޕިއަންކަން ހޯދާފައިވެއެވެ. އިންޑިއާއަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ވަނީ 1983 އަދި 2011 ގައެވެ. އިންޑިއާއިން އޮސްޓްރޭލިއާ ދެކޮޅަށް 2003ގެ ފައިނަލްގައި ކުޅުނުކަމަށް ވިޔަސް އޮސްޓްރޭލިއާ އެ މެޗު ކާމިޔާބުކުރީ ވަރަށް ފަސޭހަ ގޮތަކަށެވެ.
އޮސްޓްރޭލިއާއިން ވަނީ ވޯލްޑް ކަޕް ފަސް ފަހަރަށް ހޯދައި އެންމެ ގިނައިން ވޯލްޑް ކަޕް ހޯދުމުގެ ރެކޯޑު ގާއިމްކޮށްފައެވެ.
އިންޑިއާއިން ފައިނަލް މެޗަށް ނިކުންނަ އިރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ
ޓީމުގެ ކުރީގެ ކެޕްޓަން ވިރާތު ކޯލީ 711 ލަނޑު ހަދާފައިވުމުގެ އިތުރަށް ބާރަށް އުކާ މުޙައްމަދު ޝާމީ 23 ވިކެޓު ނަގާފައިވުމެވެ. ހަމަ އެގޮތަށް އޮސްޓްރޭލިއާގެ ސްޕިނަރު އެޑަމް ޒަމްޕާ 22 ވިކެޓް ނަގާފައި ވާކަމާއި ޓީމުގެ އޯލްރައުންޑަރ މެކްސްވެލް މުބާރާތުގައި ތަމްސީލުކޮށްފައިވާ މޮޅު ކުޅުމަކީ އޮސްޓްރޭލިއާއަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ޗެމްޕިއަން ޓީމަށް 40 ލައްކަ ޑޮލަރުގެ އިނާމެއް ކަނޑައެޅިފައިވާ މުބާރާތުގެ ފަހު މެޗަށް އިންޑިއާއާއި އޮސްޓްރޭލިއާ ދަނޑަށް ނިކުންނަ އިރު އިންޑިއާއަށް ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ ދަނޑު ވަށައިގެން ތިބި އިންޑިއާގެ ބެލުންތެރިންގެ ތަރުހީބެވެ. އެއީ މައްސަލައެއް ނޫންކަމަށް ބުނެ އޮސްޓްރޭލިއާގެ ކުޅިންތެރިންނަށް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް ހިތްވަރުދީފައި ވެއެވެ.
ކުރިކެޓުގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއަދުގެ މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ކުރިން ކުޅެން ލިބޭ ޓީމަކަށެވެ. އެއީ ކުޅޭ ޕިޗުގެ ގޮތުން ފަހުން ކުޅެން ލިބޭ ބަޔަކަށް ލަނޑު ހަދަން އުނދަގޫތަކަކާ ކުރިމަތިވާނެތީއެވެ.