
ދިވެހިރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރައްވައިފިއެވެ. އެމަނިކުފާނުގެ ހުވައި ކުރެއްވީ މިއަދު ހަވީރު 4.45 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެމަނިކުފާނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ހުވައިކުރެއްވިއެވެ. ދެ ބޭފުޅުންނަށް ހުވައިލައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދްނާނެވެ. ދެ ބޭފުޅުން ހުވައި ކުރެއްވުމަށް ފަހު ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޝާލިޙާ ވާދަކުރައްވައި ވޯޓުލީ މީހުންގެ 54 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުން މިރޭ 7.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.