ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ނާޒުކު ފައްތަރެއްގައި ހުންވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސްގެ އަމަލުތައް ގާނޫނާ ޚިލާފުވެ އެފަދަ ކަންކަން ވާން ފެށުމުން އެމަގާމުގައި ހުންނަވާ ބޭފުޅަކު އަޒުލުކުރެވޭނެ ގޮތްވެސް ގާނޫނުއަސާސީގައި ވާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ޖަވާބުދާރީ ކުރެއްވޭނެ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ. ޖީނާއީ މައްސަލަތަކެއް ދިމާވެއްޖެ ކަމަށްވާނަމަ ރައީސް ޚާއްސަކޮށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމުން އެއީ ގާނޫނާ ޚިލާފަށްކުރި ކަމެއްކަމަށް ބައެއް ގާނޫނީ ވަކީލުންވެސްވަނީ ވިދާޅުވެފައެވެ. އެއަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެފަދަ ވާހަކަތަކަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއްވައިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއާއި ގާނޫނުތަކުން ހިފެހެއްޓޭ މާއްދާތަކާމެދު ތައާރުޒުތަކެއް އުޅޭ ކަމަށްވާނަ ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެންނެވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނޫނީ ކޯޓުތައް މެދުވެރި ކުރައްވައިގެން އެއަށް ހައްލު ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.