ރާއްޖޭ ސިޔާސީ ހާލަތު މިހާރުއޮތް ގޮތުން އިންޑިއާއި ޗައިނާއާ ދެމެދުގައި އޮވެ ރާއްޖެ ފިތިދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ނަޝީދު ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެކަން އެގޮތަށް ވިޔަނުދިނުމަށްޓަކައި ދިވެހިސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ ހަލަތާ ބެހޭ ގޮތުން އެ ދެ ގައުމުންވެސްވަނީ ބަސް ބުނެފައެވެ. އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ލީޑަރު ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްރަހު ހަމައަކަށް އެޅުވުމަށްޓަކައި ސިފައިން ފޮނުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އިންޑިއާއިން މިހެން ބުނުމުގެ ކުރީން ރާއްޖޭގެ ބައެއް ފަރާތްތަކުންވަނީ ސިފައިން ފޮނުވައިގެން ރާއްޖޭގެ ހާލަތު ހަމައަކަށް އަޅުވައި ދިނުމަށް އެދިފައެވެ.
އިންޑިއާ އެހެން ބުނުމުން ޗައިނާއިންވަނީ އިންޑިއާއަށް އިންޒާރު ކޮށްފައެވެ. އެގައުމުން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކުން ނޫންގޮތަކަށް އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވައިފި ކަމަށްވާނަމަ ނުވަތަ ފޮނުވަން ނިންމައިފި ކަމަށްވާނަމަ އެކަން ހުއްޓުވާނެ ކަމަށެވެ.
މި ފަދަ ވާހަކަތައް ފެތުރިފައިވަނިކޮށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އިންޑި ސިފައިން ރާއްޖެއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.