
މި ސެޕްޓެންބަރު މަހުގެ 10 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ޙަރަކާތްތެރިވާނެތީއެވެ.
މީގެ އިތުރުން އެ ދުވަހާ ގުޅިގެން، ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމުގައިވެސް ދެންނެވުމުގައި ވެއެވެ.