އިންޑިއާ ސިފައިން ރާއްޖެއަށް ނުފޮނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިސަރުކާރަށް ލިބިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރުއޮތް ގޮތުން ރާއްޖެއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ބޭރުގެ ގައުމުތަކަށް ބައެއް ފަރާތްތަކުން ގޮވާލަމުން ގެންދާ ކަމަށެވެ.
"އެފަދަ ވާހަކަތައް ފެތުރުމުން އޭގެ ބަދުނާމް ރައްދުވަނީ އިންޑިއާއަށް. އިންޑިއާއަކީ ދިވެހިރާއްޖެއަށް މިހާހިސާބަށް ދިމާވި ބޮޑުކޮންމެ ކަމެއްގައި ދިވެހިންނާ އެންމެ ގާތްކޮށް މަސައްކަތްކޮށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ގައުމު. ރާއްޖެއަށް ދިމާވާ ކާރިސާތަކުގައިވެސް އެންމެ ގާތުން އެހީފޯރުކޮށްދޭ އަޅުގަނޑުމެންގެ އެންމެގާތް އެކުވެރި އެންމެ ހެޔޮއެދޭ އެއްގައުމު،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިޔާސަތަކީވެސް "އެންމެ ފުރަތަމަ އިންޑިއާ" ކަމަށެވެ. އެހެންވީމާ މިފަދަ ކަމެއް ކުރިމަތިވަމުންދާއިރު އެއްވެސް ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި އިންޑިއާ މީހުންނާއި ދިވެހިންނާ ދެމެދުއޮންނަ އިތުބާރާއި ޔަގީކަން ގެއްލޭ ގޮތަށް މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާއަކީ އެންމެބޮޑު ޑިމޮކްސީ ކަމަށެވެ. އެކަން އެހެންއޮވެފައި އެއީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އެހީތެރިވާ ގައުމަށްވާހިނދު ރާއްޖޭގެ އެތެރޭގައި އުފެދޭ ސިޔާސީ މައްސަލައެއްގެ ސަބަބުން އިންޑިއާ ސަރުކާރުންވެސް އަދި އެގައުމުގެ ރައްޔިތުންވެސް ރާއްޖެއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ބޭނުންނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ބަދަލުގައި އިންޑީއާއިން ބޭނުންވާނީ ރާއްޖޭގައި އުފެދިފައިވާ ހަމަނުޖެހުންނިމި މިއަހަރު ބާއްވާ އިންތިޚާބުވެސް ބާއްވައި ގައުމުގެ ހަމަޖެހުން ގާއިމްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހިސާބަށް އައިރު ރާއްޖެއަށް ނިކަމެތިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކުރުމުގެ އިޝާރާތެއްވެސް އިންޑިއާ ސަރުކާރުން ދެއްވައިފައި ނުވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. "އެއަށްވުރެ ބޮޑަށް އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާއި، އިންޑިއާ ރައްޔިތުންނާ ދިވެހިރައްޔިތުންނާ ގުޅުންބަދަހިކޮށް އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.