ބޭރުގެ އެވެސް ގައުމަކުން ދިވެހިރާއްޖެއަށް އަރަންޖެހޭ އެއްވެސް ސަބަބެއް ނުވަތަ ހާލަތެއް ރާއްޖެއަކުނެތް ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.
ސަފީރު އަހުމަދު މުހައްމަދު އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ގަތުލު އާންމެއް ނުހިންގާ ކަމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހާލުގައިޖެހި އެމީހުން ސަލާމަތް ކުރަން އެހެންބަޔަކު އަންނަންޖެހޭފަދަ ހާލަތެއްވެސް ރާއްޖެއަކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"ގައުމެއްގެ ދިފާއީ ބާރަކުން ރާއްޖެއަށް އަރަންޖެހޭފަދަ ހާލަތެއް ރާއްޖެއަކު ނެތް. ގަތުލު އާންމެއް ހިނގަނީއެއް ނޫން. އަދި ބިދޭސީން ހާލުގައިޖެހި އެފަރާތްތައް ސަލާމަތް ކުރުމަށް ބަޔަކު އަންނަންޖެހޭފަދަ ޙާލަތެއްވެސް އޮތީއެއް ނޫން،" އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާއިންވެސް އަދި ޗައިނާއިންވެސް ރާއްޖެއަށް ސިފައިން ފޮނުވަން މަސައްކަތް ކުރާކަމެއް ރަސްމީކޮށް އެނގިވަޑައިގެންފައި ނުވާކަމަށެވެ. އިންޑިއާއިންވެސް އަދި ޗައިނާއިންވެސް "ރަސްމީ ސިފައެއްގައި އެފަދަ ވާހަކައެއް (ރާއްޖެއަށް ސިފައިން ފޮނުވާ ވާހަކަ) ވިދާޅުވެފައިވާކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް،" އަހުމަދު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވަޖެހިދާނެ ކަމަށް އެގައުމުގެ ސަރުކާރުން ވިދާޅުނުވިޔަސް ވެރިކަންކުރާ ޕާޓީގެ ލީޑަރު ވިދާޅުވެފައިވަނީ ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އިންޑިއާގެ މިވާހަކަތަކަށް ޗައިނާއިންވެސް މިހާރުވަނީ ރައްދު ދީފައެވެ. އެގައުމުން ބުނެފައިވަނީ ބައިނަލްއަގުވާމީ އުސޫލުން ބޭރުން އިންޑިއާ އަމިއްލަ އަމިއްލައަށް ރާއްޖެއާ ދިމާކޮށްފިނަމަ ދެއަތް އުރައިގެން ބަލަން ނޯންނާނެ ކަމަށެވެ.