
ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، "އައްސޭރި ޓުއަރިޒަމް" ކޮންސެޕްޓް ޙަގީގަތަކަށް ހައްދަވާނެ ކަަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓޫގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓޫއަރިޒަމަށް 6000 އެނދު ނެރެ، މުޅިން އަލަށް 10000 ވަޒީފާ އުފައްދަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރައްވާނީ، އެ އިންވެސްޓްމަންޓު ގައި ސަރުކާރުގެ ބައިވެރިވުން ވެސް އޮންނަގޮތަށް ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީ ހިތަދުއާއި، ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫ، ބްރިޖަކުން ގުޅާލާނެ ކަމަށާއި އައްޑޫ ސިޓީގައި ސީ ޕްލޭން ހަބެއް ޤާއިމުކުރައްވާނެ ކަމަށެވެ. އަދި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށްވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫ ހުޅުމީދުއާއި ހިތަދޫ ގުޅާލުމަކީ ރައީސް ޔާމިން ވެވަޑައިގެންނެވި ވަޢުދެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ އައްޑޫގެ ޓުއަރިޒަމް ޕްލޭނާއެކު ތަރައްޤީއާއި ކުރިމަގަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއީ އައްޑުއަށް ތަފާތު ގެންނާނެ މަޝްރޫއަކަށް ވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރައްވާނެކަމަށާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ ބޭނުމަކަށްވީ، ރަށުން ބޭރަށް ނުގޮސް ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދިނުންކަމަށާއި އެހެންކަމުން ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް، އަމިއްލަ ރަށުގައި ތިބެގެން ސިއްޙީ ބޮޑެތި ޚިދުމަތްތައް ލިބޭނެ މަގު އައްޑޫގެ ރައްޔިތުންނަށް ފަހިކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.