ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހަމަޖައްސައިފިއެވެ.
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އިއްޔެ އައްޔަން ކުރައްވާފައިވާ އަލީ ވަހީދަށް އިންތިހާބީ އެޖެންޓުކަން ހަވާލުކުރެއްވީ މިއަދުއެވެ.
ޖޭޕީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވަނީ އެކަމުގެ ލިޔުން އަލީ ވަހީދާއި ހަވާލުކުރައްވާފައެވެ.
ގާސިމަށް ޝުކުރު އަދާކުރައްވާ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމުގެ އިންތިހާބީ އެޖެންޓު ކަމާ، އޭނާ ހަވާލުވީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެދޭ ފަދަ އޯގާތެރި ޑައިނަމިކް ވެރިކަމެއް ދިވެހިންނަށް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ
މީގެ އިތުރުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެޑްވައިޒަރުކަމުން މިދިޔަ މަހު އިސްތިއުފާ ދެއްވި ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު، މިއަދު ވަނީ ޖޭޕީ އާ ގުޅިފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެެއްގެ ގޮތުގައި ހުންނަވާ ޝިހާބަކީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ކުރީން ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވަން ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން ވަޑައިގެންނެވި ބޭފުޅެކެވެ.
ނާޒިމަކީ އެއް އިރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް، އެހާމެ އިތުބާރު ކުރެއްވި ބޭފުޅެއްނަމަވެސް ޔާމީންގެ ވެރިކަމުގައި ދެ ބޭފުޅުންގެ ޚިޔާލުތަފާތުވުމުގެ ސަބަަބުން، ގުޅުން ގޯސްވިއެވެ. އަދި ނާޒިމް ވަނީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި އެ މަނިކުފާނާ ދެކޮޅަށް ހެކިބަސް ވެސް ދެއްވާފައެވެ.