ޕާކިސްތާނުގެ އިނދަޖެހިފައިވާ އިގުތިސާދު ކޮޅަށްޖެހުމަށްޓަކައި 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ޕްރޮގްރާމެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބޯޑުން އިއްޔެ ފާސްކޮށްފިއެވެ. މީގެ ތެރޭން 1.2 ބިލިއަން ޑޮލަރު ވަގުތުން ދޭން ވަނީ ނިންމާފައެވެ. ފާއިތުވި ޖޫން މަހުގެ 29 ވަނަ ދުވަހު ޕާކިސްތާނާއި އައިއެމްއެފުން ވަނީ ލޯނު އެހީއާ ބެހޭ ސްޓޭންޑްބައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
"އިގުތިސާދު ހަމައަކަށް އެޅުމުވުމަށް ސަރުކާރަށް އެހީވުމުގެ ގޮތުން ޕާކިސްތާނަށް 2250 މިލިއަން އެސްޑީއާރު (ގާތްގަނޑަކަށް 3 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ (ޕާކިސްތާނަށް) ކަނޑައަޅާފައިވާ ކޯޓާގެ %11) ދިނުމާބެހޭ 9 މަސް ދުވަހުގެ ސްޓޭންޑްބައި އެއްބަސްވުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ އެގްޒެކަޓިވް ބޯޑުން ވަނީ ފާސްކޮށްފައި." އައިއެމްއެފުން ނެރުނު ބަޔާނެއްގައި ވެއެވެ.
"އުދަނގޫ ޚާރިޖީ ވެށްޓަކާއި، ސުންނާފަތިކުރަނިވި ފެންބޮޑުވުމާއި، ނުރަނގަޅު ސިޔާސަތުގެ ނަތީޖާއަކަށް ވެފައި ވަނީ ބޮޑެތި ފިސްކަލް އަދި ބޭރުގެ ލޯނުތައް ނަގަންޖެހުން. އަދި އިންފްލޭޝަން ރޭޓް މަތިވެ، 2023 މާލީ އަހަރުގެ މާލީ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައި." އައިއެމްއެފްގެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
އައިއެމްއެފްގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުންގައި 3 ބިލިއަން ޑޮލަރުގެ ލޯނުގެ ތެރޭން 1.2 ބިލިއަން ޑޮލަރު ވަގުތުން ދިނުމަށްފަހު، ބާކީ ބައި ދެވޭނީ ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި އެކި ފަހަރުމަތިންނެވެ.
އައިއެމްއެފްގެ ލޯން ޕްރޮގްރާމް ފާސްކުރުމުގެ ކުރިން ސައޫދީ އަރަބިއްޔާއިން ވަނީ ޕާކިސްތާނުގެ މަރުކަޒީ ބޭންކް، ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުގައި 2 ބިލިއަން އެމެރިކާ ޑޮލަރު ޑިޕޮޒިޓްކޮށްފައެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ 1 ބިލިއަން ޑޮލަރު ޑިޕޮޒިޓްކޮށްފައެވެ. އެއީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށެވެ. އޭރު ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ހުރީ 4 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އެއީ މަހެއްހާ ދުވަހަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރެވޭނެ ފައިސާއެވެ.
ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާޤް ދާރް ވިދާޅުވި ގޮތުގައި މި ޖުލައި މަސް ނިމޭއިރު ބޭރު ފައިސާގެ ރިޒާވް 15 ބިލިއަން ޑޮލަރާ ހަމައަށް މަތިކުރެވޭނެއެވެ.
ލޯން ޕްރޮގްރާމް ފާސްކުރުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ވަނީ އެކަމަށް މަރުހަބާވިދާޅުވެފައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި އެ ޕްރޮގްރާމަކީ އިގްތިސާދު ހަމައަކަށް އަޅުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި "ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެކެވެ."