ބާރު ސްޕީޑުގައިދިޔަ ކާރެއް ގަން ކޯޒްވޭމަތިން މޫދަށް ވެއްޓިއްޖެ

އައްޑޫސިޓީ ގަމާއި ފޭދުއާ ދެމެދު އޮންނަ ކޯޒުވޭމަތިން ބާރުސްޕީޑުގައި ދުއްވައިފައިދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް މޫދަށް ވެއްޓިއްޖެއެވެ.

މަންޒަރު ދުށްމީހަކުބުނީ އެކާރުދިޔައީ ފޭދުއާވީކޮޅުން ގަމަށްދާން ކަމަށެވެ. "ވަރަށްބާރަށް ދަނިކޮށް ކޮންޓްރޯލް ނުވެގޮސް ކޯޒްވޭގެ ކަނާތްފަރާތުން މޫދަށް ވެއްޓުނީ. ވެއްޓިފައި ބްރިޖު ދަށުންގޮސް އަނެއްފަރާތަށް ކާރުދިޔައީ. އޭގައި ދުއްވަންއިންމީހާ ވަނީ ސަލާމަތުން މައްޗަށް އައިފައި،" މަންޒަރު ދުށްކަމަށް ބުނާ މީހާ ބުންޏެވެ.

އާފަތިހަށް މައުލޫމާތު ދިންމީހާ ބުނީ ކާރުގައި އިތުރުމީހަކު އިންކަމަށް އެ ދުއްވަންއިން މީހާބުނި ކަމަށެވެ. އެހެންނަމަވެސް ކާރުގައި ވަލެއްޖަހައިގެން ދަމައި ގެނެސް ބެލިއިރު އޭގައި މީހަކުނެތް ކަމަށްވެސް އެމީހާ ބުންޏެވެ.

"ޑްރައިވަރު އެއްގަމަށް އަރައިބުނި އޭނާއާއެކު އިތުރު މީހަކު ކާރުގައި އިންކަމަށް. އެކަމަކު ކާރުގައި ވަލެއްޖަހައި ދަމައި ކައިރިކޮށްގެން ބެލިއިރު އޭގައި އިތުރުމީހަކުނެތް. ކާރާއި އޭގައި އިންކަމަށް ބުނާ އިތުރުމީހާ ހޯދުމަށް އާންމުންގެ މީހެއްގެ އިތުރަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ތިންމީހަކު މޫދަށް ފުންމައިގެން މަސައްކަތްކުރި. މިހާރު ލޯންޗެއްވެސް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން" އެމީހާ ބުންޏެވެ.

ސަލާމަތްވި މީހާ މިހާރުވަނީ އެމްބިޔުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ދެންމެ މައުލޫމާތު ލިބުނު ގޮތުގައި އިތުރު މީހަކު އެކާރަކުނެތެވެ. ކާރުގައި އިން ކަމަށް ބުނިމީހާ އޮތީ ގޭގައި ނިދާފައި ކަމަށްވެސް މައުލޫމާތު ދެންމެވަނީ ލިބިފައެވެ.

މިހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ ފަރާތުން ލިބޭގޮތެއް އަދި ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.