ހިތަދޫ ދޮންލަފަރުގޭގައި ރޯވެ ބޮޑެތި ގެއްލުވެއްޖެ

އައްޑޫސިޓީ ހިތަދޫ ދޮންލަފަރު ގޭގައި ރޯވެ ވަރަށްބޮޑަށް އަނދައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި ރޯވެފައިވަނީ މިރޭ މެންދަމު 1:30 އެހައިކަންހާއިރުއެވެ.

ގޭގައި ރޯވިއިރު އަންހެނަކު އެގޭ ކޮޓަރިއެއްގައި ނިދާފައިއޮތެވެ. އޭނާއަށް ހޭލެވުނުއިރު އަލިފާންވަނީ ރޯވެފައި ކަމަށް މައުލޫމާތުވަނީ ލިބިފައެވެ. އޭނާއަށް އެކޮޓަރިން ނުކުމެވުނީ އެ ވަގުތު ހޮސްޕިޓަލުގައިހުރި އޭނާގެ ކޮއްކޮއަށް ގުޅައިގެން އޭނާ ގެއަށް އައިސް ރައްޓެއްސެއްގެ އެހީގައެވެ.

"އަހަރެމެން އެ އަންހެން މީހާނެރުނީ ގޭގެ ކުޑަދޮރެއް ހަލާކުކޮށްގެން. އޭރު ގޭގައިވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައި. އޭރު ފުލުހުންނަށްވެސް ގުޅައިފިން. އެކަމަކު އެމީހުންނަށް އާދެވުނީ ވަރަށްފަހުން،" އެގެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި ޒުވާނަކު ބުންޏެވެ.

އަލިފާން ނިއްވާ މީހުންނަށް ގުޅައިގެން އެމީހުންނަށް އާދެވުނީ 1:55 ގައެވެ. އެމީހުންނަށް ގޭގެ އަލިފާންގަނޑު އެއްކޮށް ނިއްވައިލެވިފައިވަނީ 3:10 އެހައިކަންހާއިރުއެވެ. އަދިވެސް އެގޭގައި ފުލުހުންނާއި، އަލިފާން ނިއްވާ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެގޭ ބައެއް މީހުން ތުހުމަތުކުރަނީ އެގޭގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ. ރޯކޮށްފައިވަނީ މޫނުލިވައިކޮށްގެންތިބި ބަޔަކު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގައި އޭގެ ބަދިގެއާ، އެނދާއި، ގޮދަޑިއަށް މާބޮޑު ގެއްލުމެއް ލިބިފައިނުވެއެވެ. އެހެންނަމަވެސް ގޭގައިހުރި ކަރަންޓު ފުރިޖާއި އަދިވެސް އެބާވަތުގެ އެތައް ސާމާނެއްވަނީ އަނދައިގެންގޮސްފައެވެ. އޭގެ ތެރޭގައި ވޭވްސައިކަލެއްވެސް ވަނީ އަނދައިގެންގޮސްފައެވެ. އޭގެވެސްހުރީ ދަގަނޑުގަނޑު އެކަނި ކަމަށް މައުލޫމާތުވަނީ ލިބިފައެވެ. އޭގެ އިތުރަށް އެގޭ ފަންކާތައްވެސްވަނީ އަނދައިގެން ގޮސްފައެވެ. އެގޭގައިހުރި ފައިސާތަކެއްވެސް އަނދައިގެންދިޔަ ކަމަށްވެއެވެ. މި ކަމާގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އެގޭގެ އިތުރަށް ހިތަދޫގައި މިރޭވަނީ އިތުރު ދެގެއެއްގައިވެސް ރޯކޮށްފައެވެ. އެއީ ވައިޓުހީރާ ކިޔާ ގެއަކާއި ރަސްރީތި ކިޔާ ގެއެކެވެ. އެ ހާދިސާއާ ބެހޭ މާބޮޑު ތަފްސީލެއް ލިބޭގޮތެއް ނުވިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީހުން ބުނީ މިއީ މިރޭހިންގި ސިލްސިލާއެއް ކަމަށެވެ. އެއީ ގޫރޫޕްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކުގައި ހިނގައިދިޔަ ހާދިސާތަކެއް ކަމަށް އެމީހުން ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.