
ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު މިހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ސަރުކާރުން ނިންމައިފި.
އަސްލަމް ވިދާޅުވީ ގޯތީގެ ސައިޒު ހުންނާނީ އެޕްލިކަންޓުގެ އަދަދަށް ބަލައިގެންކަމަށާއި އެގޮތުން ގިނަ ބޭފުޅުންގެ ނަމުގައި ހުންނަ ފޯމްތަކަށް ލިބޭ ގޯތީގެ ސައިޒު، އެންމެ ބޭފުޅެއްގެ ނަމުގައި ހުށަހަޅުއްވާ ފޯމަށް ލިބޭ ގޯއްޗަށް ވުރެ ބޮޑުވާނެކަމަށެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު ގެޒެޓްކުރެއްވުމަށްފަހު، 15 ޖުލައިއާ ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށާއި އެ މުއްދަތު ހަމަވުމުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކުރައްވާނެކަމަށް ވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި މި ސްކީމަށް 15،164 ފޯމް ހުށަހެޅި ކަމަށެވެ. އަދި އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށްއަސްލަމް ވިދާޅުވި އެވެ.
އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.