
ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އާލްސުޢޫދު އީރާނަށް ވަޑައިގެންފިއެވެ. އީރާނުގެ ވެރިރަށް ތެހެރާނަށް މިއަދު ވަޑައިގެން އޭނާ ވަނީ އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރްޢަބްދުއްހިޔާންއާ ބައްދަލުކުރައްވައިފައެވެ. މިއީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ދެގައުމުން އަލުން ގާއިމުކުރުމަށް ފަހު ސައޫދީ ވަޒީރަކު އީރާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ޚާރިޖީ ވަޒީރު ފަރްޙާން މިއަދުގެ ވަގުތެއްގައި އީރާނުގެ ރައީސު އިބްރާހީމް ރައީސީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީރާނުގައި ހުންނަ ސައޫދި އެންބަސީ މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. ގުޅުން ރަނގަޅުވުމަށް ފަހު ދެގައުމުން ވެސް ވަނީ އެއް ގައުމުގައި ހުންނަ އަނެއް ގައުމުގެ އެންބަސީ އަލުން ހުޅުވާފައެވެ.
ދެގައުމުގެ ޚާރިޖީ ވަޒީރުން ވަނީ މިމަހުގެ ކުރީކޮޅު ދެކުނު އެފްރިކާގައި ބައްދަލުކުރައްވާފައެވެ. އެއީ ދެކުނު އެފްރިކާގައި ކުރިއަށް ދިޔަ ބްރިކްސްގެ ބައްދަލުވުމުގައި ބައިވެވެވަޑައިތުމަށް ދެބޭފުޅުންވެސް އެގައުމަށް ވަޑައިގެން އުޅުއްވަމުންނެވެ.
އީރާނުގެ ތެހެރާނުގައި ހުރި ސައޫދީ އެންބަސީއާއި، މަޝްހަދުގައި ހުރި ސައޫދީ ކޮންސިއުލޭޓަށް ބަޔަކު ހަމަލާދީ ރޯކޮށްލުމާ ގުޅިންގެން 2016 ވަނަ އަހަރު ސައޫދީ އަރަބިއްޔާއިން އީރާނާ ގުޅުން ކަނޑައިލިފަހުން ސައޫދީ ވަޒީރަކު އީރާނަށް ވަޑައިގެންފައި ނުވެއެވެ. ސައޫދީ އަރަބިއްޔާގެ އެންބަސީއާ ކޮންސިއުލޭޓުގައި ރޯކޮށްލީ، ސައޫދީ ޝީޢީ ދީނީ ލީޑަރަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން އެގައުމާ ދެކޮޅަށް އީރާނުގައި ކުރިއަށް ދިޔަ އިހުތިޖާޖެއްގެ ތެރޭންނެވެ.
އީރާނާއި ސައޫދީ އަރަބިއްޔާގެ ގުޅުން އާދައިގެ ހާލަތަށް ގެނައުމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައި ވަނީ ޗައިނާއިންނެވެ.