
މާލޭގައި ރަހީނުކޮށްފައި ތިބި 3 ދިވެހިން، ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ އެ 3 މީހުން ރަހީނުކޮށްފައި ތިބީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ކަމަށެވެ. އަދި އެ ރިޕޯޓު ލިބުމާއެކު އެތަނަށް ފުލުހުން މިއަދުގޮސް ބާރުގެ ބޭނުންކޮށްގެން އެތަނުގެ އެތެރެއަށް ވަދެފައިވާ ކަމަށެވެ.
އެ ތަނުގައި ރަހީނުކޮށްފައި ތިބީ ދިވެހި ތިން ފިރިހެނުން ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެމީހުން ސަލާމަތްކޮށް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށް ވެސް ބުންޏެވެ.
މި 3 ދިވެހިން ރަހީނު ކޮށްފައި ތިބި މައްސަލައާއި ގުޅިގެން 18 ނުފުރޭ ކުއްޖަކާއި އިތުރު ދިވެއްސަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން އަންނަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.