ރާއްޖޭގައި މިހާރު އިއުލާން ކުރައްވައިފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭގޮތުން ސާބިތުނުހިފޭ ވާހަކަތައް މީސް މީޑިއާގައި ނުފެތުރުމަށް ދިވެހި އަސްކަރިއްޔާއިން ނަސޭހަތް ދެއްވައިފިއެވެ.
އެމްއެޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި މިވަގުތު އިއުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސިފައިންގެ މީހުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ހާމަކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އޭގެ އިތުރަށް ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭފަދަގޮތަށާއި، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މައޫލޫމާތު ފަތުރަމުންދާކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ ގޮތަށް އެފަދަ ވާހަކަ ނުފެތުރުމަށް ނަސޭހަތް ދެއްވާކަމަށް އެބަޔާނުގައިވެއެވެ. އެފަދަ ވާހަކަތަކަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިދާނެ ވާހަކަތައް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ގައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ގާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލާޒިމުކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." އެބަޔާނުގައި ވެއެވ