ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އާންމު ހާލަތުގައި ކަމަށް ރާއްޖެއިން ސައުދީއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.
ސަފީރު އަބްދުﷲ ހަމީދު ވެފައިވަނީ ސިޔާސީ މަސްރަހުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްނެތް ކަމަށާއި ޖުޑިޝަލްގެ މަސައްކަތްތައްވެސް ބަރާބަރަށް ކުރިއަށް ހިނގަމުންދާ ކަމަށެވެ.
ރައީސުލް ޖުމްހުރިއްޔާ ، ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން "ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންސް" ގެ ޖެނެރަލް ސެކެޓްރީ ވަނީ މިދިޔަ ބުރާސް ފަތި ދުވަހު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ސައުދީ ނޫހެއް ކަމަށްވާ ޢަރަބް ނިއުސް އަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވެފައިވަނީ ކުއްލި ހާލަތު އިއުލާން ކުރެއްވި ނަމަވެސް ރާއްޖޭގެ ރިސޯޓު ތަކަށާއި ފަތުރުވެރިންނަށް އެއިން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. ސުކޫލް ތަކަށާއި ވިޔަފާރި ތަކަށްވެސް އެކަމުގެ ސަބަބުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރައްވާފައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދިފާއީ ބާރުތަކުގެ މަޝްވަރާގެ މަތިން ކަމަށްވެސް ހަމީދު ވިދާޅު ވެފައި ވެއެވެ.
ސަފީރު މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި މިވަގުތު އިއުލާން ކުރައްވާފައި މިވާ ކުއްލި ހާލަތަކީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތް ތަކުންވަނީ ބުނެފައެވެ.
ކުއްލި ހާލަތު އިއުލާން ކުރެއްވުމަށްފަހު ރާއްޖޭގެ ފުލުހުންނާއި ސިފައިން ވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ހައްޔަރުކޮށްފައެވެ.
އެބޭފުޅުން ހައްޔަރުކޮށްފައިވަނީ ރިޝްވަތުދިނުމާއި، ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތުގައެވެ.