އަމީނީމަގުގެ ޝަކުވާތައް ދަނީ ލިބެމުން: މޭޔަރ މުޢިއްޒު

އަމީނީމަގުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ ދިއުމުގެ ސަބަބުން އެ މަގުގެ ދެފަރާތުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރި ވެރިންގެ އިތުރުން އެ ސަރަޙައްދަށް ނިސްބަތްވާ އާންމުގެ ގިނަ ޝަކުވާތަކެއް މާލެސިޓީ ކައުންސިލަށާ މާލެސިޓީގެ މޭޔަރަށްވެސް ލިބެމުންދާ ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި އަމީނީމަގުގެ މަސައްކަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މޭޔަރ މުޢިއްޒު ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި މިއީ ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުމެއްކަމަށެވެ. އަދި މި ކަންބޮޑުވުންތައް ކަމާއިގުޅޭ ފަރާތްތަކަށް ފޯރުކޮށްދިންނަމަވެސް ޖަވާބުދާރީ ވެފައިނުވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ އަމީނީމަގު މަޝްރޫޢުއަށް 84 މިލިއަން ރުފިޔާ ހޭދަކުރިނަމަވެސް މިއީ 39 މިލިއަނަށް ވާންއޮތް ކަމެއް ކަމަށެވެ. މާލެ ސިޓީ ކައުންސިލާއި އެކު ކުރިން ހެދިފައިވާ ސްކޯޕަށް ބަދަލެއްނާންނަ ކަމަށާއި މަޝްރޫޢުގަ ކުރިން ހިމަނާފަހުރި ކަންކަމަކަށް އެއްވެސް ކަމެއް އިތުރުވެފައިނުވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މި އަގަށް މިހާބޮޑު ބަދަލެއް ގެނައި ސަބަބެއްކަމުގަ ބުނެވެންއޮންނާނީ އޭރު ސިޓީ ކައުންސިލުން ކުރަންއޮތް މުއްދަތަށްވުރެ މާ އަވަހަށް މަސައްކަތް ނިންމުން ކަމަށާއި އަވަސްކުރާނަމަ ނުވަތަ ރިސޯސަސް އިތުރުކުރާނަމަ އަގު ބޮޑުވެދާނެ ކަމަށެވެ. އެހެންނަމަވެސް މިހާދުވަސް ވެގެން ދިޔައިރު މަސައްކަތްތުގެ ސްޕީޑަށް ބަދަލެއް ނައިއިރު ގާތްގަނޑަކަށް ނިމިފައިވަނީ އަމީނީމަގުގެ 10 އިންސައްތަ ކަމަށެވެ.

އަމީނީ މަގު ހަދަމުންދާގޮތުން މީގެ ކުރިންވެސް މޭޔަރ މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.