ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށްޓަކައި އިންޑިއާ ސަރުކާރާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ޗައިނާއިން ބުނެފިއެވެ.
މި ކަމާބެހޭ ގޮތުން ޗައިނާ ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖޭގެ މިހާރުގެ ހާލަތު އިތުރަށްގޯސް ވުމަށް އެއްގޮތަކަށްވެސް ނޭދޭކަމަށެވެ.
އިންޑިއާގެ ދިފާއީ ބާރުން ރާއްޖެއަށް އައުމަށް ތައްޔާރަށް އޮތްކަމަށް ބުނާބުނުމަށްވެސް ޗައިނާއިންވަނީ ވާހަކަ ދައްކައިފައެވެ. ޗައިނާއިން ތަކުރާރުކޮށް ބުނަމުން ގެންދަނީ މިވަގުތު ރާއްޖޭގައިހުރި މައްސަލަތަކަކީ ރާއްޖޭގެ ދާޚިލީ (އެތެރޭގެ) މައްސަލަތަކެއް ކަމަށެވެ. އެހެންވީމާ އެއީ މަޝްވަރާކޮށްގެން ހައްލުކުރެވޭނެ މައްސަލަތަކެއް ކަމަށް ގަބޫލުކުރާ ކަމަށް ޗައިނާއިންވަނީ ބުނެފައެވެ.
ރާއްޖޭގައި މިވަގުތުއޮތް ހާލަތާ ބެހޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވައިފައިވާ ވާހަކަފުޅާ ބެހޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅު ވެފައިވަނީ ބައިނަލްއަގުއާމީ ފަރާތްތަކުން ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
އިންޑިއާގެ ދިފާއީ ބާރުން ރާއްޖެ އައުމަށް ޖެހިއްޖެ ހާލަތެއްގައި ތައްޔާރަށް އޮތް އޮތުމާބެހޭގޮތުން ތަރުޖަމާނު ވިދާޅުވެފައި ވަނީ އެހެން ގައުމު ތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އެހެން ގައުމު ތަކުން ނުވަނުމަކީ ހިފަހައްޓަންޖެހޭ ރީތި އަދި މުހިންމު އުސޫލެއް ކަމަށެވެ.
ރާއްޖޭގައި މިވަގުތުއޮތް މަސްރަހު ހަލަބޮލި ކަމެއްގެ ތެރެއަށް އިތުރަށް ވައްޓާލުމުގެ ބަދަލުގައި އެ މަސްރަހު އާންމު ހާލަތަށް ބަދަލުކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން ޗައިނާގެ އިސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް ޔާމީން ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެގައުމަށް ފޮނުއްވައިފައެވެ.