އެމެރިކާގައި 2024 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައިސު ޖޯ ބައިޑަން އިއުލާންކުރެއްވުމާއެކު އޭނާގެ ޕާޓީ، ޑިމޮކްރެޓިކް ޕާޓީގެ އިސް ލީޑަރުން ވަނީ އޭނާއަށް ތާއީދުކުރައްވާފައެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީން ނުކުންނާނެ ކަމަށް ބެލެވޭ ވާދަވެރިންނާ ކުރިމަތިލައްވައި ކާމިޔާބު ކުރެއްވުމުގެ އުއްމީދު އެންމެ ބޮޑު ބޭފުޅަކީ ރައީސު ބައިޑަންއެވެ.
ބައިޑަން އޭނާގެ ނިންމެވުން އިއްޔެ އިއުލާންކުރެއްވުމާއެކު، އުމުރުފުޅުން 80 އަހަރުފުޅުވެފައިވާ ކުރީގެ ސެނެޓަރު އަދި ކުރީގެ ނާއިބު ރައީސު އެއްފަރާތަކަށް ޖެހިވަޑައިގެން ޒުވާން ބޭފުޅަކަށް ފުރުސަތު ދެއްވަފާނެކަމަށް ދެކެވެމުން އައި ވާހަކަތަކަށް ވަނީ ނިމުމެއް އައިސްފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އާދަކާދައަށް ބަލާއިރު، ވެރިކަމުގައި ހުންނެވި ރައީސަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ އޭނާއާ ދެކޮޅަށް، ޕާޓީ ތެރޭން ނުފޫޒުގަދަ ބޭފުޅަކު ނުނުކުންނަވައެވެ. އެ އާދަ ދަމަހައްޓަމުން، ޑިމޮކްރެޓިކް ޕާޓީންވެސް ރައީސު ބައިޑަންއާ ދެކޮޅަށް ބޭފުޅަކު ނުކުންނަވާ މަންޒަރެއް ނުފެނެއެވެ.
އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ އިސް ބޭފުޅެއް ކަމުގައިވާ އަދި ބްރޫކްލީން އިންސްޓިޓިއުޓްގެ ގަވަރނެންސް ސްޓަޑީޒް ޕްރޮގްރާމުގެ އިސް ބޭފުޅެއް ކަމުގައިވާ އެލެއިން ކަމާކް ވިދާޅުވި ގޮތުގައި ބައިޑަންގެ އުމުރުފުޅާ މެދު އޮތް ނުތަނަވަސްކަން އެއްފަރާތްކުރައްވައި، ޑިމޮކްރެޓިކް އިސް ލީޑަރުން ތިއްބެވީ ބައިޑަންއަށް ތާއީދުކުރެއްވުމުގައި އެކަތިގަނޑަކަށެވެ.
"އޭނާއަކީ 80 އަހަރުގެ ބޭފުޅަކަށް ވުމުގެ ބަދަލުގައި 60 އަހަރުގެ ބޭފުޅަކަށް ވީނަމައޭ މީހުން އުއްމީދުކޮށްފާނެ. އެކަމަކު އެކަމަކު އެކަމާމެދު އެއްވެސް މީހަކު ކުރާނެ ކަމެއް ނެތް. ކަން އޮތް ގޮތަކީ އެއީ." އޭނާ ވިދާޅުވިއެވެ.
"އޭނާ ވެރިކަން ކުރައްވަމުން ގެންދަވާ ގޮތާމެދު ޑިމޮކްރެޓުން ހިތްހަމަޖެހޭ. އެމީހުން ދެކެނީ އޭނާއަކީ ހަރުދަނާ ކަމާއެކު ކުރިއަށް ވަޑައިގެންނެވޭނޭ، މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރެއްވޭނޭ ބޭފުޅެއް ކަމުގައި." ކަމާކް ވިދާޅުވިއެވެ.
ވާތު ފިޔައަށް ބުރަވާ ނިއު ޑިމޮރެޓް ނެޓްވާކްގެ ބާނީ އަދި ރައީސު ސައިމަން ރޯޒަންބާގް ދެކެވަޑައިގަންނަވާ ދެކެވަޑައިގަންނަވާ ގޮތުގައި، ވެރިކަން ހިންގުމުގައި ރައީސު ބައިޑަން މިހާތަނަށް ދައްކަވާފައިވާ ހަރުދަނާކަމަކީ ވޯޓުލާ މީހުން އޭނާގެ ކޮޅަށް އަނބުރައިލާނެ ކަމެކެވެ.
"އެންމެ ފަހު ބަހަކަށް ބުނަން އޮތީ ރައީސު ބައިޑަން ވަނީ އޭނާއަކީ ރަނގަޅު ރައީސެއްކަން ދައްކަވާފައި ކަމުގައި. މިއީ އޭނާ އަލުން އިންތިޚާބުވެވަޑައިގަތުމަށް ލިބޭ މައިގަނޑު ބާރެއް." އޭނާ ވިދާޅުވިއެވެ.
ޕާޓީގެ އިސް ބޭފުޅުންގެ ޚިޔާލު މިހެން ހުރިނަމަވެސް، ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާމެދު ޕާޓީގެ އާއްމު މެންބަރުންގެ ޚިޔާލުވަނީ ބައިބައިވެފައެވެ. ދާދި ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ އާއްމު މެންބަރުންގެ %51 ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ދެކޮޅެވެ. ޚިޔާލު ހޯދުމުގެ އެހެން ވޯޓެއްގެ ނަތީޖާ ދައްކާ ގޮތުން 47% މެންބަރުން އެކަމާ ދެކޮޅެވެ.