އައްޑޫ ސިޓީގައި ހަދާ ތާރުމަގުތަކަށް މިވަނީ ކީއް؟

ތާރު އަޅައިގެން އައްޑޫސިޓީގައި ހެދުމަށް ހަމަޖެހިފައިވާ 19 މަގުގެ މަސައްކަތް އަދިވެސް ނުފެށެއެވެ. އެތައް ފަހަރެއްގެ މަތިން ތާރީޚުވެސް ދެއްވައިފިއެވެ. އެކަމަކުވެސް އަމަލީ މަސައްކަތެއް އަދިވެސް ނުފެށެއެވެ. އެ މަސައްކަތް ފެށުމުގެ އިންތިޒާރުގައި ލައްކަގިނަ މީހުން އެބަތިބިއެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު އަމަން އަލީ (ޓޮމް) ވިދާޅުވީ އެމަސައްކަތް ކުރާނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށްދާނެ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ނުފެށި ލަސްވާ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރުވެސް މަގުތަކުގެ މަސައްކަތް ފެށިދާނެ. އެކަމަކު ނިމޭއިރު އެންމެ ފުރިހަމަގޮތުގައި ނުހުރެދާނެ. ތެޅިފޮޅިގެން އެކަން ކުރުމުގެ ބަދަލުގައި ރަނގަޅަށް އެމަސައްކަތް ކުރުން މުސްތަގުބަލަށް ފައިދާވާނީ. ކުރީގެ ބައެއް ސަރުކާރުތަކުން އެހުރީ ތެޅިފޮޅިގެން ބައެއް މަގުތައް ހަދައިފައި. އޭގެ ސަބަބުން މިހާރު އެބަޖެހޭ މަގުތައް ކޮނެގެން ތަފާޓު ކޭބަލްތަކާއި ހޮޅިތައް ވަޅުލާއިރު ސަރުކާރުން ބޮޑު ހޭދައެއްކުރަން. އެގޮތަށްވާކަށް ބޭނުމެއްނޫން،" އޭނާ ވިދާޅުވިއެވެ.

އަމަން ވިދާޅުވީ އައްޑޫ ރައްޔިތުގެ މުސްތަގުބަލަށް އެންމެ ފައިދާވާނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގެވުމަކީ ސަރުކާރުގެ ވަރަށްބޮޑު އުންމީދެއް ކަމަށެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާއިރު އެއާކު ސާވޭގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް އަމަން ވިދާޅުވިއެވެ.

"ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުންޏެއްވެސް އެބަ ހަރަކާތްތެރިވޭ. އެ ކުންފުނިތަކުން ބައެއްކަހަލަ ކޭބަލްތައް ވަޅުލުމުގެ މަސައްކަތް އައްޑޫގައި ކުރިއަށް އެބަދޭ. އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ނޭނގޭ. ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފެންހޮޅި ލުމުގެ މަޝްރޫއާއި، ނަރުދަމާގެ މަޝްރޫއާއި މިހެންގޮސް އެތައް ކަމެއް އައްޑޫގައި އެބަހިނގާ. އެކަންކަން ނިމުނީމައި މަގުތައް ހަދަން ފެށުން މާބުއްދިވެރިވާނެ،" އޭނާ ވިދާޅުވިއެވެ.

އަމަން ވިދާޅުވީ އެ މަސައްކަތައް އަވަސްކުރުމާ ބެހޭ ގޮތުން އެފަރާތްތަކާ މަޝްވަރާ ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. މަގުތައް ކޮނެގެން ވަޅުލަންޖެހޭ އެފަދަ ކޭބަލްތައް ވަޅުލަމުންދަނިކޮށް، ތާރުއަޅައިގެން މަގު ހަދަން ފެށުމުން ފަސޭހަނުވާނެ ކަމަށް އަމަން ވިދާޅުވިއެވެ. އެހެންވީމާ މިސަރުކާރުން އެމަސައްކަތް ކުރައްވާނީ އަލުން ތާރުގަނޑު ކަނޑަން ޖެހުނަސް ވީހާވެސް ފަސޭހައިން ޚަރަދު ކުޑަގޮތަކަށް އެކަން ކުރެވޭނެ ގޮތްގޮތަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުތައް ހެދުމުގެ އަމަލީ މަސައްލަތް ފެށުމަށް ރަނގަޅުވާނީ ވަޅުލަންޖެހޭ ކޭބަލްއެއް ވަޅުލައި ނިމިގެން ކަމަށް އަމަން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.